ENGLISH
01 ޖުލައި 2026
މެސީ އަދިވެސް ގިނަ ލަނޑުތަކެއް ޖަހާނެ، އެކަމަކު އަހަރެން ބޭނުމީ ވޯލްޑް ކަޕް ޓްރޮފީ: އެމްބާޕޭ
01 ޖުލައި 2026
|
ގަތަރުގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕުގެ ފައިނަލް މެޗުގެ ތެރެއިން އެމްބާޕޭ އާއި މެސީ -- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގައި ލަނޑު ޖެހުމުގެ ގިނަ ރެކޯޑުތަކެއް ގާއިމުކުރަމުން އަންނަ ލިއޮނަލް މެސީގެ ފަހަތުން އެ މަގާމަށް ވާދަކުރަމުންއައި ނަމަވެސް، ކީލިއަން އެމްބާޕޭގެ އެންމެ ބޮޑު އަމާޒަކީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށް، ޗެމްޕިއަން ޓްރޮފީ އުފުލާލުން ކަމަށް އޭނާ ބުނެފިއެވެ.
ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ފްރާންސްގެ ކެޕްޓަން، އެމްބާޕޭ ބުނީ، ފީފާ ވޯލްޑް ކަޕުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާގެ ޝަރަފަށް ވުރެ އޭނާއަށް މުހިންމީ ފްރާންސާއެކު މުބާރާތުގެ ޗެމްޕިއަންކަން ހޯދުން ކަމަށެވެ.
އުމުރުން 27 އަހަރުގެ އެމްބާޕޭ ވަނީ މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުގައި ސްވިޑެން އަތުން 3-0 އިން ފްރާންސް މޮޅުވި މެޗުގައި ދެ ލަނޑު ޖަހާފައެވެ. މިއާއެކު ވޯލްޑް ކަޕް ތާރީޚުގައި މެސީ ހަދާފައިވާ 19 ލަނޑުގެ ރެކޯޑާ އަރާ ހަމަކުރުމަށް އޭނާއަށް މިހާރު ބޭނުންވަނީ އެންމެ ލަނޑެކެވެ. އަދި މިފަހަރުގެ މުބާރާތުގައި ވެސް 6 ލަނޑާއެކު އޭނާ އޮތީ މެސީއާއެކު ލަނޑު ލިސްޓުގެ އެއްވަނައިގަ އެވެ.
ވޯލްޑް ކަޕުގެ ހުރިހާ މުބާރާތްތަކެއްގައި މިހާތަނަށް ކުޅުނު 18 މެޗުގައި 18 ލަނޑުޖަހައިފައިވާ އެމްބާޕޭ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ، އޭނާގެ އަމާޒަކީ މުބާރާތުގައި ވީހާވެސް ދުރަށް ދިއުން ކަމަށާއި، އެންމެ ބޮޑު އުއްމީދަކީ ޖުލައި 20 ގައި ބާއްވާ ފައިނަލް މެޗު ކުޅުން ކަމަށެވެ.
ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ފްރާންސްގެ ކެޕްޓަން، އެމްބާޕޭ އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
"އަހަރެމެން މަސައްކަތް ކުރަނީ މޮޅުވާން. ކޮންމެ މެޗެއްވެސް ނަގަނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއްގެ ގޮތުގައި. މެޗުތަކުގައި ގިނަ ލަނޑު ޖެހިވަރަކަށް ރޭންކިންގެ ކުރިއަށް ދެވޭނެކަން އެންމެންނަށް ވެސް އެނގޭ،" އެމްބާޕޭ ބުންޏެވެ.
އެމްބާޕޭ ބުނީ، މެސީ އަދިވެސް ގިނަ ލަނޑުތަކެއް ޖަހާނެކަން އޭނާއަށް ޔަގީންވާ ކަމަށާއި، އެހެންކަމުން އެކަމާ މާ ބޮޑަށް ފިކުރު ނުކުރާ ކަމަށެވެ. އޭނާގެ އެންމެ ބޮޑު ސަމާލުކަމެއް ހުރީ ދެން ކުރިމަތިލާންޖެހޭ ޓީމުތަކަށާއި، ފައިނަލާ ހަމައަށް ދިއުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އެމްބާޕޭ ފާހަގަކުރި އެވެ.
މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުގައި މެސީގެ އާޖެންޓީނާ ހޮނިހިރު ދުވަހު ކާބޯ ވާޑޭއާ ދެކޮޅަށް ނުކުންނައިރު، ފްރާންސަށް ދެން އޮތީ ގަދަ 16 ގެ ބުރުގައި ޕެރަގުއޭއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. ކުއާޓާ ފައިނަލުން ޖާގައެއް ހޯދުމަށް ކުޅޭ މި މެޗުން މޮޅުވާ ޓީމެއް ބައްދަލުކުރަން ޖެހޭނީ މުބާރާތުގެ އެއް ހޯސްޓު ކަމަށްވާ، ކެނަޑާ ނުވަތަ މޮރޮކޯއާ އެވެ.
ޕެރަގުއޭ އަކީ ޖަރުމަނު ފަދަ ވަރުގަދަ ޓީމެއް ބަލިކޮށް، ވަރަށް ބޮޑަށް ދިފާއީ ކުޅުމެއް ކުޅޭ ޓީމެކެވެ. އެހެންކަމުން ޕެރަގުއޭއާ ދެކޮޅަށް ކުޅޭ މެޗުގައި ފްރާންސުން ވަރަށް ފަރުވާތެރިވާން ޖެހޭނެ ކަމަށް އެމްބާޕޭ ބުންޏެވެ.
ސްވިޑެން އާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
"މިހާރުން ފެށިގެން ޕެރަގުއޭ މެޗާ ދެމެދު ރަނގަޅު ކުރަންޖެހޭ ކަންކަމާ އަހަރެމެން ރަނގަޅަށް ވިސްނާލަން ޖެހޭ އެބަ. އަދިވެސް ރަނގަޅު ކުރެވޭނެ ކަންކަން ހުރިކަމަށް ގަބޫލުކުރަން." އެމްބާޕޭ ބުންޏެވެ.
އެމްބާޕޭގެ ވާހަކަ ނިންމާލަމުން ބުނީ، މުބާރާތުގެ މިހާ ހިސާބަށްއައިއިރު މެޗުތަކުގައި ކުރީން ލަނޑުޖަހައި، ލީޑުނެގުމުގެ ގާބިލްކަން ފްރާންސް ޓީމަށް ލިބިފައިވުމަކީ އޯވަރޯލްކޮށް ވަރަށް ބޮޑު ޕޮޒިޓިވް ކަމެއް ކަމަށެވެ.
ފްރާންސް ދެން ކުޅޭ މެޗުގައި މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުގައި އަންނަ އާދީއްތަ ދުވަހު ފިލަޑެލްފިއާގައި ޕެރަގުއޭއާ ދެކޮޅަށް ނިކުންނާނީ ރާއްޖެގަޑިން މެންދަމު 2 ޖަހާއިރު އެވެ.