ENGLISH

07 ޖުލައި 2026

Advertisement

އެމްޑީޕީން އަމަލުކުރި ގޮތުން ރައީސް ޑރ.މުޢިއްޒަށް ޖެހިވަޑައިގެންފައިވަނީ ދެ ސަރުކާރެއްގެ މަސައްކަތް ކުރައްވަން: ލަތީފު

07 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާ މެންބަރު ޢަބްދުއްލަޠީފު މުޙައްމަދު، ފޮޓޯ: އެމްއެމްޓީވީ

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އަމަލުކޮށްފައި އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް ޖެހިވަޑައިގެންފައިވަނީ ދެ ސަރުކާރެއްގެ މަސައްކަތް އެއް ދައުރުގެ ތެރޭގައި ކުރެއްވުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާ މެންބަރު ޢަބްދުއްލަޠީފު މުޙައްމަދު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ލަޠީފު ވިދާޅުވީ ރައީސް ޑރ.މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ދިވެހި ދައުލަތް އޮތީ ނާޒުކު ފައްތަރެއްގައި ކަމަށެވެ. ރާއްޖޭގެ ތަނަވަސްކަން ވަރަށް ބޮޑަށް ދަށްވެ، ދައުލަތް ބަނގުރޫޓުވުމުގެ ފުރުސަތު އޮތްކަމަށް ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު ފަދަ މާލީ އިދާރާތަކުން އިންޒާރު ދެމުންއައިކަން މެންބަރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހާލަތުގައިވެސް ރައީސް އެންމެ ބޮޑު އިސްކަމެއްދެއްވީ ރައްޔިތުންގެ ދުވަހުގެ ދިރިއުޅުމާ ގުޅިފައިހުރި ޚިދުމަތްތައް މެދުނުކެނޑި ދައުލަތުން ފޯރުކޮށްދެވޭނެކަން ކަށަވަރުކުރެއްވުމަށް ކަމަށެެވެ. 

އެގޮތުން އަސާސީ މުދަލާއި ކާބޯތަކެތި ހެޔޮ އަގުގައި ލިބެމުންދާނެކަން ކަށަވަރުކުރެއްވުމާއެކު، ސިއްހީ ހިދުމަތާއި ތައުލީމާއި އެނޫންވެސް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ގިރާކުރައްވައި އެއިން އެއްވެސް ހިދުމަތަކަށް ބުރޫނާރައި އެ ހިދުމަތްތައް ރައްޔިތުންނަށް ދެމެހެއްޓެނެވި ގޮތެއްގައި ލިބެމުންދާނެކަން ރައީސް ކަށަވަރުކޮށްދެއްވިކަމަށް ލަތީފު ވިދާޅުވިއެވެ. 

ލަތީފު އިތުރަށް ވިދާޅުވީ އެ ހިދުމަތްތައް ލިބޭނެކަން ކަށަވަރުކުރެއްވުމަށްފަހު ދެން ރައީސް އެންމެ ބޮޑު އިސްކަމެއް ދެއްވީ ތަރައްގީގެ މަސައްކަތްތައް ކުރިއަށްގެންދެވުމަށެވެ.‌ ނަމަވެސް ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އެމްޑީޕީގެ ވެރިކަން ނިމެން އަހަރެއްހައި ދުވަހަށްވީ ފަހުން އެ ސަރުކާރުން ފަށައި ކުރިއަށްނުގެންދެވި ހުރި ގިނަ މަަޝްރޫއުތަކެއް ހުރިކަމަށާއި، އެ މަޝްރޫއުތައް ހުއްޓަވައިނުލައްވައި އެ ހުރިހާ މަޝްރޫއެއްވެސް ކުރިއަށްގެންދެވުމަށް ރައީސް ނިންމެވިކަން މެންބަރު ފާހަގަކުރެއްވިއެވެ. 

"އެމަނިކުފާނުގެ (ސަރުކާރަށް) ދެ އަހަރާއި ބައި ނުވަތަ ތިން އަހަރުވާއިރު އެމަނިކުފާނަށް ކުރަން މިޖެހުނީ ކުރީ ސަރުކާރަށް ނުކުރެވުނު ނުވަތަ ކުރަން ވައުދުވެފައި ނުކުރި ކަންތަކާއި، އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވީ ވައުދުތަކާ އެއްކޮށް މިކުރަނީ. އެހެންވީމާ އެމަނިކުފާނަށް މިއޮތީ ދެ ސަރުކާރެއްގެ މަސައްކަތް ކުރަންޖެހިފައި،" މެންބަރު ވިދާޅުވިއެވެ. 

އަދި ކުރީ ސަރުކާރުން ވާރުތަވީ މަޝްރޫއުތައް ހަވާލުކޮށްފައިވާ ކުންފުނިތަކަށް އެކަށީގެންވާ ގޮތުގައި އެ މަސައްކަތްތައް ނުކުރެވޭކަން ފާހަގަކުރައްވަައި މެންބަރު ވިދާޅުވީ އެއިރު ހެދިފައި ހުރި ގިނަ އެއްބަސްވުންތައް ހެދިފައި ހުރީ ރަނގަޅަށް ނޫން ކަމަށެވެ. އަދި ކުރީ ސަރުކާރުން ފަށައި ނުނިންމައި ހުރި މަޝްރޫއުތަކުގެ ގިނަކަމާއެކު ސަރުކާރަށް ފިއްތުން ބޮޑުވެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ކަމަށެވެ. 

މެންބަރު ވިދާޅުވި ގޮތުގައި މިހުރިހާ ކަމެއްގެ ސަބަބުން ރައީސް ޑރ.މުޢިއްޒުގެ ސަރުކާރަށް އެކި މަރުހަލާތަކުގައި ތަފާތު ބޮޑެތި ގޮންޖެހުންތަކާއި ދަތިތަކާ ކުރިމަތިވިއެވެ. ނަމަވެސް ރައީސްގެ އިސްނެންގެވުމާއި މަގުދެއްކެވުމާއެކު  އެހުރިހާ ގޮންޖެހުންތަކެއް ގިރާކޮށް ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަމަށް ލަތީފު ވިދާޅުވިއެވެ. 

މިއުދަގޫތަކުގެ އިތުރަށް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މުދަލުގެ އަގު އުފުލުމާއި، ބޭނުންވާ މުދާ އެކަށީގެންވާ މިންވަރަށް ނުލިބުން ފަދަ ގޮންޖެހުންތައް ކުރިމަތިވިކަން ފާހަގަަކުރައްވަމުން ލަތީފު ވިދާޅުވީ އެކަންކަމާއެކުވެސް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. 

ލަތީފު ފާހަގަކުރެއްވީ މިހާރުވެސް ސަރުކާރުން ފެށި ބައެއް މަޝްރޫއުތައް ނިމެމުންދާ ކަމެވެ. އެގޮތުން އޭނާގެ ދާއިރާއަށް ބެލިނަމަވެސް މިއިން ޒަމާނެއްގައި އެ ދާއިރާގެ ރަށްތަކުގައި ނުފެށޭ އަދަދަށް މަޝްރޫއުތައް ފެށިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަަރެއްހައި ދުވަހެއްގެ ތެރޭގައި އެ މަޝްރޫއުތައް ނިމުމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު