ENGLISH

03 ޖުލައި 2026

Advertisement

ގަރލް ގައިޑަކީ ހަމައެކަނި ނަމެއް ނޫން، އެއީ ވަރަށް ބޭނުންތެރި ބިނާކުރުމެއް: ފަސްޓްލޭޑީ

03 ޖުލައި 2026

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު --

ގަރލް ގައިޑަކީ ހަމައެކަނި ނަމެއް ނޫން ކަމަށާއި، އެއީ ވަރަށް ބޭނުންތެރި ބިނާކުރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ޤައުމީ ގަރލް ގައިޑް ދުވަސް ފާހަގަކުރުމަށްޓަކައި މޯލްޑިވްސް ގަރލްގައިޑްސް އެސޯސިއޭޝަނުން އިންތިޒާމްކުރައްވައިގެން މިރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މި އަހަރަކީ ދިވެހި ގަރލް ގައިޑް ޚިދުމަތަށް 75 އަހަރު ފުރޭ ފަޚްރުވެރި އަހަރުކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ރާއްޖޭގައި ދިވެހި ގަރލް ގައިޑުންގެ އަގުވަޒަންކުރެވި، ފުރަތަމަ ފަހަރަށް ގަރލް ގައިޑް ދުވަސް ސަރުކާރުން ރަސްމީކޮށް ފާހަގަކުރައްވަން ފެށުނު ތާރީޚީ ދުވަހުގެ ގޮތުގައި ސިފަކުރެއްވިއެވެ.

ގަރލް ގައިޑް ޙަރަކާތަކީ ފަރުދީ، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައިވެސް މުހިންމު ޚިދުމަތެއްކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖޭގައި މި ޚިދުމަތަށް 75 އަހަރު ފުރުމަކީ ބޮޑު ޝަރަފެއް ކަމަށާއި، މި އަހަރުން ފެށިގެން ސަރުކާރުން ރަސްމީކޮށް ގަރލް ގައިޑް ދުވަސް ފާހަގަކުރަން ފެއްޓެވުމަކީ ކުރިއަށް އޮތް ތަނުގައި މި ޙަރަކާތަށް އިތުރު ފަސޭހަތަކާއި ކުރިއެރުންތައް ލިބިގެންދާނެ ކަމެއްގެ ގޮތުގައި އެކަމަނާ ވަނީ ސިފަކުރައްވާފައެވެ.

ގަރލް ގައިޑަކީ ހަމައެކަނި ނަމެއް ނޫން ކަމަށާއި، އެއީ ވަރަށް ބޭނުންތެރި ބިނާކުރުމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ޤައުމު ބިނާކުރުމަކީ މީހުން ބިނާކުރުންކަމާއި، މީހުން ބިނާކުރާ އިރު، އަންހެނުންނާއި ފިރިހެނުން ހަމަހަމަކޮށް ބިނާކުރަން ޖެހޭކަން ފާހަގަކުރައްވާ، އެކަމަނާ އިތުރަށް ވިދާޅުވީ، ގަރލް ގައިޑުން އުފައްދައި ދެމެހެއްޓެމުން އެކަން ހިމެނިގެންދަނީ މީހުން ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން، އަންހެނުން ބިނާކުރުމަށް ކުރެވޭ ވަރަށް އަގުހުރި ޚިދުމަތެއްގެ ގޮތުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު