ENGLISH
07 ޖުލައި 2026
ފުންފަޅުގޭގެ އަލިފާނުގެ ހާދިސާ: އިންސާނީ އެހީއަށް މިހާތަނަށް 95،000 ރުފިޔާ ހަރަދުވި
07 ޖުލައި 2026
|
ގ.ފުންފަޅުގޭގައި ހިނގި އަލިފާނުގެ ހާދިސާ.
އެންމެ މަޤްބޫލު
ގ.ފުންފަޅުގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް 95،000 ރުފިޔާ ހަރަދުވެފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ -- އެންޑީއެމްއޭއިން ބުނެފިއެވެ.
މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 25 މީހަކަށް އައިޖީއެމްއެޗު ފަރުވާދިން އިރު އޭޑީކޭ ހޮސްޕިޓަލުން ތިން މީހަކަށް ފަރުވާދިނެވެ.
ފުންފަޅުގޭގެ ހަތަރުވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އިމާރާތުގެ 22 އެޕާޓްމަންޓެއްގައި ދިރިއުޅޭ 93 މީހަކަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު އެންޑީއެމްއިން ހަމަޖައްސާދީފައިވެއެވެ. އަދި އަލިފާން ރޯވި ފަސް ވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓް (5އޭ، 5ބީ އަދި 5ސީ) ގައި ދިރިއުޅޭ 16 މީހަކަށް، ފަސް ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ޖުމްލަ 109 މީހުންނަށް އަސަރުކުރި މި ހާދިސާގައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް 95،000 (ނުވަދިހަ ފަސްހާސް) ރުފިޔާ ހަރަދުކުރެވިފައިވާކަމަށް އެންޑީއެމްއޭއިން ބުންޏެވެ. އަދި މި ހާދިސާގައި ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓް ހެދުމުގެ މަސައްކަތް އެ އިދާރާއިން ވަނީ ފަށާފައެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ރޭ 22:49 އެހައިކަންހާއިރުއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ.