ENGLISH
04 ޖުލައި 2026
ޕެނަލްޓީ ޖަހައިގެން އޮސްޓްރޭލިއާ ބަލިކޮށް، މިސްރު ގަދަ 16 އަށް
04 ޖުލައި 2026
|
ވޯލްޑް ކަޕުގައި މިސްރާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން އޮސްޓްރޭލިއާ ބަލިކޮށް، މިސްރުން ގަދަ 16 ގެ ޖާގަ ހޯދައިފިއެވެ. މިއީ ވޯލްޑް ކަޕްގެ ނޮކްއައުޓް މެެޗެއްގައި އެފްރިކާގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދި މިސްރުން ކުޅުުނު ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ޑަލަސް ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި، އިތުރު ވަގުތު ކުޅުން ނިމުނުއިރު ދެ ޓީމު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތް ނަމަވެސް، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އޮސްޓްރޭލިއާގެ ހެރީ ސޯޓާ އަދި ލޫކަސް ހެރިންގްޓަން ފޮނުވާލި ޕެނަލްޓީތައް ނާކާމިޔާބުވިއެވެ. މެޗުގެ 119 ވަނަ މިނެޓުގައި އޮސްޓްރޭލިއާއިން ޕެނަލްޓީއަށް ޚާއްސަކޮށް ގޯލްކީޕަރު މެޓް ރަޔަން ކުޅެން ނެރުނު ނަމަވެސް، މިސްރުން ވަނީ އޭނާ ކޮޅަށް ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށް، އޮސްޓްރޭލިއާ މުބާރާތުން ކަޓުވާލާފައެވެ.
ވޯލްޑް ކަޕުގައި މިސްރާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
މެޗުގެ ކުރީކޮޅު އޮސްޓްރޭލިއާގެ ކްރިސްޓިއަން ވޮލްޕާޓޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ބޭރަށް ދިޔަ ނަމަވެސް، ފުރަތަމަ ހާފުގައި މޮޅަށް ކުޅެ މެޗު ކޮންޓްރޯލް ކުރީ މިސްރުންނެވެ. އެގޮތުން އިމާމް އަޝޫރު ބޮލުން ޖަހައި ގޯލެއް ކާމިޔާބުކޮށް، މިސްރަށް ކުރިހޯދައިދިނެވެ. އަދި ދެވަނަ ހާފު ފެށުނުތަނާހެން އުމަރު މާމޫޝްއަށް ލީޑު ފުޅާކުރަން ލިބުނު ފުރުސަތު އޭނާއަށް ލިބި ބޭކާރުވިއެވެ.
މިސްރުން ލީޑުގައި އޮއްވައި، އެ ޓީމުގެ މުޙައްމަދު ހާނީ އަތުން ބައިކޮޅަށް ވަން ލަނޑަކާއެކު އޮސްޓްރޭލިއާއިން ނަތީޖާ އެއްވަރުކުރިއެވެ. މެޗުގެ އިތުރު ވަގުތުގައި ރާމީ ރަބިއާ ފޮނުވާލި ނުރައްކާތެރި ހަމަލާ، އޮސްޓްރޭލިއާގެ ކީޕަރު ޕެޓްރިކް ބީޗް ހުޝިޔާރުކަމާއެކު ދިފާއުކުރުމުގެ ސަބަބުން މެޗު އިތުރު ވަގުތުގެ ދެ ހާފަށް ދިޔައެވެ.
ވޯލްޑް ކަޕުގައި މިސްރާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އިތުރު ވަގުތުގެ ތެރޭގައި މުޙައްމަދު ސަލާހުގެ ފަރާތުން ނުރައްކާތެރި ކުޅުމެއް ފެނުނު ނަމަވެސް، ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މީގެކުރިން ޕެނަލްޓީ ޖަހައިގެން ކުޅުނު ފަހު ހަތަރު މެޗުންވެސް ބަލިވެފައި އޮތުމާއި، އޮސްޓްރޭލިއާއިން ތަޖުރިބާކާރު ކީޕަރު ރަޔަން ކުޅެން ނެރުމުން، މިސްރުގެ ޓީމަށް ކޮންމެވެސް ވަރެއްގެ ހާސްކަމެއް ކުރިމަތިވިއެވެ.
ބީޗްގެ ބަދަލުގައި ކުޅުމަށް ނުކުތް ތަޖުރިބާކާރު ކީޕަރު ރަޔަންއަށް މިސްރުގެ އެއްވެސް ޕެނަލްޓީއެއް ހުއްޓުވޭ ގޮތެއް ނުވިއެވެ. މީގެ ތެރޭގައި ސަލާހު ގޯލުގެ މެދަށް ފޮނުވާލި ހިތްގައިމު "ޕެނަންކާ" ޕެނަލްޓީ ފާހަގަކޮށްލެވެއެވެ. އޮސްޓްރޭލިއާގެ ދެ ޑިފެންޑަރުން ކަމަށްވާ ސޯޓާ އަދި ހެރިންގްޓަންގެ ޕެނަލްޓީ ނާކާމިޔާބުވުމާއެކު އެ ޓީމު މުބާރާތުން ކެޓީއެވެ.
ގަދަ 16 ގައި މިސްރު ބައްދަލުކުރަން ޖެހޭނީ އާޖެންޓީނާ ނުވަތަ ކާބޯ ވާޑޭއާއެވެ.