ENGLISH

03 ޖުލައި 2026

Advertisement

2010 ގެ ފަހުން ނޮކްއައުޓް ބުރުގެ މެޗަކުން ސްޕެއިނަށް ފުރަތަމަ މޮޅު

03 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި އޮސްޓްރިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު ސްޕެއިންގެ އޮޔާޒަބާލް އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުގައި މިކޭލް އޮޔާޒަބާލް ކާމިޔާބުކުރި ދެ ލަނޑާއެކު 3-0 ގެ ނަތީޖާއަކުން އޮސްޓްރިއާ ބަލިކޮށް، ގަދަ 16 އަށް ސްޕެއިން ދަތުރުކޮށްފިއެވެ.

މިއީ 2010 ވަނަ އަހަރު ވޯލްޑް ކަަޕް ކާމިޔާބުކުރި ފަހުން، މުބާރާތުގެ ނޮކްއައުޓް ބުރުގެ މެޗަކުން ސްޕެއިން މޮޅުވި ފުރަތަމަ މެޗެވެ. މެޗަކުން މޮޅެއް ނުވެ، ތިން ވޯލްޑް ކަޕް ނިންމާލަން ޖެހުނެވެ. މި މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ޓީމު ކަމަށްވާ ސްޕެއިނުން މިހާތަނަށް ކުޅުނު އެއްވެސް މެޗެއްގައި އެ ޓީމުގެ ކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ.

އެމެރިކާގެ ލޮސް އެންޖެލެސް ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގައި ސްޕެއިނުގެ ފޯވާޑް ލައިނަށް، ޚާއްސަކޮށް ޒުވާން ފޯވާޑް ލަމީން ޔަމާލަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވީ ނަމަވެސް، އެ ޓީމުގެ ޑިފެންސްލައިނުން ވަނީ އާދަޔާ ޚިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މި މެޗުގައި އޮސްޓްރިއާގެ އެއްވެސް ހަމަލާއެއް ސްޕެއިނުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މިއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް ޖަރުމަނުން ދެއްކި ފަދަ ކުޅުމަކަށްފަހު، މުބާރާތުގެ ނޮކްއައުޓް ބުރެއްގައި ޓީމަކުން މިފަދަ ނަތީޖާއެއް ނެރުނު ފުރަތަމަ ފަހަރެވެ.

ވޯލްޑް ކަޕުގައި ސްޕެއިން އާއި އޮސްޓްރިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

މެޗު ފެށިގެން ސްޕެއިނުން ވަނީ ވަރުގަދަ ކުޅުމެއް ދައްކައި، އޮސްޓްރިއާގެ ޑިފެންސަށް ބާރުބޮޑުކޮށްފައެވެ. މެޗުގެ ކުރީކޮޅު މާކް ކުކުރެޔާ ޖެހި ލަނޑެއް، ކީޕަރު އެލެގްޒެންޑަރ ޝްލޭގާއަށް ފައުލްކުރުމުގެ ސަބަބުން ރެފުރީ ބަލައިނުގަތެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ ކުކުރެޔާ ނަގައިދިން ހުރަހަކުން އޮޔާޒަބާލް ވަނީ ސްޕެއިނަށް ކުރިހޯދައިދީފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮސްޓްރިއާގެ ކީޕަރު ޝްލޭގާ ވަނީ ޖެހިޖެހިގެން މުހިންމު ދެ ސޭވްއެއްކޮށް، ސްޕެއިނުގެ ލީޑު ފުޅާވިޔަނުދީ ހިފަހައްޓާފައެވެ. އޮސްޓްރިއާއަށް ނަތީޖާ އެއްވަރުކުރުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި ސާސާ ކަލައިޖިޗް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ.

ވޯލްޑް ކަޕުގައި އޮސްޓްރިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު ސްޕެއިންގެ ޕެޑްރޯ ޕޯރޯ އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަލްޖީރިއާއާ އެއްވަރުވެ، ހަމަ ކިރިޔާ ނޮކްއައުޓް ބުރަށް ދަތުރުކުރި އޮސްޓްރިއާއަށް، ސްޕެއިނުގެ ތަރުތީބުވެފައިވާ ޑިފެންސްލައިން ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މި މެޗުގެ 66 ވަނަ މިނެޓުގައި ޕެޑްރޯ ޕޯރޯ ބޮލުން ޖެހި ލަނޑަކުން ސްޕެއިނުން ލީޑު ފުޅާކުރިއިރު، މެޗުގެ 89 ވަނަ މިނެޓުގައި އޮޔާޒަބާލް ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ހަތަރުވަނަ ލަނޑެވެ.

މި މޮޅާއެކު މުބާރާތުގެ ދެވަނަ ބުރަށް ސްޕެއިން ދަތުރުކުރިއިރު، ކުއާޓާ ފައިނަލުގެ ޖާގައަކަށް އެ ޓީމު ދެން ވާދަކުރަން ޖެހޭނީ ޕޯޗުގަލް ނުވަތަ ކްރޮއޭޝިއާއާއެވެ.

ކިޔުންތެރިންގެ ހިޔާލު