ENGLISH
02 ޖުލައި 2026
ޔޫތު ޗެމްޕިއަންޝިޕް: މާޒިޔާ އާއި ނިއު ރޭޑިއަންޓުގެ ކުރިމަތިލުން އެއްވަރު
02 ޖުލައި 2026
|
ޔޫތު ޗެމްޕިއަންޝިޕުގައި މާޒިޔާ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް
އެންމެ މަޤްބޫލު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026 ގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި ހަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތަކަކީ މާޒިޔާ އާއި، ނިއު ރޭޑިއަންޓުގެ އިތުރުން އޮޑި ސްޕޯޓްސް ކުލަބާއި، ކެޔޮދޫ އާއި، ޓީސީ ސްޕޯޓްސް ކުލަބު އަދި ބުރު ސްޕޯޓްސް ކުލަބެވެ. ލީގު އުސޫލުން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ފައިނަލަށް ދަތުރުކުރާނީ ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ.
ޤައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗު އެއްވަރުވިއިރު، ނިއު ރޭޑިއަންޓުން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުވެސް ވަނީ އެއްވަރުވެފައެވެ. އެއީ އޮޑި ސްޕޯޓްސްއާ ވާދަކޮށް 1-1 ގެ ނަތީޖާއަކުންނެވެ. އަދި މާޒިޔާއިން ވަނީ ކުޅުނު ފުރަތަމަ މެޗުގައި 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޓީސީ ބަލިކޮށްފައެވެ.
ރޭ ކުޅުނު މެޗުގެ ކުރީކޮޅު މާޒިޔާއިން ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ނައްސާހު އިބްރާހީމް ނާސިރު އެ ޓީމަށް ލީޑު ނަގައިދިންއިރު، މެޗުގެ 19 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްދިނީ އާއިދު މުޙައްމަދު ޖަވީޒެވެ.
އެކަމަކު އޭގެ މިނެޓެއް ފަހުން ނިއު ރޭޑިއަންޓަށް ފަރަގު ކުޑަކޮށްދިނީ އާކިފް ބިން މުޙައްމަދެވެ. އަދި މެޗުގެ 37 ވަނަ މިނެޓުގައި އިބްރާހީމް އަރުޝާން ނާޝިދު ވަނީ އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާއިން އަލުން ލީޑު ނެގީ، އިތުރު ވަގުތުގައި އަނޫފް އަބްދުالله ޖަހައިދިން ލަނޑުންނެވެ. އެކަމަކު ދެވަނަ ހާފުގައި، މެޗުގެ 77 ވަނަ މިނެޓުގައި ޒާކި މުޖުތަބާ ޒާހިރު ވަނީ ނިއު ރޭޑިއަންޓަށް އަނެއްކާވެސް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މުބާރާތުގެ މެޗެއް މިރޭ ކުޅޭއިރު، އެ މެޗުގައި ވާދަކުރާނީ ކެޔޮދޫ އާއި އޮޑި ސްޕޯޓްސްއެވެ.