ENGLISH
06 ޖުލައި 2026
ބިޒްނަސް ރަޖިސްޓްރޭޝަން ކޯލް ސެންޓަރަށް ލިބުނު 99 އިންސައްތަ ކޯލްތަކަށް ޖަވާބު ދީފި
06 ޖުލައި 2026
|
ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުން. ފޮޓޯ؛ ރައީސް އޮފީސް
އެންމެ މަޤްބޫލު
ހުސްވި ޖޫން މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ބިޒްނަސް ރަޖިސްޓްރޭޝަން ކޯލް ސެންޓަރަށް ލިބުނު ކޯލްތަކުގެ 99 އިންސައްތައަށް ޖަވާބުދީފިއެވެ.
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން 1 އިން 15 އަށް އެ ސެންޓަރަށް 1,500 އަށްވުރެ ގިނަ ފޯނު ކޯލް ވަނީ ލިބިފައެވެ. މީގެ ތެރެއިން 99 އިންސައްތައަށްވުރެ ގިނަ ކޯލަށް ކާމިޔާބުކަމާއެކު ޖަވާބުދީ، ކަސްޓަމަރުން ބޭނުންވި މަޢުލޫމާތާއި އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.
ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވުނު މަސައްކަތުން، މި މުއްދަތުގެ ތެރޭގައި ކޯލްތަކަށް އިންތިޒާރު ކުރަންޖެހޭ ވަގުތު ވަނީ އެވްރެޖްކޮށް ދެ މިނެޓަށް ކުޑަކުރެވިފައެވެ. މިއީ ހިދުމަތް ހޯދާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ލުޔެއްކަމަށް ވުޒާރާއިން ބުންޏެވެ.
މި ކޯލް ސެންޓަރު މެދުވެރިކޮށް މައިގަނޑު ގޮތެއްގައި ފޯރުކޮށްދެނީ ވިޔަފާރިތައް އަލަށް ރަޖިސްޓްރީ ކުރުމާއި، ވިޔަފާރީގެ ރެކޯޑުތައް އަދާހަމަކުރުމުގެ މައުލޫމާތެވެ. މީގެ އިތުރުން، އެކި ބާވަތުގެ ވިޔަފާރިތަކަށް ބޭނުންވާ ހާއްސަ ހުއްދަތައް ހޯދުމާއި، ވިޔަފާރިތަކާ ގުޅުންހުރި އެހެނިހެން ލަފަޔާއި އިރުޝާދު ފޯރުކޮށްދިނުމުގައި ކޯލް ސެންޓަރުގެ ޓީމުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.
މީގެ އިތުރަށް ވުޒާރާގައި މި މުއްދަތުގެ ތެރޭގައި ޓްރާންސްޕޯޓްގެ ކޯލް ސެންޓަރު މެދުވެރިކޮށް 2,000 އަށްވުރެ ގިނަ ފޯނު ކޯލަށް ހިދުމަތް ދެވިފައިވާކަމަށް ވެސް ވުޒާރާއިން ވަނީ ބުނެފައެވެ.
ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން 1 އިން 15 އަށް އެ ސެންޓަރަށް ލިބުނު ކޯލްތަކުގެ ތެރެއިން އެވްރެޖްކޮށް 82 އިންސައްތަ ކޯލަށް ވަނީ ޖަވާބުދީފައެވެ.
މި ކޯލް ސެންޓަރުގެ މައިގަނޑު މަގުސަދަކީ ވުޒާރާގެ ހިދުމަތްތަކާ ގުޅޭގޮތުން އާންމުންގެ ހުންނަ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމާއި، ހިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ ތެރޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސާއި، އުޅަނދު ރަޖިސްޓްރީ ކުރުމާ ގުޅޭ އެންމެހައި މައުލޫމާތުތައް ހިމެނެއެވެ.
ދަތުރުފަތުރާ ގުޅުންހުރި ކަންކަމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ވުޒާރާގެ ޓްރާންސްޕޯޓް ހޮޓްލައިން ނަންބަރު 1511 އަށް ގުޅައިގެން ބޭނުންވާ އެހީތެރިކަން ހޯދޭނެއެވެ.