ENGLISH

06 ޖުލައި 2026

Advertisement

މިއީ އަހަރެންގެ ފަހު ވޯލްޑް ކަޕް: ރޮނާލްޑޯ

06 ޖުލައި 2026

|

އިސްމާއިލް ޝާހު

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ --- ފޮޓޯ: ރޮއިޓަރސް

މިއީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އިއުތިރާފުވެއްޖެއެވެ. އެމެރިކާގެ ޑެލަސްގައި މިރޭ ސްޕެއިނާ ދެކޮޅަށް ޕޯޗުގަލް ކުޅޭ ގަދަ 16 ގެ މެޗުގެ ކުރިން ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ، އޭނާ ކެރިއަރު ނިންމާލަނީ އެއްވެސް ދެރައެއް ނުވަތަ ހިތާމައެއް ނެތި ކަމަށެވެ.

ރިކޯޑު އަދަދެއް ކަމަށްވާ ހަވަނަ ވޯލްޑް ކަޕެއްގައި ކުޅެމުން އަންނަ އުމުރުން 41 އަހަރުގެ ރޮނާލްޑޯ މިހެން ބުނީ ނޫސްވެރިންގެ ބައްދަލުވުން ނިންމާލަމުންނެވެ. އޭނާ ބުނި ގޮތުގައި، ކާމިޔާބީން ފުރިގެންވާ އޭނާގެ ފުޓްބޯޅަ ކެރިއަރު ނިންމާލާނީ އޭނާ އަމިއްލައަށް ބޭނުންވާ ގޮތަކަށެވެ.

ނޫސްވެރިންގެ އަތްތިލަބަޑީގެ އަޑާއެކު އެތަނުން ނުކުންނަމުން ރޮނާލްޑޯ ބުނީ، "މިއީ އަހަރެންގެ ފަހު ވޯލްޑް ކަޕް. އަދި މި މެޗަކީ އަހަރެންގެ ފަހު މެޗަށް ނުވުމަށް އުއްމީދުކުރަން."

ނޫސްވެރިންގެ މި ބައްދަލުވުމުގެ ކުރީކޮޅު މެންޗެސްޓަރ ޔުނައިޓެޑާއި ރެއާލް މެޑްރިޑުގެ ކުރީގެ ފޯވާޑް ވަނީ މިއީ އޭނާގެ ފަހު މުބާރާތްކަން ކަށަވަރުކޮށްދޭން ދެކޮޅު ހަދާފައެވެ. 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް އޮންނައިރު އޭނާގެ އުމުރުން 45 އަހަރު ފުރޭނެއެވެ.

"އަހަރެން ކުޅުން ހުއްޓާލާނީ އަހަރެން އިޚްތިޔާރު ކުރާ ވަގުތެއްގައި. ތިޔަބޭފުޅުން އަބަދުވެސް ތިޔަ ކުރައްވަނީ އެއް ސުވާލެއް. މިއީ ފަހު ފަހަރު ހެއްޔެވެ؟ އެކަން ފަހުން އެނގޭނެ. އަހަރެން ބޭނުމީ މިކަމަށް މީހުންގެ ސަމާލުކަން ހޯދާކަށް ނޫން. އެންމެ މުހިންމު ކަމަކީ މިރޭ ރަނގަޅަށް ކުޅުން،" ނޫސްވެރިންނާ ވާހަކަދައްކަމުން ރޮނާލްޑޯ ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޕޯޗުގަލްގެ ރޮނާލްޑޯ --- ފޮޓޯ: ރޮއިޓަރސް

އޭނާ އިތުރަށް ބުނީ، މިރޭ ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް، އޭނާ ދާނީ ސާފު ހިތަކާއެކުކަން ޔަގީންވާ ކަމަށެވެ. "އަހަރެން ފުޓްބޯޅައަށްޓަކައި ދެވެން އޮތް ހުރިހާ އެއްޗެއް ދީފިން. މިހާ ގިނަ އަހަރުތަކެއް ވަންދެން ކުޅުމަކީ އަހަރެންގެ ޝައުގުވެރިކަން. އަހަރެން މިއީ ކޮންމެހެން ކުރަން ޖެހިގެން ކުރާ ކަމެއް ނޫން. ދިރިއުޅުމުގައި އަހަރެން އުޅެނީ ވަރަށް ރަނގަޅަށް. މިއީ ހަމައެކަނި ލޯތްބާއި ޝައުގުވެރިކަމެއް. އަހަރެން ޤައުމީ ޓީމަށް ކުޅެނީ ފުޓްބޯޅަ ކުޅެން ލޯބިވާތީ."

މިފަހަރުގެ މުބާރާތަކީ ކުރީގެ ފަސް މުބާރާތަށްވުރެ ބޮޑަށް އުފާލިބުނު މުބާރާތެއް ކަމަށް ރޮނާލްޑޯ ވަނީ ހާމަކޮށްފައެވެ. އަދި ރޮބާޓޯ މާޓިނޭޒްގެ އިރުޝާދުގެ ދަށުން ކުޅޭ ޕޯޗުގަލް ޓީމަށް ސްޕެއިނުގެ މައްޗަށް ކުރިހޯދޭނެކަމުގެ ފުރިހަމަ އިތުބާރު އޭނާއަށް އެބައޮތެވެ.

ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗަކީ ރޮނާލްޑޯ ޕޯޗުގަލްގެ ޤައުމީ ޓީމަށް ކުޅޭ 233 ވަނަ މެޗެވެ. ސްޕެއިނަކީ ރޮނާލްޑޯއާ ވަރަށް ބޮޑު ގުޅުމެއް އޮތް ގައުމެކެވެ. އެއީ އޭނާ ރެއާލް މެޑްރިޑުގައި ނުވަ ސީޒަން ހޭދަކޮށްފައިވާތީއެވެ.

ނަމަވެސް ސްޕެއިނާ ދެކޮޅަށް އޭނާ ޖަހާފައިވަނީ އެންމެ ހަތަރު ލަނޑެވެ. އޭގެ ތެރޭގައި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި 3-3 އިން އެއްވަރުވި މެޗުގައި ހެދި ހެޓްރިކް ހިމެނެއެވެ.

ރޮނާލްޑޯ ނިންމާލަމުން ބުނީ، ސްޕެއިނާ ދެކޮޅަށް ކުޅެން އޭނާ ލޯބިކުރާ ކަމަށާއި، އެ ޓީމާ ދެކޮޅަށް އޭނާގެ ރިކޯޑުވެސް ގޯސް ނޫން ކަމަށެވެ. "މި މެޗު ކާމިޔާބު ކުރާނީ ވަރަށް ކުދިކުދި ކަންތައްތަކުން. އަހަރެމެން މޮޅުވާނެކަމުގެ އިހުސާސް އަހަންނަށް އެބަކުރެވޭ،" އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު