ENGLISH

03 ޖުލައި 2026

Advertisement

ރިކޯޑު ޓްރާންސްފާއެއްގައި އިނގިރޭސި މިޑްފީލްޑަރު އެންޑަސަން ސިޓީއަށް

03 ޖުލައި 2026

|

އިސްމާއިލް ޝާހު

އިނގިރޭސި މިޑްފީލްޑަރު އެލިއަޓް އެންޑަސަން --- ފޮޓޯ: ގެޓީ

ނޮޓިންހަމް ފޮރެސްޓަށް ކުޅެމުން އައި އިނގިރޭސި މިޑްފީލްޑަރު އެލިއަޓް އެންޑަސަން، މެންޗެސްޓަރ ސިޓީއަށް ބަދަލުވެއްޖެއެވެ. ރިޕޯޓުތައް ބުނާ ގޮތުން އެންޑަސަން ސިޓީއާ ގުޅިފައިވަނީ އިނގިރޭސި ކުޅުންތެރިއަކަށް މިހާތަނަށް ޚަރަދުކުރި އެންމެ އަގުބޮޑު ޓްރާންސްފާ ފީގެ ރިކޯޑާއެކުގައެވެ.

މި ޓްރާންްސްފާގެ ތަފުސީލު ދެ ކުލަބުން ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް، އިނގިރޭސި މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގަ ޓްރާންސްފާގެ ޖުމްލަ އަގު 116 މިލިޔަން ޕައުންޑް (153 މިލިއަން ޑޮލަރު) އަށް އަރައެވެ. މިއީ 2023 ވަނަ އަހަރު ބޮރޫޝިއާ ޑޯޓްމުންޑުން ޖޫޑް ބެލިންހަމް ހޯދުމަށް ރެއާލް މެޑްރިޑުން ހޭދަކުރި 115 މިލިޔަން ޕައުންޑަށްވުރެ ބޮޑު އަދަދެކެވެ.

ސިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުމުރުން 23 އަހަރުގެ އެންޑަސަން މިވަގުތު ހުރީ ފީފާ ވޯލްޑް ކަޕް 2026 ގައި އިނގިރޭސި ޓީމާއެކު ކަމަށާއި، އެކަމަކު އެމެރިކާގެ ކެންސަސްގައި އޭނާގެ މެޑިކަލް ޓެސްޓުތައް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި އޭނާ އެނބުރި އިނގިރޭސިވިލާތަށް ދިޔުމުން ޓްރާންސްފާގެ ރަސްމީ ކަންކަން ނިންމާލެވޭނެ ކަމަށްވެސް އެ ކުލަބުން ބުނެއެވެ.

މި ޓްރާންސްފާއަކީ ސިޓީގެ ތާރީޚުގައިވެސް އެ ކުލަބުން ކުޅުންތެރިއަކު ހޯދުމަށް ކުރި އެންމެ ބޮޑު ހޭދައެވެ. މީގެ ކުރިން މި ރިކޯޑު އޮތީ 2021 ވަނަ އަހަރު އެސްޓަން ވިލާއިން ޖެކް ގްރީލިޝް ގަތުމަށް ހޭދަކުރި 100 މިލިޔަން ޕައުންޑުގައެވެ.

ނިއުކާސަލް ޔުނައިޓެޑުގެ އެކެޑަމީން ތަމްރީނުވި އެންޑަސަން، ނޮޓިންހަމް ފޮރެސްޓާ ގުޅުނީ 2024 ވަނަ އަހަރު 35 މިލިޔަން ޕައުންޑަށެވެ. އޭނާ ވަނީ އެ ކުލަބަށް ކުޅުނު 92 މެޗުގައި 6 ލަނޑު ޖަހައި، 11 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

ނިމިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއަރ ލީގުގެ ދެވަނަ ހޯދި ސިޓީން، 10 އަހަރުގެ ކާމިޔާބު ދައުރަކަށްފަހު ޕެޕް ގާޑިއޯލާ ކުލަބު ދޫކޮށްލުމާ ގުޅިގެން، އައު ކޯޗު އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން އައު ފެށުމަކަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު