ENGLISH

03 ޖުލައި 2026

Advertisement

ވޯލްޑްކަޕް ފެށިފަހުން ސްކޫލަށް ނުދާ ކުދިންގެ އަދަދު 8000 އިން މައްޗަށް

03 ޖުލައި 2026

|

އައިމިނަތު ޝަފާ

ތައުލީމާއި މަތީތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު

ވޯލްޑްކަޕް ފެށިފަހުން ސްކޫލަށް ނުދާ ކުދިންގެ އަދަދު 8000ން މައްޗަށް ގޮސްފައިވާކަން ފާހަގަކުރައްވައި ތައުލީމާއި މަތީތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ކީސްޓޭޖް-3 2025 ގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް އާންމު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، މި ދުވަސްވަރަކީ ވޯލްޑްކަޕްގެ ދުވަސްވަރުކަމަށާއި އަށެއްކަ ހާސް ދަރިވަރުން ސްކޫލަށް ނުދިއުމަކީ ކަންބޮޑުވާންޖެހޭވަރުގެ މައްސަލައެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ، ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ 40 އިންސައްތައަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުން ކަމަށެވެ.

ވަޒީރު ޝަފީއު ވިދާޅުވީ، ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުނުވާ މައްސަލައިގައި ބެލެނިވެރިންނާއި މުދައްރިސުން ވެސް އެކަމާމެދު ވިސްނަން ޖެހޭ ކަމަށެވެ.

"ބެލެނިވެރިން ވިސްނަން އެބަޖެހޭ. އެނގޭ މިއީ ވޯލްޑްކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އަށެއްކަ ހާސް ދަރިވަރުން ސްކޫލަށް ނުދިއުމަކީ އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،" ތައުލީމީ ދާއިރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ދުވަސްވަރު ސްކޫލަށްދާ ކުދިންނާއި ނުދާ ކުދިންގެ އަދަދު ވަކިވަކިން ބަލަމުންދާ ކަމަށެވެ. އެކަމަށް ހާއްސަ ޕްލެޓްފޯމެއް ގާއިމްކޮށް މި މަހުން ފެށިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސްކޫލަށް ނުދާ ކޮންމެ ދުވަހަކީ ދަރިވަރުގެ އުނގެނުމަށް ނުބައި އަސަރު ކުރާނެ ދުވަހެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު