ENGLISH

07 ޖުލައި 2026

Advertisement

އެމެރިކާގެ އުއްމީދުތައް ނިމުމަކަށް ގެނެސް، ބެލްޖިއަމް ކުއާޓާއަށް

07 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި އެމެރިކާ ކޮޅަށް ލަނޑު ޖެހުމަށްފަހު ބެލްޖިއަމްގެ ޗާލްސް ޑި ކަޓަލާރޭ އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ދުނިޔޭގެ ތައްޓަށް އެމެރިކާއިން ކުރަމުންދިޔަ އުއްމީދުތައް ބެލްޖިއަމުން ނިމުމަކަށް ގެނެސްފިއެވެ. ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ މެޗުގައި ބެލްޖިއަމްގެ ޗާލްސް ޑި ކަޓަލާރޭ ކާމިޔާބުކުރި ދެ ލަނޑާއެކު 4-1 ގެ ނަތީޖާއަކުން އެމެރިކާ ބަލިވިއިރު، މުޅި މެޗުގެ ފޯރި އޮތީ އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަންގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން އުފެދުނު ބޮޑު މައްސަލައިގެ ތެރޭގައެވެ.

މި މޮޅާއެކު ކުއާޓާ ފައިނަލުގައި ބެލްޖިއަމް ބައްދަލުކުރާނީ ސްޕެއިނާއެވެ. އަނެއްކޮޅުން، މުބާރާތް ބާއްވާ ތިން ޤައުމުގެ ތެރޭގައި ހިމެނޭ ކެނެޑާ އާއި މެކްސިކޯއާއެކު، ގަދަ 16 އާ ހަމައިން އެމެރިކާވެސް މިވަނީ ކަޓާފައެވެ.

މެޗު ފެށުމުގެ ކުރިން އެންމެންގެ ސަމާލުކަން ހުއްޓިފައި އޮތީ ބަލޮގަންއަށެވެ. ބޮސްނިއާ އެންޑް ހެރްޒެގޮވީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރަތް ކާޑު ދެއްކުމުން އައި އެއް މެޗުގެ ސަސްޕެންޝަން މުރާޖާކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގަތުމުން، ފީފާއިން ވަނީ އެ މައްސަލަ ބަލައި އޭނާއަށް ކުޅުމުގެ ހުއްދަދީފައެވެ. ފީފާގެ މި ނިންމުމަށް ފުޓްބޯޅަ ކުޅުންތެރިންނާއި، ދިރާސާކުރާ ފަރާތްތަކާއި ސަޕޯޓަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

ސަސްޕެންޝަނަށް ލުއިދިނުމުން ވޯލްޑް ކަޕުގެ ގަދަ 16 ގައި އެމެރިކާގެ ބަލޮގަން ކުޅެނީ --- ފޮޓޯ: އޭޕީ

ބެލްޖިއަމްގެ ކޯޗު ރޫޑީ ގާސިއާވެސް ވަނީ ހައިރާންކުރުވަނިވި ނިންމުންތަކެއް ނިންމާފައެވެ. އެގޮތުން ޓީމުގެ ތަރިން ކަމަށްވާ ކެވިން ޑި ބްރެއިނާ އާއި ޖެރެމީ ޑޮކޫ ބެންޗުގައި ބޭންދުމަށްފަހު، އޭނާ ނެރުނު ސްޓްރެޓެޖީ ކާމިޔާބުވިއެވެ. މެޗުގެ ކުރީކޮޅު ޑި ކަޓަލާރޭ ޖެހި ލަނޑާއެކު ސިއެޓްލް ސްޓޭޑިއަމްގައި އޮތް އެމެރިކާގެ ފޯރި މައިތިރިވިއެވެ.

މަލިކް ޓިލްމަން ހިލޭ ޖެހުމަކުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރި ނަމަވެސް، މާގިނަ އިރުތަކެއް ނުވެ ޑި ކަޓަލާރޭ ވަނީ ދެވަނަ ލަނޑެއް ޖަހައި އަލުން ބެލްޖިއަމަށް ކުރިހޯދައިދީފައެވެ. އެމެރިކާގެ ކީޕަރު މެޓް ފްރީޒްއަށް ހެދުނު ބޮޑު ގޯހަކާއި، މެޗުގެ ފަހުކޮޅު ރޮމެލޫ ލުކާކޫ ކާމިޔާބުކުރި ލަނޑާއެކު އެމެރިކާގެ އުއްމީދުތައް މުޅިން ފެނަށްދިޔައެވެ.

ސިއެޓްލްގެ 67,000 އެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި މިއަދު ކުޅުނު މި މެޗުގެ ކުރީކޮޅު އެމެރިކާގެ ސަޕޯޓަރުންގެ އަޑުގަދަވި ނަމަވެސް، ނުވަވަނަ މިނެޓުގައި ބެލްޖިއަމުން ލަނޑު ޖެހުމާއެކު މުޅި ދަނޑު ހިމޭންވިއެވެ. މިއީ މި މުބާރާތުގައި އެމެރިކާ ކޮޅަށް ވަން ފުރަތަމަ ލަނޑެވެ.

ވޯލްޑް ކަޕުގައި އެމެރިކާ އާއި ބެލްޖިއަމް ބައްދަލުކުރު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ދެވަނަ ހާފުގައި އެމެރިކާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ޓީމުގެ ފޯމޭޝަނަށް ބަދަލުތަކެއް ގެނެސް، ކުޅުން ވަރުގަދަ ކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް 57 ވަނަ މިނެޓުގައި ކީޕަރު ފްރީޒްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ހާންސް ވަނަކެން ބެލްޖިއަމްގެ ތިންވަނަ ލަނޑު ކާމިޔާބުކުރިއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އެމެރިކާގެ އެންމެ މުހިންމު ކުޅުންތެރިޔާ ކްރިސްޓިއަން ޕުލިސިކަށް އަނިޔާވެގެން ބާލަން ޖެހުމަކީ އެމެރިކާއަށް ލިބުނު ބޮޑު ގެއްލުމެކެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކްރިސް ރިޗަޑްސްއަށް ހެދުނު ގޯހަކުން ލިބުނު ފުރުސަތުގައި ތަޖުރިބާކާރު ފޯވާޑް ލުކާކޫ ވަނީ ބެލްޖިއަމްގެ ހަތަރުވަނަ ލަނޑު ޖަހައި، އެމެރިކާގެ މައްޗަށް ބޮޑު ކާމިޔާބީއެއް ކަށަވަރުކޮށްދީފައެވެ. މިއީ 2002 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް ދިއުމަށް އެމެރިކާއިން ކުރި އުއްމީދުތައް ނިމުމަކަށް އައި ވަގުތެވެ.

ކިޔުންތެރިންގެ ހިޔާލު