ENGLISH

01 ޖުލައި 2026

Advertisement

ވޯލްޑް ކަޕުގެ އުފާފާޅުކުރުންތަކުގެ ތެރެއިން މެކްސިކޯގެ ތިން މީހަކު މަރުވެއްޖެ

01 ޖުލައި 2026

|

އާމިނަތު ނުޒްލާ

މެކްސިކޯ ސަޕޯޓަރުން ވޯލްޑް ކަޕުގައި ޓީމަށް ސަޕޯޓުކުރުމުގައި --- ފޮޓޯ: އީއެސްޕީއެން

ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުގައި މެކްސިކޯއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ތެރެއިން ތިން މީހަކު މަރުވެއްޖެއެވެ. 

އެ ސިޓީގެ ހެލްތު ސެކްރެޓޭރިއަޓުން މިއަދު ފަތިހު ހާމަކުރި މައުލޫމާތުގައި ބުނެފައިވަނީ، އެ ޤައުމުގެ ވެރިރަށް މެކްސިކޯ ސިޓީގެ މަގުތަކަށް އެއްވި ގިނަ އަދަދެއްގެ މީހުންގެ ތެރޭގައި ތޮއްޖެހި، ނޭވާ ހާސްވެގެން ތިން މީހަކު މަރުވެފައިވާ ކަމަށެވެ. 

އެ ސިޓީގެ ސިއްހީ އިދާރާއިން މީސްމީޑިއާގައި އާއްމުކުރި ބަޔާނުގައި ބުނެފައިވަނީ، ހާލު ދެރަވި މީހުން ސަލާމަތްކުރުމަށްޓަކައި ސިއްހީ މާހިރުން ކުރި މަސައްކަތްތަކަށް ފަހު، އުމުރުން 44 އަހަރުގެ ފިރިހެނަކާއި، 19 އަހަރުގެ އަންހެނަކު ނޭވާ ހާސްވެގެން މަރުވެފައިވާ ކަމަށެެވެ. 

މި ހާދިސާގައި ތިންވަނައަށް މަރުވެފައިވަނީ އުމުރުން 48 އަހަރުގެ އަންހެނެއް ކަމަށް ސެކްރެޓޭރިއަޓުން ފަހުން ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވެއެވެ. އެގޮތުން މި އަންހެން މީހާ ނޭވާ ހާސްވުމުގެ ސަބަބުން އެ ސަރަހައްދުގެ މަގަކުން އޭނާއަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލަށް ގެންދިޔައެވެ. އެހެންނަމަވެސް އޭނާ މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންދިޔަފަހުން ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ. 

މި ހާދިސާ ހިނގާފައިވަނީ މެކްސިކޯ ސިޓީގެ މަޝްހޫރު ބިނާއެއް ކަމަށްވާ "އޭންޖަލް އޮފް އިންޑިޕެންޑެންސް" ކައިރީގައި އޮންނަ ހަމްބާގޯ އަދި ލެންކަސްޓަރ މަގުގައެވެ. އެ ސަރަހައްދަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވީ، ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި އެކުއަޑޯ އަތުން 2-0 ގެ ނަތީޖާއަކުން މެކްސިކޯ މޮޅުވުމުގެ އުފާފާޅުކުރުމަށެވެ.  މެކްސިކޯ މިހާރު ވަނީ ގަދަ 16 ޓީމުގެ ބުރަށް ކޮލިފައިވެފައެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ ތިން ޤައުމެއްގައި ބާއްވާ، 48 ޓީމަކުން ބައިވެރިވެފައިވާ އެންމެ ޚާއްސަ މުބާރާތެވެ. އެގޮތުން މެކްސިކޯއަކީ ވޯލްޑް ކަޕް ބާއްވާ ތިން ޤައުމުގެ ތެރެއިން އެއް ޤައުމެވެ.  

ކިޔުންތެރިންގެ ހިޔާލު