ENGLISH
05 ޖުލައި 2026
ކުލި ނުނަގާ ގޮތަށް ކުންފުންޏަކަށް 25 އަހަރަށް އެފްއޭއެމްއިން ބިމެއް ދިނުމުން ފިޔަވަޅުއަޅަނީ
05 ޖުލައި 2026
|
މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ހިންގާ ބައެއް ގުދަންތައް --- ފޮޓޯ: މިހާރު
އެންމެ މަޤްބޫލު
ފީފާގެ ފޯވާޑްސް ޕްރޮޖެކްޓްސް ހިންގުމަށްޓަކައި، އެފްއޭއެމަށް 50 އަހަރަށް ސަރުކާރުން ދީފައިވާ މާލޭ މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ ބިމުން ގަވާއިދާ ހިލާފަށް ފިއުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔެއް ނެގުމެއް ނެތި 25 އަހަރުގެ މުއްދަތަށް ދީފައިވާތީވެ، އެ މައްސަލައާ ގުޅިގެން ގާނޫނީގޮތުން ފިޔަވަޅު އަޅަން ނިންމައިފިއެވެ.
އެފްއޭއެމުން ބުނީ، ފީފާއިން ހަރަދުކޮށްގެން ހަދަމުންދިޔަ އިމާރާތުގެ އިރުން، ފުޓްބޯޅަ ދަނޑު އެޅުމަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ގުދަން ހަދާފައިވާ ފަރާތްތަކުގެ ތެރެއިން ފިއުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑުން އެ ބިން ހުސްކުރުމަށް އެކި ފަހަރުމަތިން އެންގުމުންވެސް އެބިން ހުސްކުރުމަށް އިއުތިރާޒް ކުރުމާއި، އަދި އެ ބިން ހަވާލުކުރުމަށް ދެކޮޅު ހަދަމުންދާތީވެ، ފުޓްބޯޅަ ދަނޑުއެޅުމަށް އެ ބިން ހުސްކުރުމުގައި ގާނޫނީގޮތުން އަޅަންހުރި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑާޝިޕުން، ފިއުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑަށް 1 ޖަނަވަރީ 2023 އިން ފެށިގެން 25 އަހަރުގެ މުއްދަތަށް ދީފައިވަނީ ފުޓްބޯޅަ ދަނޑު އެޅުމަށް ހާއްސަކޮށްފައިވާ ސަރަހައްދުން 2700 އަކަ ފޫޓުގެ ބިމެކެވެ. މި ބިމުގައި ޑެގް އަޅައިގެން ދެބުރިއަށް ގުދަން ހަދާފައިވާއިރު، މި ތަން ދީފައިވަނީ 25 އަހަރު ވަންދެން ކުއްޔެއް ނުނަގާ ގޮތަށެވެ.
އަދި، ކުއްޔަށްދޭ ފައިސާގެ ތެރޭގައި ހިމެނޭހެން، ފިއުޗަރ ހޯމްސް އިން 1.8 މިލިއަން ރުފިޔާ އަށް އަގުކުރެވޭ ގޮތަށް ކުނި އުކިކަމަށް ބުނެފައިވީނަމަވެސް، އެކަމާ ގުޅޭގޮތުން އެފްއޭއެމާއެކު އެއްބަސްވުމެއް ހެދިފައެއް ނުވެއެވެ.
މީގެއިތުރުން، 2700 އަކަ ފޫޓްގެ ބިމުގައި އެ ކުންފުނިން ދެބުރިއަށް ގުދަން އިމާރާތްކޮށްފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، އަދި މާލެސިޓީ ކައުންސިލްގެ އެއްވެސް ހުއްދައެއް އަދި ކުރެހުމެއް ފާސްކުރުމަކާ ނުލައިކަން ލިޔެކިޔުމުން އެ އިދާރާތަކުން އެފްއޭއެމަށް އަންގާފައިވާ ކަމަށް ވެސް އެ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
އެހެންކަމުން، ވަގުތީގޮތުން ހަދާފައިވާ އިމާރާތް ހިމެނޭ ބިމަކީ ފުޓްބޯޅަ ދަނޑު އެޅުމަށް ކަނޑައަޅާފައިވާ ބިމަކަށްވާތީވެ އެ ބިން ހުސްކުރުމުގައި ގާނޫނީގޮތުން އަޅަންހުރި ފިޔަވަޅުތައް އަޅައި އެ ބިން ހުސްކުރުމަށް އެފްއޭއެމްގެ އެކްސްކޯގެ 14 ވަނަ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.
އެފްއޭއެމުން ބުނީ، ފީފާއިން ހަރަދުކޮށްގެން ހަދަން ފަށާފައިވާ އިމާރާތުގެ އެކި ބައިތައް އެކިފަރާތްތަކަށް ނުއަގުގައި ކުއްޔަށް ދޫކޮށްފައިވަނީ ފީފާގެ ހުއްދައެއްނެތި އިމާރާތުގެ ކުރެހުމަށް ބަދަލުގެނެސްގެން ކަމަށާއި، އަދި މިކަން ކޮށްފައިވަނީ އެފްއޭއެމްގެ އެކްސްކޯގެ ސައްހަ ނިންމުމެއްނެތި ކަމަށެވެ.
މިއާއެކު، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ހަދާފައިވާ އިމާރާތުގެ އެކި ބައިތަކުގައި ގުދަން ހަދާފައިވާ ފަރާތްތައް، އެ އިމާރާތުން ހުސްކުރުމަށް ކުރަންޖެހޭ ގާނޫނީ އެންމެހަ މަސައްކަތްތައް ފެށުމަށް ނިންމާފައިވާ ކަމަށްވެސް އެފްއޭއެމުން ބުނެފައިވެއެވެ.