ENGLISH
02 ޖުލައި 2026
ފަހަތުން އަރައި ސެނެގޯލް ބަލިކޮށް، ބެލްޖިއަމް ގަދަ 16 އަށް
02 ޖުލައި 2026
|
ވޯލްޑް ކަޕުގައި ސެނެގޯލް ކޮޅަށް ލަނޑު ޖެހުމަށްފަހު ބެލްޖިއަމްގެ ކެޕްޓަން ޓީލަމަންސް އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުގެ މެޗުގައި ފަހަތުން އަރައި ސެނެގޯލް 3-2 ގެ ނަތީޖާއަކުން ބަލިކޮށް، ބެލްޖިއަމުން މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.
އެމެރިކާގެ ސިއެޓްލް ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސެނެގޯލުން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ބެލްޖިއަމުން މެޗު ކާމިޔާބުކުރީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ހައިރާންކުރުވަނިވި ގޮތަކަށް ނަތީޖާ އަނބުރާލައިގެންނެވެ.
މެޗުގެ ފުރަތަމަ 45 މިނެޓުގައި ސެނެގޯލުން ވަނީ ވަރަށް ރޭވުންތެރި އަދި ބަދަހި ކުޅުމަކާއެކު މެޗު ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން މެޗުގެ 24 ވަނަ މިނެޓުގައި ހަބީބް ޑިއާރާ ވަނީ ސެނެގޯލަށް ލީޑު ނަގައިދީފައެވެ. އަދި ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް، 51 ވަނަ މިނެޓުގައި އިސްމާއިލާ ސާ ވަނީ އިތުރު ލަނޑެއް ޖަހައި ސެނެގޯލްގެ ލީޑު ފުޅާކޮށްދީފައެވެ.
ވޯލްޑް ކަޕުގައި ބެލްޖިއަމް ކޮޅަށް ލަނޑު ޖެހުމަށްފަހު ސެނެގޯލްގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
މެޗުގެ ބޮޑު ބައެއްގައި ސެނެގާލުން މެޗުގެ އޮއިވަރު ހިފަހައްޓައި، ބެލްޖިއަމަށް ނުރައްކާ ކުރިއަނުދީ ހިފަހައްޓަމުން ދިޔައެވެ. ނަމަވެސް، ދެވަނަ ހާފުގައި ރޮމެލޫ ލުކާކޫ ކުޅެން އެރުވުމަކީ މެޗުގެ ނަތީޖާ ބަދަލުވުމަށް މެދުވެރިވި މައިގަނޑު ސަބަބެވެ. އޭނާގެ ހަލުވި ހަރަކާތްތަކާއި، ވަރުގަދަ ކުޅުމުގެ ސަބަބުން ސެނެގޯލްގެ ޑިފެންސަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.
މީގެ އިތުރުން ކޯޗު ރޫޑީ ގާސިއާ ގެނައި އިތުރު ބަދަލުތަކާއެކު ބެލްޖިއަމްގެ ކުޅުން ވަރުގަދަވިއެވެ. އެގޮތުން މެޗުގެ 79 ވަނަ މިނެޓުގައި ތޯމަސް މުނިއޭ ކުޅެން ނުކުތުމަކީވެސް ބެލްޖިއަމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މެޗުގެ 86 ވަނަ މިނެޓުގައި މުނިއޭ ތަނަވަސްކޮށްދިން ފުރުސަތަކުން ފުރަތަމަ ލަނޑު ޖަހައިދިނީ ފޯވާޑް ލުކާކޫ އެވެ. އަދި އޭގެ ކުޑަވަގުތުކޮޅެއް ފަހުން، 89 ވަނަ މިނެޓުގައި ކެޕްޓަން ޔޫރީ ޓީލަމަންސް ވަނީ ބޮލުން ފޮނުވާލި ހަމަލާއަކުން ނަތީޖާ އެއްވަރުކޮށް، މެޗު އިތުރު ވަގުތުގެ ދެ ހާފަށް ގެންގޮސްފައެވެ.
ވޯލްޑް ކަޕުގައި ސެނެގޯލް ކޮޅަށް ލަނޑު ޖެހުމަށްފަހު ބެލްޖިއަމްގެ ލުކާކޫ އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ވަރަށް ސަމާލުވެގެން ކުޅުނު ތަނެވެ. ސެނެގޯލުން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް، ފުރަތަމަ ހާފުގައި ފެނުނު ފަދަ ނުރައްކާތެރި ހަމަލާތަކެއް އުފެއްދޭ ގޮތެއް ނުވިއެވެ. މެޗުގެ 117 ވަނަ މިނެޓުގައި ސެނެގޯލްގެ ލަމީން ކަމާރާ، ބެލްޖިއަމްގެ ޓީލަމަންސްއަށް ކުރި ފައުލަކާ ގުޅިގެން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ވަނީ ބެލްޖިއަމަށް ޕެނަލްޓީއެއް ދީފައެވެ. ޓީލަމަންސް ވަނީ ވަރަށް އިތުބާރާއެކު މި ޕެނަލްޓީ ކާމިޔާބުކޮށް، ބެލްޖިއަމް މުބާރާތުގެ ގަދަ 16 އަށް ކޮލިފައިކޮށްދީފައެވެ.
މި ނަތީޖާއާއެކު ސެނެގޯލްގެ ވޯލްޑް ކަޕުގެ ހުވަފެންތަކަށް ނިމުން އައިއިރު، ގަދަ 16 ގައި ބެލްޖިއަމް ބައްދަލުކުރަން ޖެހޭނީ އެމެރިކާ އާއި ބޮސްނިއާ ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.