ENGLISH

04 ޖުލައި 2026

Advertisement

އެންޑީއޭގެ ކެޕޭސިޓީ އިތުރުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް: ރައީސް

04 ޖުލައި 2026

|

އައިމިނަތު ޝަފާ

ދަ ޕަލްސް ޕޮޑްކާސްޓް ސިލްސިލާގެ ތިން ވަނަ އެޕިސޯޑްގައި ރައީސް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ ރައީސް އޮފީސް.

ނޭޝަނަލް ޑްރަގް އެޖެންސީ -- އެންޑީއޭގެ ކެޕޭސިޓީ އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އިއްޔެ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ތިން ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ ގައުމީ މަސައްކަތްތަކަށް ހާއްސަކުރެވުނު މި އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެންޑީއޭއަށް ސަރުކާރުން ބޭނުންވާވަރަށް ކެޕޭސިޓީ އިތުރުކުރެވިފައި ނުވާކަން ފާހަގަކުރައްވައި މިހާރު އަމާޒު ހިއްޕަވާފައިވަނީ އެންޑީއޭގެ ކެޕޭސިޓީ އިތުރުކުރުމަށްކަމަށް ވިދާޅުވެފައެވެ. 

" އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެތަން (އެންޑީއޭ) އިތުރަށް ތަރައްގީކުރުމަށް، އެންޑީއޭގެ އެތެރޭގައިވެސް އެބަހުރި ހައްލުކުރަންޖެހޭ ވަރަށް ގިނަ މައްސަލަތައް، ވަރަށް ގިނަ ކަންކަން ނޭދެވޭ ގޮތެއްގައި ހަމަ މުއައްސަސާތަކުގެ ތެރޭގައި ވެެސް ހިނގާތީ މިއަދާ ހަމައަށް އައިއިރުވެސް މިކަން ( މަސްތުވާތަކެތީގެ މައްސަލަ) ގޯސްކޮށް މިއޮތީ އައިސްފައި ދެއްތޯ؟ އެންޑީއޭ ރަނގަޅުކުރުމަށް އެބަ ގެންގުޅެން ސިޔާސަތުތަކެއް، އިރާދަކުރެއްވިއްޔާ އެތަނުގެ ތެރެއިން ދެވޭ ފަރުވާތަކާއި، ފަރުވާ ދެވޭ ގޮތާއި، ފަރުވާ ދޭ މުވައްޒަފުން އިތުރުކުރުމާއި، އެބޭފުޅުންގެ ފެންވަރު ރަނގަޅުކުރުމާއި، ހުރިހާ ގޮތަކުން އެންޑީއޭގެ ކެޕޭސިޓީ އިތުރުކުރުމަކީ ސަރުކާރުގެ ސިޔާސަތެކޭ،". ރައީސް ވިދާޅުވިއެވެ. 

މުޅި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭނީ އެންޑީއޭގެ ހިންގުން ހަރުދަނާކޮށް ކެޕޭސިޓީ އިތުރުކުރެވިގެންކަމަށް ރައީސް ވިދާޅުވިއެވެ. ފަރުވާގެ ނިޒާމުގައި ގިނަ ބަޔަކު މަޑުކުރަންޖެހޭތީ އެކަމަށް ވެސް ކުރިއަށް މުސްތަގުބަލުގައި ހައްލު ހޯއްދަވާދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. 

"ކުރިއަށް އޮތް ތަނުގައި ފަރުވާގެ ނިޒާމަށް އެދިފައިވާ މީހުންގެ ލިސްޓަށް ވެސް އެދެވޭ ބަދަލުތަކެއް އަންނާނެ، ދެވޭ ފަރުވާގެ ނިޒާމަށް ވެސް ކުރިއެރުންތަކެއް އަންނާނެ،  މުޅި ނިޒާމު މިއޮތީ އެއްބަޔަކާ އަނެއްބަޔަކު ގުޅިލާމެހިފައި، މިކަމުގައި ހުރި ގާނުނާއި ގަވާއިދުތަކުގެ ތެރެއިން ގެންނަންޖެހޭ ކުރިއެރުންތައްވެސް ގެންނަމުންދާނެ،". ރައީސް ވިދާޅުވިއެވެެ. 

ދެ ހާސް ސައުވީސްވަނަ އަހަރުން ފެށިގެން މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން ނޭޝަނަލް ޑްރަގް އެޖެންސީން ފަރުވާ ފުރިހަމަކޮށްފައިވެއެވެ. މިއަހަރުވެސް 233 މީހަކު ވަނީ ފަރުވާ ފުރިހަމަކުރުމަށްފަހު އަނބުރާ މުޖުތަމައަށް ނިކުމެފައެވެ. 

އަހަރުން އަހަރަށް އެންޑީއޭގެ މަރުކަޒުތަކުން ފަރުވާ ފޯރުކޮށްދިން މީހުންގެ ހިސާބުތައް:

2023 - 1،306 މީހަކަށް އެންޑީއޭގެ މަރުކަޒުތަކުން ފަރުވާ ފޯރުކޮށްދިން

2024 - 1،435  މީހަކަށް އެންޑީއޭގެ މަރުކަޒުތަކުން ފަރުވާ ފޯރުކޮށްދިން

2025 - 1،309  މީހަކަށް އެންޑީއޭގެ މަރުކަޒުތަކުން ފަރުވާ ފޯރުކޮށްދިން

2026 - ޖޫން މަހުގެ ނިޔަލަށް 1،091 މީހަކަށް އެންޑީއޭގެ މަރުކަޒުތަކުން ފަރުވާ ފޯރުކޮށްދިން

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އިސްލާހުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 12 ރިހެބިލިޓޭޝަން ސެންޓަރެއްގައި އަންނަނީ ފަރުވާދެމުންނެވެ. މި ސެންޓަރުތައް ހުންނަނީ މާލެ، ހުޅުމާލޭގެ އިތުރުން ކ. ހިންމަފުށި ގދ.ތިނަދޫ، ހދ.ހަނިމާދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ އަދި ގއ.ވިލިނގިލީގައެވެ.

ރިހެބިލިޓޭޝަން ސެންޓަރުތަކަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އެތަނުގެ ބައިތިއްބައިގެން އިސްލާހު ކުރުމުގެ ފަރުވާ ޕްރޮގްރާމްތައް ހިންގައިދީ، މަސްތުވާތަކެތީގެ ކިބައިން ސަލާމަތް ވެވޭނެ މަގުދައްކައިދީ، ފަރުވާގެ ވަގުތުގައި ދިމާވާ އުނދަގޫތައް ތަހައްމަލު ކުރުމުގައި އެހީތެރިވެދިނުން އަސާސަކަށް ބަލައިގެން ހިންގާ ސެންޓަރުތަކެކެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އިޖްތިމާޢީ އެންމެ ބޮޑު އެއް މައްސަލަ އެވެ. މިމައްސަލައަށް އެކަށީގެންވާ ހައްލެއް ގެންނެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަޢުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު