ENGLISH
05 ޖުލައި 2026
"އިދިކޮޅު ފަރާތްތަކުގެ ކިބައިގައި ޒިންމާދާރުކަމާއެކު ސަރުކާރު ޖަވާބުދާރީކުރުވުމުގެ ހަކަތައެއް ނެތް"
05 ޖުލައި 2026
|
ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް އެމްއެމްޓީވީގެ ބޮޑު ހަބަރު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވަނީ.
އެންމެ މަޤްބޫލު
ޒިންމާދާރުކަމާއެކު ސަރުކާރު ޖަވާބުދާރީކުރުވުމުގެ ހަކަތަ ނެތް ކަމަށް ވިދާޅުވެ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވެއްޖެއެވެ.
މެމްބަރު މިފަދައިން ވިދާޅުވީ އެމްއެމްޓީވީގެ "ބޮޑު ހަބަރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަދުގެ ސަރުކާރުގެ ސިޔާސަތުތަކަކީ ގޯސް ސިޔާސަތުތަކެއްކަން ދެއްކުމަށްޓަކައި މަސައްކަތްކޮށްލާނެވަރުގެ ހަކަތަ އިދިކޮޅު ފަރާތްތަކުގެ ކިބައިގައި ހުރިކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވެ މެމްބަރު ވަނީ އިދިކޮޅުގައި ތިބީ ދިވެހިން ތަޖުރިބާކޮށްފައިތިބި ބައެއްކަން ފާހަގަކުރައްވާފައެެވެ.
" އެމްޑީޕީގެ ވެރިކަން ނިންމާފައި ތިބި ބޭފުޅުން، ދައުލަތް ހިންގުމުގައި އިސްކޮށް އުޅުނު މީހުން އެއް ގާގަނޑަކުން ފެހިކަހަން އައިސްތިބި މަންޒަރު މިހާރު ފެނިގެންދަނީ، އޭރުގައި ވަޒީރުންނަށް ތިއްބެވި ބޭފުޅުންނާއި އޭރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިއްބެވި ބޭފުޅުން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ސަަފުން ފެންނަނީ، އަޅުގަނޑުމެންނަށް ފެންނާނެ އަޅުގަނޑުމެންގެ ރިޒާވް މި މީހުން ފުނޑާލާފައި ދިޔަ ގޮތް،". އެމްޑީޕީގެ ވެރިކަން ނިމުނުއިރު ގައުމުގެ މާލީ ހާލަތު އޮތް ގޮތަށް އިޝާރާތްކުރައްވައި މެމްބަރު ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުގައި ފާލުން ނެއްޓިގެންދިޔަ ދައުލަތް ހިންގުމުގެ ނިޒާމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަލުން ތަރުތީބުކުރައްވާ މަންޒަރު ފެންނަމުންދާކަމަށް ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކުގައި ތިއްބެވި ލީޑަރުންގެ އޮތީ އެންމެ އެޖެންޑާއެއްކަމަށާއި އެއީ 2028 ގެ އިންތިހާބުގެ ޓިކެޓު ޕާޓީތަކުގެ ތެރެއިން ކަށަވަރުކުރުންކަމަށް ވިދާޅުވިއެވެ.
" ފެންނަނީ އެއްގޮނޑިއަކުން އެއްމޭޒަކުން އަދި އެކުވެރިކަން ދެއްކުމަށްޓަކައި އެކަކު ކާ ސަމްސާ އަނެކަކު ނަގާފައި ކާއެއްޗެއް ކޭ ކަމުގައި ވީނަމަވެސް ހިތުތެރޭގައި އޮތީ ހަމަ އަނގުރު އަލިފާން އަނދައަނދަ، ތިމަންނާއޭ ވެރިކަމަށް އަންނާނީ، ތިމަންނާއަށޭ ވެރިކަން ކުރެވޭނީ، އެނޫން އެޖެންޑާއެއް އެބޭފުޅުންގެ އޮތްކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،". މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވަނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރާނަމަ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައެވެ.