ENGLISH

03 ޖުލައި 2026

Advertisement

ފުލުހުންގެ ހަގީގީ ކާމިޔާބީއަކީ ރައްޔިތުންގެ އިތުބާރު: ސީޕީ

03 ޖުލައި 2026

|

އައިމިނަތު ޝަފާ

ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު

ފުލުހުންގެ ހަގީގީ ކާމިޔާބީއަކީ ކޮނޑުގައި ޖަހާ ރޭންކެއް ނުވަތަ މެޑެއްޔެއް ނޫން ކަމަށާއި، އެއީ ކުށުގެ ނުރައްކަލުން ސަލާމަތްވުމުން ރައްޔިތެއްގެ މޫނުމަތިން ފެންނަ އުފާވެރި ހިނިތުންވުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ގޮތުން ބޭއްވި ފާސިން އައުޓް ޕެރޭޑްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާނެވެ. ސީޕީ ވަނީ މިނިސްޓަރު ވަޑައިގެންދެއްވި ކަމަށްޓަކައި މުޅި މުއައްސަސާގެ ނަމުގައި ޝުކުރު ދަންނަވައިފައެވެ.

ސީޕީ ވިދާޅުވީ ތަމްރީނުގެ ދުވަސްތަކުގައި ހޫނު އަވީގައާއި ފިނި ރޭގަނޑުތަކުގައި ދަސްކުރި އުކުޅުތަކާއި ހުނަރުތަކަކީ ފުލުހުންގެ ހަށިގަނޑުގައި ހިނގަންޖެހޭނެ ގައުމީ ލޭ ކަމުގައި ހަދަންޖެހޭނެ ކަމަށެވެ.

ޒުވާން އޮފިސަރުންގެ ހިތްތަކުގައި ބެހެއްޓުމަށް އެންމެ ބޭނުންފުޅުވާ ވާހަކައެއްގެ ގޮތުގައި ކޮމިޝަނާ ފާހަގަކުރެއްވީ ނޫކުލައިގެ ޔުނީފޯމުގެ މާނައެވެ.

"ތިޔަ ލައިގެން ތިބި ނޫކުލައިގެ ޔުނީފޯމަކީ ހަމައެކަނި ފޭރާމެއް ނޫން. އެއީ މަގުމަތީގެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއިން ރައްޔިތުންނަށް ފެންނާނެ ސަލާމަތާއި ރައްކާތެރިކަމުގެ ސޫރަ،" ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މާނައަކީ ހަމައެކަނި ގާނޫނު ތަންފީޒު ކުރުމެއް ނޫނެވެ. ފުލުހުންނަކީ މުޅި މުއައްސަސާގެ ލޯގަނޑު ކަމަށާއި ރައްޔިތުންގެ ތެރޭގައިވާ ހިތްތަކަށް އަމާންކަން ގެނެސްދޭނެ ފަރުވާއަކަށް ފުލުހުން ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޝަރަފާއި ކަރާމާތް ހިފެހެއްޓުމަކީ ކޮންމެ ފުލުހެއްގެ ބޮލުގައި އެޅިފައިވާ ވާޖިބެއް ކަމަށް ވިދާޅުވެ ﷲ ސުބްހާނަހޫ ވަތައާލާ ހިތާއި އަމަލުތައް މޮޅަށް ބައްލަވާ ވޮޑިގެންވާ ކަން އަބަދުމެ ހަނދާނުގައި ބެހެއްޓުމަށް ސީޕީ އިލްތިމާސް ކުރެއްވިއެވެ.

ސީޕީ ވަނީ، އަސާސީ ތަމްރީނުތައް ޒަމާނީ ފެންވަރަށް މަތީ ހަރުފަތަކަށް ގެންދިއުމަށް ފުލުހުންގެ ކޮލެޖުގެ އިސްވެރިންނާއި މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފައެވެ. ސީޕީގެ އެންމެ ބޮޑު އެދިވަޑައިގަތުމެއްގެ ގޮތުގައި ވިދާޅުވީ ކުރިއަށް އޮތް 43 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހާ އެކު ޒަމާނީ ބަދަލުތައް އަމަލީ ގޮތުން ތަންފީޒުވާން ފެށުން ކަމަށެވެ. އަލަށް އެކުލަވައިލެވޭ މަންހަޖުގެ ދަށުން އަމަލީ މައިދާނުގައި ފެންވަރު ރަނގަޅު ނަމޫނާ އޮފިސަރުން ބިނާކުރުމަށް ހާއްސަ އިސްކަމެއް ދެއްވުމަށް ވެސް ސީޕީ އެދިވަޑައިގެންނެވިއެވެ.

ސީޕީ ވަނީ ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގެ މަތިން ހުރިހާ މުވައްޒަފުން ހަނދާންކޮށްދެއްވައިފައެވެ. އެގޮތުން ތަމްރީނު މަރުކަޒުތައް ފެންވަރު ރަނގަޅު ޒަމާނީ ވަސީލަތްތަކުން ފުރިގެންވާ ތަންތަނަށް ބަދަލުވެގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށާއި ޒަމާނީ ބަދަލުތަކާ އެކު ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރާއި ގަދަރު ލިބިގެންވާ ތަނަކަށް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވި ކަން ސީޕީ ފާހަގަކުރެއްވިއެވެ.

ވާހަކަފުޅު ނިންމަވައިލައްވަމުން ސީޕީ ވަނީ ފުލުހުންގެ ހިދުމަތް ތަރައްގީކޮށް ބޭނުންވާ ވަސީލަތްތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކޮށްދެއްވާ މަސައްކަތްޕުޅަށް ޝުކުރު ދަންނަވައިފައެވެ. އަދި ކޮލެޖުގެ ހިންގުންތެރި ވެރިންނާއި ކޯހުގެ މުދައްރިބުން ކުރެއްވި ބުރަ މަސައްކަތަށާއި ރޭދުވާލު ވަރުބަލިކަމެއް ނެތި ފެސިލިޓީ ކުރިއަށް ގެންދިއުމަށް ކޮށްދެއްވި މަސައްކަތަށް ވެސް ސީޕީ ޝުކުރާއި ސާބަސް ދެންނެވިއެވެ. މީގެ އިތުރުން ދަސްވެނިވި ހުރިހާ އޮފިސަރުންނަށާއި އެ އޮފިސަރުންގެ ބެލެނިވެރިންނަށް ތަހުނިޔާ އާއި މަރުހަބާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު