ENGLISH

06 ޖުލައި 2026

Advertisement

ރާއްޖެ މިއަދު މިއޮތް ހާލަތާއި ބައްދަލުވީ އެމްޑީޕީ ސަރުކާރުގައި ފައިސާ ޗާޕު ކުރުމުން: މިނިސްޓަރ ސައީދު

06 ޖުލައި 2026

|

އެމް އެމް ޓީމް

މިނިސްޓަރ އޮފް އިކޮނަމިކް ޑިވަލަޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު - ފޮޓޯ: މަޖިލިސް

ރާއްޖެ މިއަދު މިއޮތް ހާލަތާއި ބައްދަލުވީ އެމްޑީޕީ ސަރުކާރުގައި ފައިސާ ޗާޕު ކުރުމުން ކަމަށް މިނިސްޓަރ އޮފް އިކޮނަމިކް ޑިވަލަޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ވަޒީރާއި ސުވާލުކުރުމުގެ ބައިގައި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. 

"އެމްޑީޕީގެ ވެރިކަމުގައި ދައުލަތުގެ ދަރަނި ވަނީ 120 ބިލިއަނަށްވުރެ މަތިވެފައި. 19 ވަނަ މަޖިލީހުގައި، މިނިސްޓަރ ވެސް ހިމެނިވަޑައިގަންނަވާހެން ވަރަށް ބޮޑަށް އަޑު އުފުލަމުން ގެންދަވަނިކޮށް ވެސް، އެއިރު ސަރުކާރު ހިންގި ޕާޓީ، މިއަދުގެ އިދިކޮޅު އެމްޑީޕީ އިން އެއިރު އޮތް ސުޕަރ މެޖޯރިޓީ ބޭނުންކުރައްވައި، ގާނޫނުއަސާސީގެ މާއްދާތައް ސަސްޕެންޑްކޮށް އެތައް ބިލިއަން ރުފިޔާގެ ފައިސާއެއް ވަނީ ޕްރިންޓްކޮށްފައި. މިކަމުގެ ސަބަބުން މިއަދުގެ އިގްތިސާދަށް ކުރަމުންދާ އަސަރާއި މުސްތަގުބަލުގައި ކޮށްފާނެ އަސަރު ވިދާޅުވެދެއްވަފާނަންތޯ" - ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު

މެންބަރުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ، ޕީއެންސީ އިދިކޮޅު ޕާޓިއެއްގެ ގޮތުގައި އޮތް އިރުގައި ވެސް އެކި ޕްލެޓްފޯމްތަކުގައި ވަރަށް ބޮޑަށް އަޑު އިއްވަމުން ގެންދިޔައީ ފައިސާ ޗާޕް ކުރުމުން މިހާރު މި އޮތް ހާލަތު ރާއްޖެއާއި ބައްދަލުކުރާނެ ކަމަށެވެ. 

މިނިސްޓަރ ވިދާޅުވީ އެއިރު ރެއާ ދުވާލު މަސައްކަތް ކުރައްވަމުން ގެންދެވީ މާލީ އަދި އިގްތިސާދީ ދާއިރާގެ ބޭފުޅުންނާއެކު ކަމަށެވެ. އަދި އެ މަސައްކަތާއެކު މަޖިލީހުގެ ކޮމިޓީތަކާއި މަޖިލީހުގައި ކުރެވުނު މަސައްކަތާއި، ކުރެވުނު ދިރާސާތަކުގައި ވެސް، ހުދު އެމްޑީޕީގެ ބޭފުޅުންގެ ތެރެއިން ޑިމޮކްރެޓިކް ފެކްޝަނުގައި ތިއްބެވި ބޭފުޅުން ވެސް ގޮވާލަމުން ގެންދެވީ ފައިސާ ޗާޕް ނުކުރުމަށް ކަމަށެވެ. 

މިނިސްޓަރ ވިދާޅުވީ އެއިރުގެ ސަރުކާރު ނިމުމަކަށް އަންނަންޖެހުނު އެއް ސަބަބަކީ ކޮރަޕްޝަން އިތުރުވެ ވައްކަން އިތުރުވުމުން ކަމަށެވެ. 

"ހަގީގަތަކީ މިއަދު ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އުފުލި ރުފިޔާގެ އަގު ނިކަމެތިވެގެންދިޔަ އެއް ސަބަބަކީ 8000 މިލިއަން ރުފިޔާ ޗާޕްކޮށް ބާޒާރަށް ނެރުން. އަދި ނެރުނު އިރު ގާނޫނު އޮތީ ތަޅު އަޅުވާފައި އޮތީ މަޖިލީހުން. ގާނޫނު ތަޅުއެޅުވީމާ އެއަށް ވާންޖެހޭ ޒިންމާ ވެސް ނުވެވޭ ގޮތަށް އެތައް ލުއިތަކެއް ދީގެން، އެއްވެސް ޓްރާންސްޕޭރެންސީއެއް ނެތި އެއްވެސް ބިރެއްނެތި އެކަން ކުރަމުން ދިޔައީ. އެހެންވެގެން ވޯލްޑް ބޭންކުން ވެސް އަދި ގުޅުން ހުރި އިދާރާތަކުން ވެސް އެކަން ނުކުރަން ބުނަމުން ދިޔައީ. " - މިނިސްޓަރ އޮފް އިކޮނަމިކް ޑިވަލަޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު

މިނިސްޓަރ ވިދާޅުވީ މިކަމާއި އެންމެންނަށް އެބަ އެއްބަސްވެވޭ ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ދެންވެސް ނުކުރުން މުހިންމު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ފައިސާ ޗާޕް ކުރުން ވަނީ ނިމުމަކަށް ގެނެސްފައެވެ. އެމްޑީޕީ ވެރިކަމުގައި 8 ބިލިއަން ރުފިޔާ ޗާޕް ކުރި އިރު، މި ސަރުކާރު އައި އިރު ދައުލަތުގެ ދަރަނި ހުރީ 120 ބިލިއަނަށްވުރެ މަތީގައެވެ. 

ކިޔުންތެރިންގެ ހިޔާލު