ENGLISH
07 ޖުލައި 2026
ކޫލް ސްކޫލު މަޝްރޫއު؛ %61 ސްކޫލުގައި އޭސީ ހަރުކޮށް، ދެވަނަ ޓާމް ފެށުމުގެ ކުރިން ބާކީ ސްކޫލުތައް ނިމޭނެ
07 ޖުލައި 2026
|
ކޫލް ސްކޫލު މަޝްރޫއުގެ ދަށުން 61 އިންސައްތަ ސްކޫލުގައި އޭސީ ހަރުކޮށް ނިމިއްޖެ
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކިލާސްތަކުގައި އެއާ-ކޮންްޑިޝަން ހަރުކުރުމަށް ހިންގަމުންދާ "ކޫލް ސްކޫލު" މަޝްރޫއުގެ ދަށުން މިހާތަނަށް 61 އިންސައްތަ ސްކޫލުގައި އޭސީ ހަރުކޮށް، ދެވަނަ ސެމިސްޓާގެ ކިޔެވުން ފެށުމުގެ ކުރިން ބާކީ ހުރި ސްކޫލުތަކުގައި އޭސީ ހަރުކޮށް ނިމޭނެކަމަށް ތައުލީމާއި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ.އިސްމާއީލު ޝަފީއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވުމަށް މަޖިލީހަށް ހާޒިރުވެވަޑައިގެން، އިތުރު ސުވާލުގެ ވަގުތުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާނު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ މީގެ ކުރިން ސްކޫލުތަކުގައި އޭސީ ހަރުކުރުން އޮންނަނީ މަނާކޮށްފައި ކަމަށެވެ. އެގޮތުން ޕްރިންސިޕަލެއްގެ އަމިއްލަ އިސްނެންގެވުމަށް ސުކޫލެއްގައި އޭސީ ހަރުކޮށްފިނަމަ އެ ޕްރިންސިޕަލެއް ކުރިން ކުށްވެރިވާކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ކޫލް ސްކޫލު މަޝްރޫއަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސް ޑރ.މުޢިއްޒު ކުރެއްވި ދަތުރުފުޅުތަކުގައި ޓީޗަރުންނާއި ދަރިވަރުންގެ ފަރާތުން އެމަނިކުފާނަށް ލިބިވަޑައިގަތް ޝަކުވާތަކާ ގުޅިގެން ކްލާސް ރޫމުތަކުގެ ހިތްފަސޭހަކަން އިތުރުކޮށް އުނގަންނައިދިނުމާއި އުނގެނުމުގެ ކަންކަން ރަނގަޅު ފެންވަރަކަށް ކުރިއަށްގެންދިއުމަށްޓަކައި އެމަަނިކުފާނު ފެއްޓެވި މުހިއްމު މަސައްކަތްޕުޅެއް ކަމަށެވެ.
"ޖުމްލަ 217 ސްކޫލެއްގައި އަޅުގަނޑުމެން މި މަސައްކަތް ފެއްޓީ. އިރާދަކުރެއްވިއްޔާ މިއަދާ ހަަމައަށް 61 ޕަސެންޓް ސްކޫލުގެ މަސައްކަތް މިވަނީ ނިމިފައި. އަޅުގަނޑުމެން މިހާރު މަސައްކަތްކުރަމުންމިދަނީ ބާކީ ހުރި ސްކޫލުތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑުކޮށް ހުރިހާ ސްކޫލެއްގެ މަސައްކަތް ނިންމައިލުމަށް،" ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ގިނަ ސްކޫލު އިމާރާތްތަކަކީ 30، 40 އަހަރުވެފައި ހުރި ދުވަސްވީ އިމާރާތްތަކެއްކަމާއި، އެ އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓަކީ ސިންގަލް ފޭސް ކަރަންޓުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމުގެ މަސައްކަތަކީ ގޮންޖެހުންތަކާއެކު ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށެވެ.
ޑރ.ޝަފީއު ވިދާޅުވި ގޮތުގައި މި މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާއެކުވެސް ސަރުކާރުން އަމާޒު ހިފާފައިވަނީ މި ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުމުގެ ކުރިން މިހާރު އޭސީ ހަރުނުކުރެވި ހުރި ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމަށެވެ.
މި މަޝްރޫއުގެ ދަށުން ސްކޫލުތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑުކުރުމުގެ މަސައްކަތްކުރާ ފެނަކަ ކުންފުނިންވެސް ބުނެފައިވަނީ ދިރާސީ އަހަރުގެ ދެވަނަ ޓާމު ނިމުމުގެ ކުރިން އެ މަޝްރޫއުގެ ދަށުން ހުރިހާ ސްކޫލެއްގައި އޭސީ ހަރުކޮށް ނިންމައިލެވޭނެ ކަމަށެވެ. ތައުލީމާ ބެހޭ ވަޒީރު މިއަދު ފާހަގަކުރެއްވި ފަދައިން އެ މަޝްރޫއުގެ ދަށުން ސްކޫލުތަކުގައި ހަރުކުރަންޖެހޭ އޭސީތައް މިހާރު ހުރިހާ ރަށަކަށް ފޮނުވާފައިވެއެވެ.