ENGLISH

07 ޖުލައި 2026

Advertisement

ކުދިން ސްކޫލަށް ހާޒިރުނުވާން ދޫކޮށްނުލާ، ފިޔަވަޅު އަޅާނަން: ވަޒީރު

07 ޖުލައި 2026

|

އައިމިނަތު ޝަފާ

ތައުލީމާއި، މަތީތައުލީމާއި ހުނަރުތައް ތަރައްްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މިއަދުގެ ޖަލްސާގައި. ފޮޓޯ؛ތައުލީމީ ވުޒާރާ.

އެއްވެސް ސަބަބެއް ނެތި ދަރިވަރުން ސްކޫލަށް ނުގޮސް ތިބުމަށް ދޫކޮށް ނުލައްވާނެކަމަށާއި ވުޒާރާއިން އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް ތައުލީމާއި، މަތީތައުލީމާއި ހުނަރުތައް ތަރައްްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. 

ވަޒީރު ވިދާޅުވީ މިދިޔަ ޖޫންމަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހާޒިރީ ކޮންމެ ސުކޫލަކުންވެސް ތައުލީމީ ވުޒާރާއަށް ފޮނުވުން މިހަރު ލާޒިމުވާނެކަމަށެވެ. ގިނަ ދަރިވަރުންތަކެއް ސްކޫލަށް ހާޒިރުނުވާކަން ފާހަގަކުރެވުނީ ސްކޫލުތަކުން ވުޒާރާއާ ހާޒިރީ ހިއްސާކުރަން ފެށި ފަހުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސުކޫލަށް ކުއްޖަކު ނުދިއުމަކީ އެކަމުގެ ނޭދެވޭ އަސަރު ގައުމުގެ ތަރައްގީއަށް ކުރާނެކަމެއް، އެހެންވީމަ އަޅުގަނޑުމެން އެންމެންގެ ވިސްނުން ބަހައްޓަންވީ ކުއްޖަކު ސުކޫލަށް ނުދާ ސަބަބު ދެނެގަނެ މިސާލަކަށް ބަލިވެގެން ނުދާ ވާހަކައެއް ނޫން އަޅުގަނޑު މިދަންނަވަނީ، އެއްވެސް ސަބަބަކާހުރެ ކުއްޖަކު ސުކޫލަށް ނުދިއުމަކީ އެއީ ވެގެންވާނެކަމެއް ނޫން، ތައުލީމީ ވުޒާރާއިން އެކަމަށް ފިޔަވަޅު އަޅާނެ،". ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ ސްކޫލުތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކޮށް، ދަރިވަރުން ހާޒިރުނުވާ މައްސަލައިގައި އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް މިހާރު އަންގައިފައިވާ ކަމަށެވެ.

ވަޒީރު މިފަދައިން ވިދާޅުވިއިރު ވޯލްޑްކަޕް ފެށިފަހުން ސްކޫލަށް ނުދާ ކުދިންގެ އަދަދު 8000 އިން މައްޗަށް ގޮސްފައިވާކަން ވަނީ ހާމަވެފައެވެ. ވަޒީރު އޭރު ވިދާޅުވީ ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ 40 އިންސައްތައަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުން ކަމަށެވެ.

މި ދުވަސްވަރު ސްކޫލަށްދާ ކުދިންނާއި ނުދާ ކުދިންގެ އަދަދު ވަކިވަކިން ބަލަމުންދާކަމަށާއި އެކަމަށް ހާއްސަ ޕްލެޓްފޯމެއް ގާއިމްކޮށް މި މަހުން ފެށިގެން މަސައްކަތްތަކެއް ފަށާފައިވާކަން ވަޒީރު އޭރު ހާމަކުރިއެވެ. 

ކިޔުންތެރިންގެ ހިޔާލު