ENGLISH
07 ޖުލައި 2026
ހޯލްސޭލުކޮށް ވިއްކާ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނުނަގާ ގޮތަށް ގާނޫނު ބަދަލުކުރަނީ
07 ޖުލައި 2026
|
ހޯލްސޭލްކޮށް ކޮތަޅު ވިއްކާއިރު ދެ ރުފިޔާ ނުނެގޭ ގޮތަށް ބަދަލުކުރަންވަަނީ ނިންމާފައި، ފޮޓޯ: މިހާރު
އެންމެ މަޤްބޫލު
ހޯލްސޭލުކޮށް ޕްލާސްޓިކް ކޮތަޅު ވިއްކާއިރު ގާނޫނުގައި ބަޔާންކުރާ ލެވީގެ ގޮތުގައި ނަގަމުންދާ ދެ ރުފިޔާ ނުނަގާ ގޮތަށް ގާނޫނު ބަދަލުކުރުމަށް ހުށަހަޅަން ނިންމާފައިވާކަމަށް ތިމާވެއްޓާއި މޫސުމީ ބަދަލުތަކާއި ހަކަތައާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވުޒާރާގެ ކުންޏާ ބެހޭ ބައިގެ ޑިރެކްޓާ އަހްމަދު މުރުތަޟާ ވިދާޅުވި ގޮތުގައި ސިންްގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ލެވީއެއް ނެގުމަށް ގާނޫނަށް ގެނައި ބަދަލާއެކު، ދެ ބުރަށް އެ ލެވީ ނެގެމުންދާކަން ވުޒާރާއަށް ފާހަގަރެވިފައިވެއެވެ.
މުރުތަޟާ ވިދާޅުވީ މިހާރު ހޯލްސޭލުކޮށް ކޮތަޅު ވިއްކާއިރު ކޮތަޅު ބޮނޑި ވިއްކަނީ ކޮންމެ ކޮތަޅަކުން ދެ ރުފިޔާ އަގަށް އިތުރުކޮށްފައެވެ. އެެއަށްފަހު ކޮތަޅު ރީޓެއިލުކޮށް މުދާ ވިއްކާ ފިހާރަތަކުން ވިއްކާއިރު އެތަންތަނުންވެސް ކޮންމެ ކޮތަޅަކުން ދެ ރުފިޔާ ނަގަމުންދެއެވެ.
"އޭގެ ތެރޭގައި އަޅުގަނޑު ފާހަގަކޮށްލާނަން އެބަދަލު އައިމަ، އޭގެ ތެރޭގައި ހިމެނޭނެ ކޮތަޅު ބޮނޑިއަކީ ޑިފައިންކުރެވިގެންދާނެ. އެހިސާބުން ފެށިގެން ރާއްޖޭގެ ހޯލްސޭލް ފިހާރަތަކުން ވިއްކާއިރުގައި ކޮތަޅު ބޮނޑިން ދެ ރުފިޔާއެއް ނުއެއް ނެގޭނެ. އެހެންވީމާ އަޅުގަނޑު މިބަލަނީ ކުރިއަށް އޮތް ތާނގައި އެބައި ހައްލުވެގެން އާއްމު ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނޭ،" މުރުތަޟާ ވިދާޅުވިއެވެ.
ގާނޫނަށް ގެންނަން ވުޒާރާއިން ނިންމާފައިވާ ބަދަލުތަކުގެ ތެރެއިން އިތުރު ބަދަލެއްގެ ގޮތުގައި މުރުތަޟާ ފާހަގަކުރެއްވީ މިހާރު ގާނޫނުގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށަށް އެހެނިހެން ރަށްތަކުން ކުނި ނުގެންދެވޭ ގޮތަށް އޮތް އޮތުން ބަދަލުކުރުމެވެ. އޭނާ ވިދާޅުވީ އެގޮތަށް ބަދަލުކުރަނީ ކުނި މެނޭޖުކުރުމުގައި އެއް ރަށުން އަނެއް ރަށަށް ކުނި ނުގެންދެވޭ ގޮަތަށް އޮތުމުން ގޮންޖެހުންތަކެއް ކުރިމަތިވާތީއެވެ.
ގާނޫނަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ކުނި ރަށްރަށަށްް އުފުލޭނެ ނުވަތަ ގެންދެވޭނެ ހާލަތްތަކަކީ ކޮބައިކަން ކަނޑައެޅި އެ ހާލަތްތަކުގައި ކުނި އުފުލުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ތަފުސީލުކޮށް ބަޔާންވެގެންދާނެ ކަމަށް ވިދާޅުވިއެވެ.