ENGLISH

07 ޖުލައި 2026

Advertisement

މައްސަލަ ހައްލުކުރަން މުދައްރިސުންގެ މުސާރައިގެ އޮނިގަނޑު ރިވިއުކުރަނީ

07 ޖުލައި 2026

|

އައިމިނަތު ޝަފާ

ތައުލީމާއި މަތީތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު

މުދައްރިސުންގެ މުސާރައިގެ އޮނިގަނޑު އަލުން ރިވިއުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށާއި މިފަހަރު މައްސަލަތައް ހައްލުކުރާނީ މުދައްރިސުންގެ މަޝްވަރާއާ އެކުގައިކަމަށް ތައުލީމާއި މަތީތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މަަޖިލީހަށް ހާޒިރުވެވަޑައިގެން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. 

މެމްބަރު ސުވާލުކުރެއްވީ މުދައްރިސުންގެ މުސާރައިގެ އޮނިގަނޑު އެކުލަވާލިއިރު މާސްޓާސްގެ ސެޓްފިކެޓް ނެތް މުދައްރިސުންނަށް ސެޓްފިކެޓް ހާސިލުކުރާތާ ހަތަރު އަހަރު ފަހުން ސެޓްފިކެޓް އެލަވެންސް ލިބޭނެކަމަށް ނިންމާފައިވާކަމަށެވެ. އެ އުސޫލުގެ ދަށުން މާސްޓާސް ސެޓްފިކެޓް ލިބި ހަތަރު އަހަރުވީ މުދައްރިސުންނަށް އެލަވެންސް ލިބެންފަށާނެ ތާރީހެއް އަންގަވައިދެއްވުމަށް މެމްމަބަރު އެދިވަޑަައިގެންނެވިއެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ މުދައްރިސުންނަކީ ގައުމު ބިނާކުރާ މޭސްތިރިންކަމަށްވީއިރު އެބޭފުޅުންގެ މުސާރައިގެ އޮނިގަނޑާ ގުޅޭގޮތުން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވެންޖެހޭނެކަމަށެވެ. މުސާރައިގެ އޮނިގަނޑު އެކުލަވާލެވިފައިވާގޮތާމެދު މުދައްރިސުންގެ ކަންބޮޑުވުންތަކެެއް އެބަހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑު މުދައްރިސުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ މުސާރައިގެ އޮނިގަނޑު ރިވިއުކުރުމުގެ މަސައްކަތް އަޅުގަނޑުމެން މުދައްރިސުންނާ ގުޅިގެން ކުރިއަށްގެންދިއުމުގެ ކަންތައްތަކެއްގެ ތެރެއިންނޭ މުދައްރިސުންގެ މުސާރައިގެ އޮނިގަނޑުގައި ހުރި މައްސަލަތައް ހައްލުކުރާނީ، އެންމެ ފުރަތަމަ މި އޮނިގަނޑު އެކުލަވާލިއިރު ދިމާވި މައްސަލައަކީ ޑިގްރީ މުދައްރިސުންނަށް ސްޓެޕް ޕްރޮމޯޝަން ދިނީމަ މިސާލަކަށް މާސްޓާސްއަށް ހަތަރު އަހަރު ދުވަހުގެ ގެޕެއް ދިނީވެސް އެމްޑީޕީ ސަރުކާރުން އެންމެ ފުރަތަމަ މި އޮނިގަނޑު އެކުވާލިއިރުގައި، މިއީ ދުވަހަކުވެސް މީގެ ކުރިން ރާއްޖޭގައި ވެފައިއޮތް ކަމެއް ނޫނޭ،". ވަޒީރު ވިދާޅުވިއެވެ. 

މި ހަތަރު އަހަރުގެ ތެރޭގައި މުދައްރިސުންނަށް ސްޓެޕް ޕްރޮމޯޝަންތައް ދިނުމަށް މުސާރައިގެ އޮނިގަނޑުގައި ބަޔާންކޮށްފައިވާތީ ވުޒާރާއިން އެކަން ކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

"އެއާއެކު މިހާރު  ނުކުންނަ މައްސަލައަކީ މާސްޓާސް ޑިގްރީ ހަދާފައިވާ މުދައްރިސެއް އެބޭފުޅާގެ އަތުގައި އޮތް ޑިގްރީއާއެކުގައި ސްޓޭޕް ޕްރޮމޯޝަން ލިބުނީމަ އެ ސްޓެޕް ޕްރޮމޯޝަން ލިބިފައި ހުންނަ މުދައްރިސު، މާސްޓާސް ޑިގްރީގެ ގޮޅިއަށް ދިޔައީމަ މުސާރަ ދަށް ވަނީ، އެހެންވީމަ އެކަން ހައްލުކުރަން އެބަޖޭހޭ،". ވަޒީރު ވިދާޅުވިއެވެ. 

ވަކި ބަޔަކަށް އިނގިލި ދިއްކުރައްވައި، މި މައްސަލަ ހައްލު ނުކޮށްތިއްބަވަން ބޭނުންފުޅުނުވާކަމަށާއި، މައްސަލަ ދިމާވީ މުސާރައިގެ އޮނިގަނޑު އެކުލަވާލިއިރު ވިސްނައިނުލެވުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ މި ސަރުކާރުން މި މައްސަލަ ހައްލުކުރާނެކަމުގެ ޔަގީންކަން މުދައްރިސުންނަށް ދެއްވަމުންނެވެ. 

އެމްޑީޕީ ސަރުކާރުން އެކުލަވާލި މުދައްރިސުންގެ މުސާރައިގެ އަައު އޮނިގަނޑުގެ ތެރެއިން ތައުލީމީ ފެންވަރަށް އަންނަ ބަދަލުތަކާއެކު އައު މުސާރައަކަށް ހިޖުރަކުރުމުގައި މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. އެފަދަ މައްސަލަތައް ސިވިލް ސާވިސް ކޮމިޝަނަށް ވެސް ހުށަހެޅެމުން އަންނައިރު އެއީ ޕޭ ކޮމިޝަނުން ވަކި އުސޫލަކުން ކުރާ ކަމަކަށްވުމުން އެ ކަމަށް ސިވިލް ސާވިސް ކޮމިޝަނަށް ގެނެސްދެވޭނެ ހައްލެއް ނެތްކަމަށް އެ ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ. 

މުސާރައިގެ މައްސަލަ ހައްލުކޮށްދިނުމަކީ ޓީޗަރުންގެ ވެސް އެންމެ ބޮޑު އެދުމެވެ. މިއީ ތަޖުރިބާއާ ގުޅިފައި އޮންނަންވީ ކަމެއް ނޫންކަމަށާއި ތައުލީމީ ސެޓްފިކެޓާ ގުޅިފައިވާ ކަމެއްގައި ތައުލީމީ ފެންވަރު މަތިވުމުން މުސާރައަށް އިތުރުވާ މިންވަރު ލިބުމަކީ އެދޭ އެދުމެއްކަމަށް މުދައްރިސުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު