ENGLISH
07 ޖުލައި 2026
ސިއްހީ ފަރުވާއަށް ޓެކްނޮލޮޖީން ބޮޑު ކުރިއެރުމެއް ލިބުނަސް، އެ ދާއިރާގެ ހިތަކީ ސިއްހީ ޚިދުމަތްތެރިން: ފަސްޓް ލޭޑީ
07 ޖުލައި 2026
|
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މިޒަމާނުގެ ޓެކްނޮލޮޖީއާއި އައު އުފެއްދުންތަކާއި އީޖާދުތަކުގެ ސަބަބުން ސިއްހީ ފަރުވާއަށް ބޮޑު އިންގިލާބީ ބަދަލެއް އަންނަމުންދިޔަ ނަމަވެސް އެ ދާއިރާގެ ހިތަކީ ސިއްހީ ޚިދުމަތްތެރިން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ތިންވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައި ސާޖިދާ ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ބަލިތައް ދެނެގަތުމަށް ބަދަލުތައް އަންނަމުންދާކަމަށާއި، ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ ސަބަބުން ފަރުވާއަށް ވާސިލުވުމަށް ބޮޑެތި ކުރިއެރުންތައް ލިބުމާއެކު، ރޮބޮޓިކްސްއާއި ޑޭޓާ ސައިންސްއާއި ކުރިއާލައި ކަންކަން ދެނެގަތުމުގެ އިލްމުތަކުގެ އެހީގައި ކުރީގެ ޖީލުތަކަށް ތަސައްވުރުކުރެވިފައި ނެތް އެތައް ކަމެއް ހަގީގަތަކަށް ވަމުންދާ ކަމަށެވެ.
ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި މިއާދަޔާހިލާފު ބޮޑެތި ބަދަލުތަކުގެ ތެރޭގައިވެސް ބަދަލުވުމެއް ނެތި ދެމިއޮތް އެއް ހަގީގަތަކީ، ޓެކްނޮލިޖީން ސިއްހީ ފަރުވާއަށް ބޮޑު ކުރިއެރުމެއް ލިބުނު ނަމަވެސް، ފަރުވާގެ ހިތަކީ އިންސާނިއްޔަތުކަން ކަމަށެވެ.
"އެއްވެސް އަލްގަރިދަމަކަށް އޯގާތެރިކަމުގެ ބަދަލަކަަށްނުވެވޭނެ. ކަންބޮޑުވެފައި ހުންނަ ބެލެނިވެރިޔާ ހިތްހަމަޖައްސައިދެވޭނެ މެޝިނެއް ނެތް. އޯގާތެރި އަޅައިލާ ނަރުހެއްގެ ކިބައިން ލިބޭ ހިތްހަމަޖެހުމާއި، ތަޖުރިބާކާރު ޑޮކްޓަރެއްގެ ހިކުމަތް ނުވަތަ ބަލިމީހެއްގެ އެންމެ ނާޒުކު ހާލަތުގައި އޭނާ ގާތުގައި ހުރުމަށް އަޒުމު ކަނޑައަޅާ ސިއްހީ މަސައްކަތްތެރިޔާގެ ބަދީލަކަށްވާނެ އެއްވެސް އީޖާދެއް ނޯންނާނެ،" މެޑަމް ސާޖިދާ ވިދާޅުވިއެވެ.
ޓެކްނޮލޮޖީއަކީ ސިއްހީ ޚިދުމަތުގައި މަސައްކަތްކުރާ މީހުންގެ ބަދީލެއް (އަލްޓަރނޭޓިވްއެއް) ނޫންކަން ފާހަގަކުރައްވަމުން ސާޖިދާ ގޮވައިލެއްވީ ޓެކްނޮލިޖީއަކީ އިންސާނާއަށް ހިދުމަތްކުރާ އެއްޗެއްކަން ހަދާން ނައްތައިނުލަމަށެވެ.
ފަސްޓް ލޭޑީގެ ވާހަކަފުޅުގައި ސިއްހީ ހިދުމަތް ތަރައްގީކުރުމުގައި ހެއްކާއި، ތައުލީމާއި ބާރުވެރިކަން ލާމެހިގެންދިއުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. ހެއްކަކީ އިތުބާރު ލިބިދޭކަމެއްކަމާއި، ތައުލީމަކީ ގާބިލުކަން ބިނާކޮށްދޭ އަސާސްކަމާއި، ބާރުވެރިކުރުވުމަކީ ގާބިލު ލީޑަރުން އުފެދޭ ގޮތްކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރާއްޖެ ފަދަ ތަރައްގީވަމުންް އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ސިއްހީ ދާއިރާއިން ތަފާތު ގޮންޖެހުންތައް ކުރިމަތިވާކަން ފާހަގަކުރައްވަމުން ސާޖިދާ ވިދާޅުވީ އެ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އީޖާދީ ހައްލުތައް އުފެއްދުމާއި، ހެކީގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް އެކުލަވައިލުމާއި، ސިއްހީ ހިދުމަތްތެރިންނަށް އައު ހުނަރުތަކާއި ގާބިލުކަން ދެމިގެންދަނިވި ގޮތެއްގަައި ފޯރުކޮށްދިނުމަކީ ކުރަންޖެހޭ ކަންކަން ކަމަށެވެ.
"ދިވެހި ސަރުކާރު ދެމިއޮންނާނީ، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ވިލުންތެރިކަން އިތުރުކުރުމަށްޓަކައި އިންސާނީ ވަސީލަތާއި، ޒަމާނީ އުމްރާނީ ބިނާރާއި، ޑިޖިޓަލް ބަދަލުތަކާއި، ހާއްސަކުރެވިފައިވާ ހިދުމަތްތަކަށް އިންވެސްޓުކުރުންމަތީ،" ފަސްޓް ލޭޑީ ވިދާޅުވިއެވެ.
ސިއްހީ ދާއިރާގައި އަންހެނުންގެ ހިއްސާ ބޮޑުކަންް ފާހަގަކުރައްވަމުން ސާޖިދާވަނީ އެ ދާއިރާގެ އިސްވެރިންގެ ތެރޭގައި އަންހެނުންގެ ހިއްސާ އިތުރުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި އަންހެނުން ސިއްހީ ހިދުމަތުގައި އަދާކުރާ ދައުރަކީ ވަރަށް މުހިއްމު ދައުރެއް ކަމަށް ވިދާޅުވިއެވެ. އެއާއެކު ނަރުހުންގެ ހިދުމަތުގެ އަގުވަޒަންކުރައްވައި، ނަރުހުން ކުރާ މަސައްކަތަކީ ފަރުވާ ފަހަނައަޅައި އެއަށްވުރެ ފުޅާ ހިދުމަތެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.