ENGLISH
03 ޖުލައި 2026
ފަހަތުންއަރައި ކްރޮއޭޝިއާ ބަލިކޮށް، ޕޯޗުގަލް ގަދަ 16 ގެ ބުރަށް
03 ޖުލައި 2026
|
ކްރޮއޭޝިއާ ކޮޅަށް ޕޯޗުގަލްގެ ފުރަތަމަ ލަނޑުޖަހައިދިނުމަށްފަހު ރޮނާލްޑޯ އުފާ ފާޅުކުރަނީ. ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުގައި ކުޅުނު މެޗުގައި ފަހަތުންއަރައި ކްރޮއޭޝިއާ 2-1 ގެ ނަތީޖާއަކުން ބަލިކޮށް، ޕޯޗުގަލް ގަދަ 16 ގެ ބުރަށް ދަތުރުކޮށްފި އެވެ.
ކެނަޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފަހު ހާފުގަ އެވެ.
މެޗު ފެށިގެން ޕޯޗުގަލް ޑޮމިނޭޓްކޮށްފައިވާއިރު، ހަތަރުވަނަ މިނެޓުގައި އެ ޓީމަށް ލީޑުނަގައިދޭން ބްރޫނޯ ފެނާންޑޭސް އަށް ރަނގަޅު ދެ ފުރުސަތެއްލިބި ވަނީ ބޭކާރުވެފަ އެވެ. ރަފައެލް ލެއާއޯ ދިން ބޯޅައަކުން ފެނާންޑޭސް ފޮނުވާލި ބޯޅަ ކްރޮއޭޝިއާގެ ކީޕަރު، ޑޮމިނިކް ލިވަކޮވިޗް މަތަކުރިއިރު، ދެވަނަ ފަހަރަށް އެ ބޯޅަ ފޮނުވާލުމުން ޖޮސިޕް ސުޓާލޯ ވަނީ ސަލާމަތްކޮށްފަ އެވެ.
މި ހާފުގައި ޕޯޗުގަލްގެ އަރިމަތިން ކުޅެމުންދިޔަ ޕެޑްރޯ ނެޓޯގެ ފަރާތުން ކްރޮއޭޝިއާގެ ޑިފެންސަށް ބާރުބޮޑުކޮށްފައިވާއިރު، އެ ޓީމުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އޭނާ ހުރަސްކޮށްދިން ބޯޅައެއް ފޮނުވާލެވޭގޮތް ނުވިއެވެ. އޭގެފަހުން، ނެޓޯ ނަގައިދިން ހުރަހަކުން ޕެނަލްޓީއޭރިއާ ތެރެއިން ލެއާއޯ އަށް ލިބުނު ބޯޅައެއް އޭނާ ފޮނުވާލުމުން ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.
މެޗުގައި ކްރޮއޭޝިއާގެ ޕެރިސިޗް ގޯލަށް ބޯޅަ ފޮނުވާލަނީ. ފޮޓޯ: ރޮއިޓާސް
މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލް ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފުމުގެ ނަތީޖާއެއްގެ ގޮތުން، ދެވަނަ ހާފުގެ ކުރީކޮޅު ކްރޮއޭޝިއާ އިން ވަނީ ލީޑުނަގައިފަ އެވެ. މެޗުގެ 53 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ ނިކޮލަ ވްލަސިޗް އާއި ޖޮސިޕް ސްޓަނިޗް ގުޅިގެން އުފެއްދި އެޓޭކެއްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިވާން ޕެރިސިޗް އެވެ.
ކްރޮއޭޝިއާގެ ލަނޑަށް މާގިނަ އިރުތަކެއްނުވަނީސް އެ ޓީމުން ވަނީ ދެވަނަ ގޯލެއް ކާމިޔާބުކޮށްފަ އެވެ. އެހެންނަމަވެސް، ވްލަސިޗްގެ ހުރަހަކުން އެ ޓީމުގެ އިގޯ މަޓާނޮވިޗް އެ ބޯޅަ ފޮނުވާލިއިރު އޮފްސައިޑް މަގާމެއްގައި ހުރުމުން ރެފްރީ އެ ލަނޑު ބަލައިނުގަތެވެ.
އޭގެފަހުން، ޕޯޗުގަލް އަށް އެއްވަރުކޮށްދޭން ލެއާއޯ އަށް ރަނުގެ ފުރުސަތެއްލިބި ވަނީ ބޭކާރުވެފަ އެވެ. އޭނާ ފޮނުވާލި މި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އަދި އޭގެފަހުން، ރޮނާލްޑޯގެ ގޯލަކުން އެ ޓީމު އެއްވަރުކުރިނަމަވެސް، ރޮނާލްޑޯ އެ ބޯޅަ ފޮނުވާލުމުގެކުރީން އޮފްސައިޑް މަގާމެއްގައި ހުރުމުން ރެފްރީ އެ ލަނޑު ގަބޫލުނުކުރި އެވެ.
ޕެނަލްޓީ ސްޕޮޓްމަތިން ޕޯޗުގަލްގެ ކެޕްޓަން، ރޮނާލްޑޯ ބޯޅަ ފޮނުވާލަނީ. ފޮޓޯ: ރޮއިޓާސް
މެޗުގައި ޕޯޗުގަލް އެއްވަރުކުރި ލަނޑު، 68 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން، ރޮނާލްޑޯ އެވެ. މިއީ ޕެނަލްޓީއޭރިއާ ތެރެއިން އެ ޓީމުގެ ރެނާޓޯ ވެއިގާ އަށް ކްރޮއޭޝިއާގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައި، ރޮނާލްޑޯ ވަނީ މުބާރާތުގެ ނޮކްއައުޓް ބުރުގައި ފުރަތަމަ ގޯލު ޖަހައިފައެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ރޮނާލްޑޯގެ ތިންވަނަ ގޯލެވެ.
ޕޯޗުގަލްގެ ގޯލަށް ފަހު ކްރޮއޭޝިއާ އަށް އަލުން ލީޑުނަަގައިދޭން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެ ޓީމުގެ މިޑްފީލްޑަރު، މަޓެއޯ ކޮވެސިޗް ދުރު ދުރުން ފޮނުވާލި ބޯޅަ ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޮސްޓާ ހުއްޓުވިއިރު، އޭގެފަހުން ކޮވެސިޗް ފޮނުވާލި ބޯޅަ ވެސް ކޮސްޓާ މަތަކުރި އެވެ. އަދި، އޭގެފަހުން، ކްރޮއޭޝިއާގެ މަޓާނޮވިޗް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް ކޮސްޓާ އެވެ.
މެޗު ނިމެން ދިހަ މިނެޓަށްވެފައިވަނިކޮށް، ކްރޮއޭޝިއާ އިން އިތުރު ގޯލެއް ޖެހިނަމަވެސް، އޮފްސައިޑް ކަމަށް ނިންމައި، ޕީޓަ ސުޗިޗްގެ އެ ލަނޑު ރެފްރީ ގަބޫލުނުކުރި އެވެ.
ކްރޮއޭޝިއާ އާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ރޮއިޓާސް
މި މެޗުން ޕޯޗުގަލް މޮޅުވި ލަނޑު، އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލަކަށް ކުޅެން ނިކުތް ގޮންކާލޯ ރާމޯސް އެވެ. ލެއާއޯ ނަގައިދިން ހުރަހެއްގެ އެހީގައި ރާމޯސް މި ލަނޑުޖެހީ ބޮލުންނެވެ.
އޭގެފަހުން، އިތުރުވަގުތުގެ ކުޅުން ނިމެންދަނިކޮށް، ކްރޮއޭޝިއާ އިން އެއްވަރުކުރި އެވެ. އެ ޓީމުގެ މާރިއޯ ޕަސަލިޗް ދިން ބޯޅައަކުން ޖޮޝްކޯ ގްވާޑިއޯލް މި ލަނޑުޖަހައިދިންނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު އެ ބޯޅަ ގްވާޑިއޯލް އަށް ދިނުމުގެ ކުރީން ޕަސަލިޗް އޮފްސައިޑް މަގާމެއްގައި ހުރުމުން، ރެފްރީ އެ ލަނޑު ގަބޫލުނުކުރި އެވެ.
މި މެޗު ކާމިޔާބުކުރުމާއެކު، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ޕޯޗުގަލް ދެން ކުޅޭ މެޗުގައި ނިކުންނާނީ އަވައްޓެރި ސްޕެއިނާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 7 ވާ އަންގާރަ ދުވަހު ރާއްޖެގަޑިން މެންދަމު 12 ޖަހާއިރު އެވެ.