ENGLISH
05 ޖުލައި 2026
ކުޅުންތެރިންނަށް އަމާޒުވަމުންދާ ނަސްލީ ތަފާތުކުރުމުގެ އަމަލުތައް ހުއްޓުވުމަށް ފިފްޕްރޯއިން ގޮވާލައިފި
05 ޖުލައި 2026
|
ވޯލްޑް ކަޕުގެ ނޮކްއައުޓް ބުރުގައި މޮރޮކޯއާ ބައްދަލުކޮށް ބަލިވި މެޗުގައި ޕެނަލްޓީ ނާކާމިޔާބުވި ނެދަލެންޑްސްގެ ކުއިންޓަން ޓިމްބާ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގައި ވާދަކުރާ ކުޅުންތެރިންނަށް އަމާޒުވަމުންދާ ނަސްލީ ތަފާތުކުރުންތަކާއި، އަދަބާ ޚިލާފު އިހާނެތި ބަސްމަގު ބޭނުންކުރުން ފަދަ އަމަލުތައް އިތުރުވަމުންދާތީ، އެކަން ހުއްޓުވުމަށް ކުޅުންތެރިންގެ ބައިނަލްއަގުވާމީ ޖަމުއިއްޔާ، ފިފްޕްރޯއިން ގޮވާލައިފިއެވެ.
މުބާރާތުގެ ގަދަ 16 ގެ މެޗުތައް ފެށިފައިވާއިރު، މީޑިއާގެ ފާޑުކިޔުންތަކާއި މެޗުތަކުން ބަލިވެ މުބާރާތުން ވަކިވާން ޖެހުމާ ގުޅިގެން ކުޅުންތެރިންނަށް ކުރިމަތިވާ ފުރައްސާރައިން އެ މީހުން ރައްކާތެރިކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ފިފްޕްރޯއިން ވަނީ ބާރުއަޅާފައެވެ.
ފިފްޕްރޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފާއިތުވި ހަފުތާތަކުގައި ސޯޝަލް މީޑިއާގައާއި އަމަލީ ގޮތުން ކުޅުންތެރިންނަށް ގިނަގުނަ ގޯނާތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، އޭގެ ތެރޭގައި ގިނައީ ނަސްލީ ގޮތުން ދިމާކުރުމާއި، ތަފާތުކުރުމުގެ އަމަލުތައް ކަމަށެވެ.
"ދަނޑުމަތިންނާއި ބޭރުގައިވެސް ބިރުދެއްކުމާއި ހަތުރުވެރިކަމުގެ އަމަލުތައް ހިންގަމުންދޭ. މިއީ ވަކިވަކި ހާދިސާތަކެއް ނޫން. މިއީ ފުޓްބޯޅައިގެ ތެރޭގައި ނުވަތަ މުޖުތަމައުގައިވެސް ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން،" ބަޔާނުގައިވެއެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ހާމަކޮށްފައިވާ ގޮތުގައި މި ފަހަރުގެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި މީހުންނަށް ފުރައްސާރަކޮށްފައިވާ 89،000 އަށްވުރެ ގިނަ ޕޯސްޓު އެ އިދާރާގެ ޑިޖިޓަލް މޮނިޓަރިންގ ނިޒާމަށް ފާހަގަކުރެވިފައިވެއެވެ. މިއީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕާ އަޅާބަލާއިރު 13 ގުނަ އިތުރު އަދަދެކެވެ. މީގެ ތެރެއިން ފާހަގަވި ފުރައްސާރައިގެ 11 އިންސައްތައަކީ ނަސްލީ ތަފާތުކުރުންތަކާ ގުޅުންހުރި މެސެޖުތަކެވެ.
ނޮކްއައުޓް ބުރުގައި މޮރޮކޯއާ ބައްދަލުކޮށް ބަލިވި މެޗުގައި ޕެނަލްޓީ ނާކާމިޔާބުވުމާ ގުޅިގެން، ނެދަލެންޑްސްގެ ޖަސްޓިން ކްލައިވަޓް، ކުއިންޓަން ޓިމްބާ އަދި ކްރައިސެންޝިއޯ ސަމަވިލް ފަދަ ކުޅުންތެރިންނަށް ސޯޝަލް މީޑިއާގައި ނަސްލީ ގޮތުން ބޮޑެތި ފުރައްސާރަތަކަކާ ކުރިމަތިލާން ޖެހުނެވެ.
"ޤައުމީ ޓީމަކީ ކުޅުންތެރިންގެ މަސައްކަތުގެ މާހައުލުގެ ބައެއް. އެހެންކަމުން އެ މާހައުލުގައި އެމީހުންނަށް ފުރިހަމަ ރައްކާތެރިކަން ލިބެންޖެހޭނެ،" ފިފްޕްރޯއިން އިތުރަށް ބުންޏެވެ.
މިކަން ހުއްޓުވުމަށް މުހިންމު ފިޔަވަޅުތަކެއް އެޅިފައިވީ ނަމަވެސް، ހަމައެކަނި މޮނިޓަރ ކުރުމަކުން ނުވަތަ ރިޕޯޓު ކުރުމަކުން މީހުންގެ އުޅުމަށް ބަދަލެއް ނާންނާނެ ކަމަށާއި، ފުޓުބޯޅައިގެ ހިއްސާދާރުންނާއި ސަރުކާރުގެ އިދާރާތަކުން މިކަމަށް ކުރާ މަސައްކަތް އިތުރުކުރުމަށް ފިފްޕްރޯއިން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދެވޭނެ ނިޒާމެއް އޮންނަންޖެހޭ ކަމަށާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި، މީޑިއާ އަދި ސަޕޯޓަރުން ގުޅިގެން މި ނުރައްކާތެރި އާދަ ނައްތާލުމަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އެ ޖަމުއިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.