ENGLISH
01 ޖުލައި 2026
ފަސް އަހަރުގެ އެއްބަސްވުމެއްގައި ރާމޯސް އޭސީ މިލާނަށް
01 ޖުލައި 2026
|
ޕޯޗުގަލްގެ ފޯވާޑް ގޮންކާލޯ ރާމޯސް ---
އެންމެ މަޤްބޫލު
ޕޯޗުގަލްގެ ފޯވާޑް ގޮންކާލޯ ރާމޯސް، ފްރާންސްގެ ޕީއެސްޖީ ދޫކޮށް އިޓަލީގެ އޭސީ މިލާނާ ގުޅިފައިވާކަން އެ ކުލަބުން ހާމަކޮށްފިއެވެ. އޭސީ މިލާނުން ހާމަކޮސްފައިވާ ގޮތުން ރާމޯސްއާއެކު ސޮއިކޮށްފައިވަނީ ފަސް އަހަރުގެ އެއްބަސްވުމެކެވެ. އެހެންކަމުން އެ އެއްބަސްވުން 2031 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދެމިގެންދާނެވެ.
އިޓަލީގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މިލާނުން ރާމޯސް ހޯދުމަށް 70 މިލިޔަން ޔޫރޯ (80 މިލިޔަން ޑޮލަރު) އަށްވުރެ ބޮޑު ހޭދައެއް ކޮށްފައިވެއެވެ. މިއީ އެ ކުލަބުގެ ތާރީޚުގައިވެސް ކުޅުންތެރިޔަކު ހޯދުމަށް ކުރި އެންމެ ބޮޑު ހޭދައެވެ.
ނިމިދިޔަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވެ، ނާކާމިޔާބީއާ ކުރިމަތިލާންޖެހުމުން މިލާނުން ޓީމު އަލުން ބިނާކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ރާމޯސްއަކީ އެ ޓީމުގެ އައު ކޯޗު ރުބެން އަމޮރިމްގެ އިރުޝާދުގެދަށުން ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ.
ރާމޯސްގެ ފުޓްބޯޅަ ކެރިއަރު ފެށީ ޕޯޗުގަލްގެ އޮލްހަނެންސޭ އަދި ބެންފީކާގެ ޒުވާން ޓީމުތަކުންނެވެ. އޭނާ ބެންފީކާގެ ސީނިއަރ ޓީމަށް ފުރަތަމަ ކުޅުނީ 2020 ވަނަ އަހަރެވެ. ބެންފީކާގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ 100 އަށްވުރެ ގިނަ މެޗު ކުޅެދީ، 41 ލަނޑު ޖަހައި، 2022/23 ވަނަ އަހަރުގެ ސީޒަނުގެ ލީގު އެ ކުލަބަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
އުމުރުން 25 އަހަރުގެ ރާމޯސް 2023 ވަނަ އަހަރު ޕީއެސްޖީއާ ގުޅުމަށްފަހު، އެ ޓީމަށް އެކި މުބާރާތްތަކުގައި 131 މެޗު ކުޅެދީ 45 ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި އެ ކުލަބާއެކު 12 ތަށި ހޯދިއިރު، އޭގެ ތެރޭގައި ޖެހިޖެހިގެން ދެ ފަހަރު ހޯދި ޗެމްޕިއަންސް ލީގު ތަށިވެސް ހިމެނެއެވެ.
އެންމެ ފަހުން މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު ވޯލްޑް ކަޕުގެ ގްރޫޕް ކޭގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯއާ ދެކޮޅަށް ޕޯޗުގަލް ކުޅެ އެއްވަރުވި މެޗުގެ ފަހު ވަގުތުކޮޅުގައިވެސް ރާމޯސް ވަނީ ކުޅެފައެވެ.