ENGLISH

05 ޖުލައި 2026

Advertisement

ހިޔާ ފްލެޓްތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ނިންމާލައިފި، އާއްމުންނަށް ހުޅުވާލާނީ މިރޭ

05 ޖުލައި 2026

|

އައިމިނަތު ޝަފާ

ހިޔާ ޓަވަރުތައް

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫއު އެއްކޮށް ނިންމާލައިފިއެވެ. 

މި މަސައްކަތް ކޮށްފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން -- އެޗްޑީސީންނެވެ.  އައު ލިފްޓުތައް އާންމުންނަށް ހުޅުވާލާނީ މިރޭ އެކަމަށް ހާއްސަކޮށްގެން ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ހިޔާ ފްލެޓްގެ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ބައެއް ޓަވަރުގައި ހަތަރެއް އަދި ބައެއް ތަންތަނުގައި ތިން ލިފްޓު ހުރެއެވެ. ނަމަވެސް ލިފްޓު މަދުވުމުގެ ސަބަބުން އަރައި ފޭބުމަށް ދަތިވުމުގެ ޝަކުވާތައް ބޮޑެވެ. އެ ޓަވަރުތަކުގައި ބައިލައްކައަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. 

ހިޔާގެ ކޮންމެ ޓަވަރެއްގައި ޖާގަ ތަނަވަސް، އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. 

އެޗްޑީސީން "އެމްއެމްޓީވީ"އަށް ބުނީ ހިޔާގެ ކޮންމެ ޓަވަރެއްގައި ހަރުކުރި އިތުރު ދެ ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑެތި ލިފްޓުތަކެއްކަމަށެވެ. އަދި އެ ލިފްޓުތަކުގައި 21 މީހުންގެ ޖާގަ ހުރެއެވެ. އަލަށް ގާއިމުކުރި ލިފްޓްތަކުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު ލިފްޓް ބޭނުންކުރެވޭނެ ގޮތްތަކެއް ވެސް ފަހިކޮށްދީފައިވެއެވެ.

ހިޔާ ޓަވަރުތަކުގައި ޖާގަ ތަނަވަސް އިތުރު ލިފްޓު ހަރުކުރުމުގެ މަޝްރޫއު އެއްކޮށް ނިންމައި އާންމުނަށް ހުޅުވާލުމަކީ، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވޭތުވެދިޔަ ދުވަސްތަކުގައި އުފުލަމުންދިޔަ ތަކުލީފުތަކަށް ލިބޭ ވަރަށް ބޮޑު ތަސައްލީއަކަށް ވެގެންދާނެކަމަށް އެޗްޑީސީން ބުންޏެވެ. 

ކިޔުންތެރިންގެ ހިޔާލު