ENGLISH

07 ޖުލައި 2026

Advertisement

މަސްތުވާތަކެއްޗާ ހުރެ އެތައް ޒުވާނުންނެއްގެ ގާބިލުކަން ގެއްލިގެންދިޔަ: ސީޕީ

07 ޖުލައި 2026

|

އާމިނަތު ނުޒްލާ

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ފުލުހުންގެ އިދާރާ

މަސްތުވާތަކެތީގެ ސަބަބުން އެތައް ޒުވާނުންނެއްގެ ގާބިލުކަން ބޭނުންނުކުރެވި ގެއްލިގެން ގޮސްފައިވާކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ. 

ކޮމިޝަނަރ މިފަދައިން ވިދާޅުވީ، މަސްތުވާތަކެތި ތަހުލީލުކުރުމަށް ބޭނުންކުރާ 150 "ފީލްޑް ޓެސްޓިންގ ކިޓް" ފުލުހުންނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިއީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ އެހީގައި، ޔޫ.އެން.އޯ.ޑީ.ސީ މެދުވެރިކޮށް ފޯރުކޮށްދީފައިވާ، ގާތްގަނޑަކަށް 24,000 އެމެރިކާ ޑޮލަރުގެ އަގުހުރި ތަކެއްޗެވެ.

މަސްތުވާތަކެތީގެ ވަބާއަކީ މި ގައުމަށް ފާއިތުވި އެތައް އަހަރުތަކެއްގައި ކުރިމަތިވެފައި އޮތް ބޮޑު ވަބާއެއް ކަމަށާއި، މީގެ ނަތީޖާ ޖީލުތަކަކަށް ދެމިގެންގޮސް، އެތައް ޒުވާނުންނެއްގެ ގާބިލުކަން ގެއްލިފައިވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އެހެންކަމުން، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި އެތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ ފުލުހުންގެ މުއައްސަސާގެ އެންމެ އިސް އެއް އަމާޒުކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މަސްތުވާތަކެތީގެ ވިއުގަތައް ރޫޅާލުމަށްޓަކައި ބައިނަލްއަގުވާމީ ގުޅުންތަކާއި، އެކަމަށް ތަމްރީނުވެފައިވާ އޮފިސަރުންގެ އިތުރުން ޒަމާނީ ވަސީލަތްތަކުގެ ބޭނުންތެރިކަން ކޮމިޝަނަރ އަޙްމަދު މުޙައްމަދު ފާހަގަކުރެއްވިއެވެ.

"މިއީ ހަމައެކަނި ފޯރުކޮށްދެވުނު އާލާތްތަކެއް ނޫން. މިއީ އަޅުގަނޑުމެންގެ މެދުގައި އޮތް އިތުބާރާއި، ގުޅިގެން މަސައްކަތްކުރުމާއި، މަސްތުވާތަކެތި ނައްތާލުމަށް ގުޅީގެން ކުރާ މަސައްކަތުގެ ރަމްޒެއް" ކޮމިޝަނަރ ވިދާޅުވިއެވެ.

މި ކިޓްތަކުގެ އެހީގައި، އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންނަށް، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބާވަތްތަކާއި ކެމިކަލްތައް ވަގުތުން ދެނެގަނެވޭނެއެވެ. އަދި މީގެ ސަބަބުން ތަހުގީގުގެ މަސައްކަތްތައް އަވަސްވެ، މައްސަލައިގެ ކުރީކޮޅު ހެކިތަކެއް ހޯދުމަށް ފުލުހުންނަށް ފަސޭހަވެގެންދާނެއެވެ.

މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓީޖިކް ޕްލޭން 2024-2028 އާ ސީދާ ގުޅުންހުރި ކަމެއްކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ތަހުގީގުގެ ދާއިރާ ހަރުދަނާކުރުމާއި، ފުލުހުންގެ މަސައްކަތްތަކުގައި ސައިންސާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ އިތުރުން، ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކޮށްގެން ބޯޑަރު ހުރަސްކޮށް ކުރާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މީގެ ސަބަބުން އެހީއަކަށްވެގެންދާނެކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަގުވާމީ ފަރާތްތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ކޮމިޝަނަރ ދެއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު