ENGLISH

02 ޖުލައި 2026

Advertisement

އިޓަލީގެ ޒުވާން ޑިފެންޑަރު ޕަލެސްޓްރާ ޗެލްސީއަށް

02 ޖުލައި 2026

|

އިސްމާއިލް ޝާހު

ޗެލްސީއާ ގުޅުނު އިޓަލީގެ ފުލްބެކް މާކޯ ޕަލެސްޓްރާ ---

އިޓަލީގެ އެޓަލާންޓާއަށް ކުޅެމުން އައި ފުލްބެކް މާކޯ ޕަލެސްޓްރާ، 2033 ވަނަ އަހަރުގެ ނިޔަލަށް ޗެލްސީއާ ގުޅިފައިވާކަން އެ ކުލަބުން އިއުލާންކޮށްފިއެވެ.

އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން ގާތްގަނޑަކަށް 47 މިލިޔަން ޕައުންޑް (62.24 މިލިޔަން ޑޮލަރު) ގެ އަގަކަށް ޗެލްސީއާ ގުޅުނު އިޓަލީގެ ޤައުމީ ޓީމުގެ ޕަލެސްޓްރާ އަކީ، ޗެލްސީގެ އައު ކޯޗު ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ.

ޕްރީ-ސީޒަން ފަރިތަކުރުންތަކުގައި ޓީމާ ގުޅޭނެ ކަމަށް ބެލެވޭ އުމުރުން 21 އަހަރުގެ ޕަލެސްޓްރާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޗެލްސީއާ ގުޅުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ޗެލްސީން އޭނާ ހޯދަން ބޭނުންވި ދުވަހުން ފެށިގެން އެކަމަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އައި ކަމަށާއި، ސަޕޯޓަރުންނާއި ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށް، ކުޅުން ފެށުމަށް ކެތްމަދުވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

"މި ޓީމުގައި ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް އެބަތިބި. އަދި ޒަބީ އަލޮންސޯ ފަދަ ވަރުގަދަ ކޯޗަކާއެކު މިއީ ވަރަށް ވަރުގަދަ ސްކޮޑެއް. ޓީމުގެ ކުޅުން ބައްޓަންކުރަން އޭނާ ބޭނުންވާ ގޮތާ ބެހޭގޮތުން އަހަންނާ ވާހަކަދެއްކި. އެއީ ވަރަށް ޝައުގުވެރި ރޭވުންތަކެއް. ޕްރިމިއަރ ލީގުގައި ވާދަކުރަން އަހަރެމެން މިތިބީ ވަރަށް ތައްޔާރަށް،" ޕަލެސްޓްރާ އިތުރަށް ބުންޏެވެ.

ޕަލެސްޓްރާ ވަނީ 2025/26 ވަނަ އަހަރުގެ ސީޒަނުގައި ލޯނު އުސޫލުން ކަލިއާރީއަށް ކުޅެ، އާދަޔާ ޚިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. މިދިޔަ ސީޒަނުގެ ލީގުގެ 37 މެޗެއްގައި ކުޅެ، ލަނޑު ޖެހުމުގައާއި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނުމުގައި ފަސް ފަހަރު ހިއްސާވެ، އިޓާލިއަން ލީގުގެ އެންމެ މޮޅު ޑިފެންޑަރުގެ މަގާމުވެސް އޭނާ ވަނީ ހޯދާފައެވެ.

އިޓަލީގެ ސީނިއަރ ޤައުމީ ޓީމަށް އޭނާ ފުރަތަމަ ފަހަރަށް ކުޅެފައިވަނީ މި އަހަރުގެ މާޗު މަހު، ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފް ސެމީ ފައިނަލުގައި ނޮދަން އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

ކިޔުންތެރިންގެ ހިޔާލު