ENGLISH
07 ޖުލައި 2026
އީޔޫއާއި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ދިޔާނާ
07 ޖުލައި 2026
|
ކުރީގެ ބަންޑާރަނައިބު އަދި ޖެންޑާ މިނިސްޓަރު ފާތިމަތު ދިޔާނާ ސައީދު. ފައިލް ފޮޓޯ/މިހާރު
އެންމެ މަޤްބޫލު
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރަން މަޖިލީހަށް ފޮނުވައިފިއެވެ.
ދިޔާނާ އެ މަގާމަށް އައްޔަނުކުރުމާމެދު ގޮތެއް ނިންމުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަނީ އިއްވަވާފައެވެ.
އެ ސިޓީގައި ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގެ ގާނޫނުއަސާސީއާއި ރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނުގައިވާ ގޮތުގެމަތިން ރާއްޖެއިން ބެލްޖިއަމަށާއި އީޔޫއަށް ކަނޑައަޅުއްވާ ސަފީރަކަށް ދިޔާނާގެ ނަން ހުށަހަޅުއްވާ ކަމަށެވެ.
ރިޔާސަތުން ވަނީ ދިޔާނާގެ ނަންފުޅު ދިރާސާކޮށް މަޖިލީހުން ރުހުންދިނުމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
ދިޔާނާވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެކުލަވަައިލެއްވި ފުރަތަމަ ކެބިނެޓުގައި އެޓާނީ ޖެނެރަލްގެ މަގާމު ފުރުއްވާފައެވެ. ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުކަންވެސް އަދާކުރައްވަފައިވެއެވެ.
ފޮރިން ސާވިސްގެ މަގާމަށް ދިޔާނާ އައްޔަންކުރެއްވުމުގެ ކުރިން، އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ދިޔާނާ އައްޔަންކުރައްވާފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ.