ENGLISH
07 ޖުލައި 2026
ކުނި މެނޭޖުކުރުމުގައި ބޮޑު ކާމިޔާބެއް؛ ދެ އަހަރާއި ބައިން 28 ރަށެއްގައި މަރުކަޒު ގާއިމުކޮށްފި
07 ޖުލައި 2026
|
އެންވަޔަރަމެންޓް މިނިސްޓްރީގެ ވޭސްޓް މެނޭޖުމެންޓު ޑިޕާޓުމެންޓުގެ ޑިރެކްޓަރ އަޙްމަދު މުރުތަޟާ، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި 28 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމްކޮށް ނިންމާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެވުޒާރާއިން ރާއްޖޭގައި ކުނި މެނޭޖްކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހާމަކުރިއެވެ. އެގޮތުން އެ ވުޒާރާގެ ވޭސްޓް މެނޭޖްމަންޓް ޑިޕާޓުމެންޓުގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު މުރުތަޟާ ވިދާޅުވީ، ކުނި މެނޭޖްކުރުމަކީ ރާއްޖެއަށް ކުރިމަތިވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު މައްސަލަ ކަމަށެވެ.
އެގޮތުން އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ސިފަކުރެއްވީ، ކޮންމެ އަހަރަކު ރާއްޖޭގައި އުފައްދާ ކުނި އަހަރުން އަހަރަށް ނުވަ އިންސައްތަ އިތުރުވަމުން ދިއުމެވެ. މުރުތަޟާ ވިދާޅުވި ގޮތުގައި މުޅި ރާއްޖޭގައި މިހާރު އަހަރަކު 517،000 ޓަނުގެ ކުނި އުފައްދައެވެ. އެއީ ނިސްބަތުން ބަލާއިރު، އާބަންސެންޓަރުތަކުގެ ބޮލަކަށް 1.2 ކިލޯ ގްރާމް، އާދައިގެ ކުޑަ ރަށެއްގައި ބޮލަކަށް 800 ގްރާމް އަދި ރިސޯޓްތަކުގައި ބޮލަކަށް 3.5 ކިލޯ ގްރާމުގެ ކުނިކަން މުރުތަޟާ ފާހަގަކުރެއްވިއެވެ.
އިތުރަށް އޭނާ ފާހަކުރެއްވީ ރާއްޖެ އަންނަ ފަތުރުވެރިން އުފައްދާ ކުނި ރަށްރަށުގައި ދިރިއުޅޭ މީހުން އުފައްދާ ކުންޏަށްވުރެ ބޮލަކަށް ޖެހޭ މިންވަރަށް ބަލާއިރު ދެގުނަ އިތުރުކަމެވެ. އެހެންކަމުން ކުނި މެނޭޖްކުރުމަށް ރަނގަޅު މަރުކަޒުތަކެއް ގާއިމްވެފައި ނެތުމަކީ އެންމެ ބޮޑު އެއް ގޮންޖެހުންކަމަށް ސިފަކުރެއްވިއެވެ.
"ކުނި މެނޭޖްކުރުމަށް ބޭނުންވާ ހާއްސަ އޮނިގަނޑެއް މިހާރު ވަނީ އެކުލަވާލެވިފަ. އެގާނޫނުގެ ދަށުން، ކުނި މެނޭޖްކުރުމުގެ އާއްމު ގަވާއިދަކާއި، ކުނި މެނޭޖްކުރުމުގެ ހިދުމަތް ދިނުމާއި ބެހޭ ގަވާއިދެއްގެ އިތުރުން ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާއި ބެހޭ ގަވާއިދަކާއި، އެކްސްޓެންޑެޑް ޕްރޮޑިއުސަރއާއި ރެސްޕޮންސިބިލިޓީ އާއި ބެހޭ ގަވާއިދެއް ހިމެނޭ" މުރުތަޟާ ވިދާޅުވިއެވެ.
މުރުތަޟާ އިތުރަށް ވިދާޅުވީ، މި ސަރުކާރުން އަންނަނީ ކުނި މެނޭޖްކުރުމަށް ވަށާޖެހޭ ހައްލެއް ހޯދައިދިނުމުގެ މަސައްކަތްތައް ކުރަމުން ކަމަށެވެ. އެގޮތުން މި ދެއަހާރާއި ބައިގެ ތެރޭގައި 28 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކޮށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން 82 ރަށަކަށް ކުނިމެނޭޖްކުރާ އިކުއިޕްމަންޓް ފޯރުކޮށްދިނުމާއި، ކާދު ހަދާ ޓެކްނޮލޮޖީ ހަ ރަށެއްގައި އިންސްޓޯލްކޮށް ކައުންސިލްތަކާއި ހަވާލުކުރުމާއި، 92 ރަށަކަށް ކުނި އުފުލާ ވެހިކަލް ފޯރުކޮށްދީފައިވާކަން ފާހަގަކުރެއްވިއެވެ. އިތުރުން ކަނޑު މަގުން ކުނި އުފުލުމަށް ހާއްސަކުރެވިފައިވާ ލޭންޑިންގ ކްރާފްޓް ރާއްޖެ ގެނައުމުގެ މަސައްކަތްތައް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.
އުތުރުގެ ސަރަހައްދީ ކުނި މެނޭޖްކުރާ ނިޒާމް ހަރުދަނާ ކުރުމަށް، ރ. ވަންދޫގައި ހަދާފައިވާ ކުނި މެނޭޖްކުރާ މަރުކަޒު އިތުރަށް އަޕްގްރޭޑް ކުރުމަށް ބޭނުންވާ އިކުޕްމަންޓްތައް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަކަމަށް ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ. މީގެ އިތުރުން ނުރައްކާތެރި ކުނި ރައްކާތެރިގޮތެއްގައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްތައްވެސް ފަށައިގެން ކުރިއަށް ދާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރ. ވަންދޫގައި ގާއިމުކުރެވޭ މަރުކަޒުން، ހއ. އިން ފެށިގެން ޅ އަތޮޅާ ހަމަނައަށް ހިމެނޭ ރަށްތަކާއި ރިސޯޓުތަކާއި ސިނާއީ މަސައްކަތް ކުރާ ހުރިހާ ރަށްތަކަށް ހިދުމަތް ފޯރުކޮށްދެވޭނެކަމަށް މުރުތަޟާ ވިދާޅުވިއެވެ.
އިތުރަށް މުރުތަޟާ ވިދާޅުވީ، މި ރިޔާސީ ދައުރުގައި ކުނި މެނޭޖްކުރުމުގެ މައްސަލައަށް ހައްލެއް ހޯދައިދެވޭނެކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް އެ ރަށަކާ އެކަށޭނެ ކުނި މެނޭޖްކުރާ ނިޒާމެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސްް ޑރ.މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ކެމްޕެއިނުގައި ވަޑައިގެންނެވި ކޮންމެ ރަށަކުންވެސް އެމަަނިކުފާނަށްް އައި އެންމެ ބޮޑު ޝަކުވާއަކީ އެކަށީގެންވާ ގޮތަށް ކުނި މެނޭޖުކުރެވޭނެ އިންތިޒާަމެއް ނެތުމެވެ. އެހެންކަމުން މުޅި ރާއްޖޭގައި ކުނި މެނޭޖުކުރެވޭނެ ވަށާޖެހޭ ނިޒާމެއް ގާއިމުކުރެއްވުމަކީ އެމަނިކުފާނުގެ މުހިއްމު ވައުދުފުޅެކެވެ.
ސަރުކާރުން އަންނަނީ އެ ވައުދުފުޅުގެ ދަށުން ކުނި މެނޭޖުކުރުމުގެ ގައުމީ މާސްޓާ ޕްލޭނެއް އެކުލަވައިލާ، އެ ޕްލޭނުގެ ދަށުން ސަރަހައްދީ ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމުކޮށް، ކޮންމެ ރަށެއްގައި އެރަށެއްގެ އާބާދީއާއި ކުނި އުފެެދޭ މިންވަރަށް ރިއާޔަތްކޮށްގެން މުސްތަގުބަލުގައި ކުނި އުފެދޭ މިންވަރަށް އަންނާނެ ބަދަލުތަކާ މުނާސަބު ގޮތަކަށް ކުނި މެނޭޖުކުރާނެ މަރުކަޒުތައް ގާއިމުކުރުމުގެ ބޮޑު މަޝްްރޫއެއް ހިންގަމުންނެވެ.