ENGLISH
04 ޖުލައި 2026
ސައުދީގެ ޗެމްޕިއަން ނަސްރުގެ ކޯޗަކަށް ޕޮސްޓެކޮގްލޫ
04 ޖުލައި 2026
|
ސައުދީގެ ޗެމްޕިއަން ނަސްރުގެ ކޯޗަކަށް ހަމަޖެއްސި އަންޖް ޕޮސްޓެކޮގްލޫ --- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަން އަލް-ނަސްރުގެ ހެޑް ކޯޗުގެ މަގާމަށް، ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އަންޖް ޕޮސްޓެކޮގްލޫ އައްޔަނުކޮށްފިއެވެ.
ނަސްރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "މިއީ އައު ފެށުމެއް. ނަސްރުގެ ފުރަތަމަ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް އެންޖް ޕޮސްޓެކޮގްލޫ ވަނީ އައްޔަނުކުރެވިފައި. މިއީ ދެ ސީޒަނުގެ މުއްދަތަށް ހެދިފައިވާ އެއްބަސްވުމެއް،" ކަމަށެވެ. އަދި އެ ކުލަބުން ވަނީ އޭނާއަށާއި އޭނާގެ މުވައްޒަފުންނަށް ކާމިޔާބަށް އެދިފައެވެ.
ޕޮސްޓެކޮގްލޫ މީގެ ކުރިން ވަނީ ޓޮޓްނަމް ހޮޓްސްޕަރ އަށް ކޯޗުކަން ކޮށްދީ، 2025 ވަނަ އަހަރު އެ ޓީމަށް ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލުގެ 17 ވަނައިގައި ޓީމު އޮޮތުމުން، އެ ކާމިޔާބީއަށް ދެ ހަފުތާ ފަހުން އޭނާ މަގާމުން ވަކިކުރިއެވެ. އޭގެ ފަހުން މިދިޔަ ސީޒަނުގައި ނޮޓިންހަމް ފޮރެސްޓާ ހަވާލުވި ނަމަވެސް، އެ މަގާމުގައި ހޭދަވީ އެންމެ 39 ދުވަހެވެ. އެ މުއްދަތުގައި ކުޅުނު އަށް މެޗުންވެސް މޮޅެއް ނުލިބި، ހަ މެޗުން ބަލިވުމާ ގުޅިގެން އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.
އުމުރުން 60 އަހަރުގެ ޕޮސްޓެކޮގްލޫ، ވޯލްޑް ކަޕަށްފަހު ސްޓީވް ކްލާކް އިސްތިއުފާ ދިނުމުން ސްކޮޓްލެންޑުގެ ޤައުމީ ޓީމާ ހަވާލުވެދާނެ ކަމަށް އަޑުފެތުރުނެވެ. އަދި ކަޒަކިސްތާނުންވެސް އޭނާއަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ އެދުނު މުސާރަ ބޮޑުވުމުން އެކަން ހަމައެއް ނުޖެހުނެވެ.