ENGLISH
07 ޖުލައި 2026
ވޯލްޑް ކަޕުން ކެޓުމާއެކު، ޕޯޗުގަލްގެ ކޯޗުކަމުން މާޓިނޭޒް ވަކިވެއްޖެ
07 ޖުލައި 2026
|
ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ ބުރުގައި ރޭ ސްޕެއިން އަތުން 1-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު، ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް އެ މަގާމުން ވަކިވިކަން އިއުލާންކޮށްފިއެވެ.
ސްޕެއިނަށް އުފަން މާޓިނޭޒް ބުނި ގޮތުގައި އޭނާގެ އެއްބަސްވުން މިއަދު ހަމަވެފައިވާތީ، ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު އައު ކޯޗަކު ހޯދުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"އަހަރެން ޕޯޗުގަލްއާ ގުޅުނީ ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އުއްމީދުގައި. އެ ލަނޑުދަނޑި ހާސިލުނުވުމުން، މަގާމުގައި ދެމިހުރުމުގެ ބޭނުމެއް އޮތް ކަމަކަށް ނުދެކެން،" މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޓިނޭޒް ބުންޏެވެ.
އޭނާ އިތުރަށް ބުނީ، "ބޯޑަށާއި ރައީސަށް މިހާރު ފުރުސަތު އެބައޮތް އައު ކޯޗަކު އިޚުތިޔާރުކުރަން. އަހަރެންގެ ކޮންޓްރެކްޓް މިއަދަށް މިއޮތީ ހަމަވެފައި. މިއަށްވުރެ އިތުރަށް ދައްކާނެ ވާހަކައެއް ނެތް."
މުބާރާތުގެ ކުރިން ވަކި ގޮތެއް ނިންމާފައި ނެތް ނަމަވެސް، ސްޕެއިން އަތުން ބަލިވި މެޗަކީ އޭނާ ޕޯޗުގަލްގެ ކޯޗެއްގެ ގޮތުގައި ފެނިގެންދާނެ ފަހު މެޗުކަން މާޓިނޭޒް ކަށަވަރުކޮށްދިނެވެ.
"އާނ، މިއީ ޤައުމީ ޓީމަށް އަހަރެން އިރުޝާދުދޭނެ ފަހު މެޗު. އަހަރެން ވަރަށް ފަޚުރުވެރިވޭ. ޕޯޗުގަލްގެ ރައްޔިތުން އަހަރެން ބަލައިގަތީ ވަރަށް ގާތްކޮށް، އެ މީހުންގެ ތެރެއިން އެކެއްގެ ގޮތުގައި. އެއީ ލިބުނު ވަރަށް ބޮޑު އުފަލެއް އަދި ޝަރަފެއް،" އޭނާ ބުންޏެވެ.
ޕޯޗުގަލް މުބާރާތުން ވަކިވުމާއެކު، އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ބައިނަލްއަގުވާމީ ދިގު ކެރިއަރުވެސް ނިމުމަކަށް އަންނާނެ ކަމަށް ބެލެވެއެވެ. އުމުރުން 41 އަހަރުގެ ރޮނާލްޑޯގެ މުސްތަގުބަލާ ބެހޭގޮތުން މާޓިނޭޒް މާ ގިނަ ވާހަކަތަކެއް ނުދެއްކި ނަމަވެސް، އޭނާ ވަނީ ކެޕްޓަނަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
"އޭނާ ދެއްކި ނަމޫނާ ކެޕްޓަންކަމަށްޓަކައި ޝުކުރު އަދާކުރަން. ހަމައެކަނި ޖެހި ގޯލުތަކަކަށް ނޫން، އޭނާގެ ތަފާސްހިސާބުތަކުން އެކަނިވެސް ހުރިހާ އެއްޗެއް ސާފުވޭ. އޭގެ އިތުރުން ގޯލު ޖަހަން މަގުފަހިކޮށްދިނުމުގައިވެސް އޭނާގެ ދައުރު ބޮޑު،" މާޓިނޭޒް ބުންޏެވެ.
މާޓިނޭޒް ފާހަގަކުރި ގޮތުގައި މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު އެއް ޓީމާ ދެކޮޅަށް ޕޯޗުގަލުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ވަރަށް ކުދިކުދި ކަންތައްތަކެއްގެ ސަބަބުންނެވެ.