ENGLISH

05 ޖުލައި 2026

Advertisement

ޖޫން މަހު 11 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފި

05 ޖުލައި 2026

|

އާމިނަތު ނުޒްލާ

މަސްވެރިން މަސްބޭނުމުގައި--

ނިމިދިޔަ ޖޫން މަހު 11 މިލިއަންއަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ސަރުކާރުގެ މަސްކުންފުނި މިފްކޯ އިން ބުނެފި އެވެ.

މިފްކޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 517 އުޅަނދަކަށް 11،332،391 ( އެގާރަ މިލިއަން ތިން ސަތޭކަ ތިރީސް ދެ ހާސް ތިން ސަތޭކަ ނުވަދިހަ އެއް ރުފިޔާ) ވަނީ މިދިޔަ މަހު ދޫކޮށްފަ އެވެ.

މިފްކޯއިން ބުނީ، މިދިޔަމަހު ޖުމްލަ 568 ޓަނުގެ މަސް އެ ކުންފުންޏަށް ކިރުވާފައިވާ ކަމަށެވެ. އެގޮތުން 484.4 ޓަނުގެ ކަޅު ބިލަމަސް ކިރުވާފައިވާއިރު، އެ މަހަށްވާ ފައިސާކަމަށްވާ 9،326،901 (ނުވަ މިލިއަން ތިންސަތޭކަ ސައްބީސް ހާސް ނުވަސަތޭކަ އެއް ރުފިޔާ) ރުފިޔާ ދޫކޮށްފައިވެ އެވެ. މިއީ 196 ދޯނިން ކިރުވާފައިވާ މަހެވެ.

ދިހަ ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 109 ދޯންޏަކަށް 331،440 (ތިން ސަތޭކަ ތިރީސް އެއްހާސް ހަތަރުސަތޭކަ ސާޅީސް ރުފިޔާ) ޖަމާކޮށްފައިވެ އެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 212 ދޯންޏަކަށް ޖަމާކޮށްފައިވަނީ 1،674،050 (އެއް މިލިއަން ހަސަތޭކަ ހަތްދިހަ ހަތަރު ހާސް ފަންސާސް ރުފިޔާ) އެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ވަޢުދާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ މަސްވެރިން، ބާނާ މަހަށް ފައިސާ ދެމުންނެވެ.

މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫގެ ދަށުން ދެ އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅަކުން މިހާރު އެސްޓީއޯ ރޭޓްގައި ތެޔޮ ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. 

ކިޔުންތެރިންގެ ހިޔާލު