ENGLISH
02 ޖުލައި 2026
ޓޮނާލީ ހޯދުމަށް ޓޮޓްނަމުން 100 މިލިޔަން ޕައުންޑުގެ އެއްބަސްވުމަކަށް
02 ޖުލައި 2026
|
ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފީލްޑަރު ސަންޑްރޯ ޓޮނާލީ --- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފީލްޑަރު ސަންޑްރޯ ޓޮނާލީ ހޯދުމަށް ޓޮޓްނަމް ހޮޓްސްޕަރ އިން 100 މިލިޔަން ޕައުންޑުގެ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިއާއެކު އެ ކުލަބުގެ ޓްރާންސްފާ ރިކޯޑު މި ހަފުތާގައި ދެވަނަ ފަހަރަށް މުގުރާލުމަށް ވަނީ ތައްޔާރުވެފައެވެ.
ކުރިން ޓޮޓްނަމުން ހުށަހެޅި 80 މިލިޔަން ޕައުންޑުގެ ބިޑަށް ނިއުކާސަލުން ދެކޮޅުހެދި ނަމަވެސް، މިހާރު ވަނީ ފުރަތަމަ ދައްކަންޖެހޭ 92.5 މިލިޔަން ޕައުންޑާއި، އިތުރު އިނާޔަތްތަކުގެ ގޮތުގައި ހިމެނޭ 7.5 މިލިޔަން ޕައުންޑާއެކު ޖުމްލަ 100 މިލިޔަން ޕައުންޑުގެ އެއްބަސްވުމަކަށް އާދެވިފައެވެ.
މެންޗެސްޓާ ސިޓީ އާއި އާސެނަލް އިންވެސް ޓޮނާލީއަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، އެއިން އެއްވެސް ކުލަބަކުން ރަސްމީ ބިޑެއް ހުށަހަޅާފައިނުވާ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އުމުރުން 26 އަހަރުގެ ޓޮނާލީ، އޭސީ މިލާނުން 55 މިލިޔަން ޕައުންޑަށް ނިއުކާސަލްއާ ގުޅުނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. ނިއުކާސަލްއާ ގުޅުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް، ބެޓް ކުރުމުގެ ގަވާއިދުތަކާ ހޚިލާފުވުމުގެ ސަބަބުން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ 10 މަސް ދުވަހަށް ސަސްޕެންޑް ކުރިއެވެ.
ނަމަވެސް ސަސްޕެންޝަނަށްފަހު އެނބުރި އައިސް ޓޮނާލީ ވަނީ 2025 ވަނަ އަހަރުގެ އިނގިރޭސި ލީގު ކަޕް ކާމިޔާބުކުރުމަށް ނިއުކާސަލަށް މުހިންމު ދައުރެއް އަދާކޮށްދީފައެވެ. މިއީ ފާއިތުވި 70 އަހަރުގެ ތެރޭގައި އެ ކުލަބަށް ލިބުނު ފުރަތަމަ ބޮޑު ކާމިޔާބީއެވެ. މީގެ އިތުރުން އެ ސީޒަނުގައި ނިއުކާސަލް ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގައިވެސް އޭނާ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.
މި ހަފުތާގެ ކުރީކޮޅު ވެސްޓް ހޭމް ޔުނައިޓެޑުގެ މިޑްފީލްޑަރު މެތިއަސް ފެނާންޑޭޒް، 85 މިލިޔަން ޕައުންޑަށް ގެނައުމަށް ޓޮޓްނަމުން އެއްބަސްވެފައިވާއިރު، ޓޮނާލީގެ މި ޓްރާންސްފާއާއެކު އެ ރިކޯޑު އަނެއްކާވެސް އައުވެގެންދާނެއެވެ.
މީގެ އިތުރުން ހޮފެންހައިމްގެ އުމުރުން 20 އަހަރުގެ އައިވަރީ ކޯސްޓް ފޯވާޑް ބަޒޫމާނާ ޓޫރޭ ހޯދުމަށް ނިއުކާސަލުން ކުރަމުންދާ މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނިއުކާސަލުން ޓޫރޭ ހޯދުމަށް މަސައްކަތް ކުރަމުންދަނީ، 69.3 މިލިޔަން ޕައުންޑަށް ބާސެލޯނާއާ ގުޅުނު އެންތަނީ ގޯޑަންގެ ބަދަލުގައި ކުޅޭނެ ކުޅުންތެރިއަކު ހޯދުމުގެ ގޮތުންނެވެ.