ENGLISH

02 ޖުލައި 2026

Advertisement

ކްލަސިކް: އެވްސެކް އާއި އެމްއީޑީޓީޓީއަށް މުހިންމު މޮޅެއް

02 ޖުލައި 2026

|

އިސްމާއިލް ޝާހު

ކްލަސިކުގައި އެވްސެކް އާއި ބަންޑާރަ ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ ކްލަސިލް 2026 ގައި ރޭ ކުޅުނު މެޗުތަކުން ކުލަބު އެވްސެކް އަދި އިޤުތިޞާދީި ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ (އެމްއީޑީޓީޓީ) މުހިންމު މޮޅެއް ހޯދައިފިއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ ކްލަސިކް މުބާރާތުގައި 19 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ، ބީ އަދި ސީގައި ފަސް ޓީމު ހިމެނެއެވެ. އަދި ގްރޫޕް ޑީގައި ހިމެނެނީ ހަތަރު ޓީމެވެ.

މި މުބާރާތުގެ ގްރޫޕް އޭގައި ރޭ ކުޅުނު މެޗުން އެވްސެކް މޮޅުވީ ބަންޑާރަ ކުލަބު އަތުން ފަސޭހަކަމާއެކު 7-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެވްސެކުގެ އިބްރާހީމް ޒަޔާން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުالله ބައްސާން، ހުސައިން ޝާދިން، އީމާން އިލްޔާސް، މުޙައްމަދު ނާއިލް އަދި ތައުމީން ނޫހެވެ.

މި މޮޅާއެކު ގްރޫޕް އޭގެ ދެވަނައިގައި އޮތް އެވްސެކް އާއި، ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ޓީމު އެޗްޕީއެސްއެންއަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފައެވެ. މި ގްރޫޕުގެ އެއްވަނައިގައި އޮތް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް، 12 ޕޮއިންޓާއެކު ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ހަތަރުވަނައިގައި އޮތް ޕެމާ އާއި، ފުލުގައި އޮތް ބަންޑާރަ ކުލަބަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި މުބާރާތުގެ ގްރޫޕް ބީގައި ރޭ ކުޅުނު މެޗުން އެމްއީޑީޓީޓީ މޮޅުވީ ކުލަބު އެސްއެމްއީ ޑިޖިޓަލް އަތުން 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެމްއީޑީޓީޓީގެ މުޙައްމަދު ނަވީން ހަސަން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ އިބްރާހީމް އަދި މަޒުހަރު އަބްދުالله އެވެ. މި މެޗުގައި އެސްއެމްއީ ޑިޖިޓަލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ ހުސައިން ފައުޒާނެވެ.

ކްލަސިކުގައި ކުލަބު ޑީޖޭއޭ އާއި ހެލްތު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި ގްރޫޕުގެ އަނެއް މެޗުގައި ރޭ ކުލަބު ޑިޖޭއޭ އާއި، ހެލްތު ރެކްރިއޭޝަން ކުލަބު ބައްދަލުކުރިއިރު، މި މެޗު ނިމުނީ 4-4 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގައި ޑީޖޭއޭގެ އިބްރާހީމް ޒަޔާން ހެޓްރިކެއް ހެދިއިރު، އަނެއް ލަނޑު ޖަހައިދިނީ ސައުދުالله އަޙްމަދެވެ. މި މެޗުގައި ހެލްތުގެ ޔޫސުފް ޝާހިދު ދެ ލަނޑު ކާމިޔާބުކޮށްދިންއިރު، އަނެއް ލަނޑުތައް ޖަހައިދިނީ ނިމާލް ޚާލިދު އަދި އާދަމް އަޒުހާނެވެ.

މި ނަތީޖާތަކާއެކު މި ގްރޫޕުގެ ދެވަނައިގައި އެމްއީޑީޓީޓީ އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ކުލަބު ކްރިމިނަލް ކޯޓު (ސީއާރްސީ) އަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޑީޖޭއޭއަށް ހަތަރު މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި އޮތް ހެލްތަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް އެސްއެމްއީ ޑިޖިޓަލަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކްލަސިކުގައި ޕީއެސްއެމް އާއި ވިޒިޓް މޯލްޑިވްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް ސީގައި ރޭ ޕީއެސްއެމް އާއި ވިޒިޓް މޯލްޑިވްސް ކުލަބު ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގައި ޕީއެސްއެމްގެ ލަނޑުތައް ޖަހައިދިނީ އަލީ ޝިމާހު އަދި ރިމާހު އަޙްމަދެވެ. އަދި ވިޒިޓް މޯލްޑިވްސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ފާލިހު އަޙްމަދު ފަލާހު އަދި އިސްމާޢީލް ރާއިދު ރިޔާޒެވެ.

މި ނަތީޖާއާއެކު މި ގްރޫޕުގެ ތިންވަނައިގައި އޮތް ވިޒިޓް މޯލްޑިވްސް އާއި، ހަތަރުވަނައިގައި އޮތް ޕީއެސްއެމްއަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެއްވަނައިގައި އޮތް ކުލަބު ބިނާރާއަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އެމްއެމްއޭ ސޯޝަލް ކުލަބަށް ހަތަރު މެޗުން ވަނީ ފަސް ޕޮއިންޓް ލިބިފައެވެ. އަދި މި ގްރޫޕުގެ ފުލުގައި އޮތް ތަޢުލީމީ ގުޅުމަށް ތިން މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މި މުބާރާތުގެ މެޗުތައް ދެން ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ.

  • އެޗްޕީއެސްއެން - ކުލަބު އެވްސެކް (20:15)
  • ޕެމާ - ބަންޑާރަ ކުލަބު (20:15)
  • ކްރިމިނަލް ކޯޓު - އެސްއެމްއީ ޑިޖިޓަލް (21:30)
  • ހެލްތު އާރްސީ - އެމްއީޑީޓީޓީ (21:30)
ކިޔުންތެރިންގެ ހިޔާލު