ENGLISH
06 ޖުލައި 2026
ހުއާހިން ސިކްސަސް މުބާރާތް ކާމިޔާބުކުރި ޓީމަށް ހޫނު މަރުހަބާއެއް
06 ޖުލައި 2026
|
ހުއާހިން ސިކްސަސް ކްރިކެޓް މުބާރާތުގައި ގިނަ ކާމިޔާބީތަކެއް ހޯދި އެސްސީސީގެ ޓީމާއެކު ސްޕޯޓްސް ކޮމިޝަނަރ ޠަލާލް އާއި ސީބީެމްގެ ރައީސް ފައިސަލް ---- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ތައިލެންޑުގައި ބޭއްވި "ހުއާހިން ސިކްސަސް" ކްރިކެޓް މުބާރާތުގައި ގިނަ ކާމިޔާބީތަކެއް ހޯދި ދިވެހިރާއްޖޭގެ ސީނިއަރ ކްރިކެޓަރސް ކުލަބު (އެސްސީސީ) ގެ ޓީމު ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީއިން ރޭ އެ ޓީމަށް މަރުހަބާ ދެންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލެވެ. އަދި ކްރިކެޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީބީއެމް) ގެ ރައީސް މުޙައްމަދު ފައިސަލްވެސް ބައިވެެރިވެވަޑައިގެންނެވިއެވެ.
މިދިޔަ ޖޫން މަހުގެ 27 އިން މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގެ ވެޓެރަންސް ކެޓެގަރީގެ ފައިނަލަށް އެސްސީސީގެ ދެ ޓީމު ދަތުރުކުރިއިރު، ފޯރިގަދަ ކުޅުމަކަށްފަހު 6 ވިކެޓުން މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ އެސްސީސީ ޓީމު 1 އެވެ. އެއާއެކު އެސްސީސީއިން ވަނީ މުބާރާތުގެ ތަށި ވިދިވިދިގެން ތިންވަނަ ފަހަރަށް ކާމިޔާބުކޮށް، ތަށި މިލްކުކޮށްފައެވެ.
ހުއާހިން ސިކްސަސް ކްރިކެޓް މުބާރާތުގައި ގިނަ ކާމިޔާބީތަކެއް ހޯދި އެސްސީސީގެ ޓީމަށް މަރުހަބާ ކިޔަނީ ---- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
މި ފަހަރުގެ މުބާރާތުގައި ވަކިވަކި ކުޅުންތެރިން ހޯދި ކާމިޔާބީތަކަށް ބަލާއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ވެޓެރަން ބޯލަރުގެ މަގާމު ތަޖުރިބާކާރު ކުޅުންތެރިޔާ އިސްމާޢީލް އަނިލް ހޯދިއިރު، އެންމެ މޮޅު ވެޓެރަން ކުޅުންތެރިޔާގެ މަގާމު ހާސިލުކުރީ މޫސާ ކަލީމެވެ. މީގެ އިތުރުން އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސީސީއަށް ކުޅުނު ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ނައިބު ރައީސް އަޙްމަދު އިސްޙާޤު ވަނީ އެންމެ މޮޅު "ސުޕަ ވެޓެރަން" ކުޅުންތެރިޔާގެ އެވޯޑު ހޯދާފައެވެ.
ހުއާހިން ސިކްސަސް ކުރިކެޓް މުބާރާތް ކުރިއަށްދިޔައީ 35 އަހަރުން މަތި، 50 އަހަރުން މަތި އަދި 60 އަހަރުން މަތީގެ ޓީމުތައް ވާދަކުރާ ގޮތަށެވެ. މި ތިން ކެޓެގެރީގައިވެސް ރާއްޖެއިން ވާދަކުރިއިރު، ފާއިތުވެދިޔަ ދެ އަހަރު ރާއްޖޭގެ 50 އަހަރުން މަތީގެ ޓީމާއި 35 އަހަރުން މަތީގެ ޓީމު ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.