ENGLISH
05 ޖުލައި 2026
ހިމަބިހި އެންމެ ބާރަށް ފެތުރޭ ގައުމުގެ ލިސްޓުގައި ރާއްޖެ، ވެކްސިން ފުރިހަމަކުރޭ!
05 ޖުލައި 2026
|
އެންމެ މަޤްބޫލު
މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ހިމަބިހި އެންމެ ބާރަށް ފެތުރޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް މި ބަލި އެންމެ ބާރަށް ފެތުރެމުން ދަނީ ބަންގްލަދޭޝްގަ އެވެ. ހިމަބިހި އެންމެ ބާރަށް ފެތުރޭ ގައުމުތަކުގެ ލިސްޓުގައި އިންޑިއާ، ނޭޕާލް، ލަންކާގެ އިތުރުން ތައިލެންޑުވެސް ހިމެނެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވަނީ މި ގައުމުތަކުން މަސައްކަތް ކުރުމަށް ރާއްޖެ އަންނަ ބިދޭސީންނަށް ވިސާ ދިނުމުގެ ކުރިން، ހިމަބިހީގެ ވެކްސިން ފުރިހަމަ ކުރިތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ފަތުރުވެރިންގެ ކިބައިން ފެންނަ އަލާމާތްތަކަށް ވެސް ސަމާލުކަން ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ޑރ. ފައިސަލް އިތުރަށް ހާމަކުރެއްވި ގޮތުގައި ހިމަބިހި އެންމެ ގިނައިން ޖެހިފައިވަނީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ކަމަށާއި މިހާތަނަށް ބަލި ޖެހުނީ ހަތަރު ކުޑަކުދިންނަށް ކަމަށެވެ. އެ އުމުރުފުރާގެ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ޑރ. ފައިސަލް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
ދެ ހާސް ސަތާރަ ވަނަ އަހަރު ރާއްޖޭން ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވާ ހިމަބިހީގެ ކޭސްތައް އަލުން ފެންނަން ފެށިފަހުން ބަލި ޖެހިފައިވާ މީހުންގެ އަދަދު 72 އަށް ވަނީ އަރާފައެވެ.
ހިމަ ބިއްސަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ހިމަބިހި ޖެހެނީ "މީސްލްސް ވައިރަސް"ގެ ސަބަބުން ނެވެ. މިއީ ޕެރަމިކްސޯ ވައިރަސްގެ ތެރޭގައި ހިމެނޭ "މޯބިލިވައިރަސް"ގެ ވައްތަރެކެވެ. ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށްވިޔަސް އާންމުކޮށް ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ހިމަބިހި ޖެހިދާނެއެވެ.
ބަލިޖެހިފައިވާ މީހާގެ ފުށުން އެހެން މީހުންގެ ގަޔަށް ބަލި ފަތުރަނީ ބައްޔާއި ގުޅިގެން ގައިގައި ނަގާ ބިހިތައް ފެނުމުގެ 5-4 ދުވަސް ކުރިންނާއި، އަދި ބިހިތައް ފެނުމަށްފަހު 5 -4 ދުވަސް ހަމަވުމާއި ދެމެދުގައި އޮންނަ މުއްދަތުގެ ތެރޭގަ އެވެ. ހިމަބިހި ޖެހިފައި ތިބޭ މީހުންނާއި، އެކުއުޅޭ 90 އިންސައްތަ މީހުންނަށް ހިމަބިހި ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ސިއްހީ މާހިރުން ބުނެއެވެ. ބަލިޖެހިފައިވާ މީހާ ކެއްސައި، ކިނބިހި އެޅުމުގެ ތެރޭގައި، ވައިގެ ތެރެއަށް ވައިރަސްތައް ބޭރުވެ، ނޭވާލުމުގެ ޒަރިއްޔާއިން ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވައިރަސް ވާސިލުވެ، އެމީހަކަށް ބަލި ޖައްސުވައެވެ.
ހިމަބިހީގެ ކޭސްތައް އަލުން ފެންނަން ފެށުމުން މިހާރު ވަނީ އެ ބަލިން ރައްކާތެރިވުމަށްދޭ އެމްއާރު ވެކްސިން ދޭންފަށާފައެވެ.