ENGLISH

01 ޖުލައި 2026

Advertisement

މޭރީ މަރާލި މައްސަލަ: ލަމްހާ 15 އަހަރަށް، މާވިން އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

01 ޖުލައި 2026

|

އެމް އެމް ޓީމް

މޭރީ މަރާލުމުގެ ކުށް ސާބިތުވި އޭނާގެ ފިރިމީހާ މާވިން އަދި އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ލަމްހާ

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ މަރާލުމުގެ ކުށުގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އުމުރު ދުވަހަށް އަދި މި މަރާލުމުގައި ބައިވެރިވި ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މިއީ 19 އޮކްޓޫބަރު 2021 ގައި މއ. އުދުހޭކޮކާގޭގައި ހިނގި ހާދިސާއެކެވެ.

މި މައްސަލަ ބެއްލެވި ގާޒީ މުޒަންމިލް ނަސީރު މާވިންގެ މައްޗަށް އިއްވީ ޖުމްލަ 25 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 20 އަހަރާއި 3 މަހާއި 26 ދުވަހުގެ ޖަލު އަދަބެކެވެ. މާވިންގެ މައްޗަށް އަދަބު މަތިކުރި ސަބަބެއްގެ ގޮތުގައި ގާޒީ ފާހަގަކުރެއްވީ، މޭރީ މަރާލުމަށް ފަހު އެ އަމަލު ފޮރުވަން މަސައްކަތް ކުރުމާއި، އިންސާނެއްގެ ކަރާމާތަށް އެއްވެސް އިހުތިރާމެއް ނެތި އެ އަމަލު ހިންގާފައިވުމެވެ.

މާވިންގެ ފަރާތުން އަދަބު ލުއިކޮށްދިނުމަށް އެދުނު ނަމަވެސް، ދައުލަތުން ވަނީ އޭނާއަކީ މަރުވި މީހާގެ ފިރިމީހާ ކަމަށްވެ ހުރެ، ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ މަގާމެއްގައި ހުރެ ހިންގި މި ރަހުމްކުޑަ އަމަލުގެ ސަބަބުން ކުޑަކުއްޖެއްގެ މަންމަ ގެއްލިފައިވާކަން ފާހަގަކޮށްފައެވެ. އަދި އޭނާއަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހަކަށް ވުމުން، މިއީ މުޅި ދާއިރާއަށް އޮތް އިތުބާރު ގެއްލޭނެ ކަމެއް ކަމަށް ދައުލަތުން ބުންޏެވެ.

މި މަރުގައި ބައިވެރިވި އައިޖީއެމްއެޗުގެ ދިވެހި ނަރުސް ހަލީމަތު ލަމްހާގެ މައްޗަށް ތިން ދައުވާއެއް ސާބިތުވެ، ޖުމްލަ 15 އަހަރާއި 4 މަހާއި 15 ދުވަހުގެ ޖަލު އަދަބެއް ވަނީ އިއްވާފައެވެ. ބަންދު މުއްދަތު ކެނޑުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 11 އަހަރާއި 10 މަހާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ.

ލަމްހާގެ މައްޗަށް ސާބިތުވީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، ހުއްދަ ނުނަގައި ކޮންޓްރޯލް ބޭސް ގެންގުޅުމުގެ ދައުވާތަކެވެ.

ލަމްހާގެ ފަރާތުން އޭނާއަކީ އެކަނިވެރި މަންމައެއްގެ ހުރި ހަމައެކަނި ދަރިފުޅު ކަމަށް ބުނެ، ޖަލު އަދަބުގެ ބަދަލުގައި ގޭބަންދަށް ނުވަތަ ޖޫރިމަނާއަކަށް ބަދަލުކޮށްދޭން އެދުނެވެ. ނަމަވެސް ގާޒީ ނިންމެވީ މޭރީ މަރާލުމުގެ ހަގީގަތް ފޮރުވަން މަސައްކަތް ކުރުމާއި، އެ އަމަލުގައި އެންމެ މަތީ މިންވަރަށް ބައިވެރިވެފައިވާތީ އަދަބު ލުއިކޮށްދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ޝަރީއަތުން ހާމަވި ގޮތުގައި، މާވިން އާއި ލަމްހާ މޭރީ މަރާލަން ރޭވީ އެ ދެމީހުންގެ މެދުގައި އޮތް ލޯބީގެ ގުޅުމުގެ ތެރެއިން ކައިވެނިކުރަން ބޭނުންވެ، އެކަމުގެ ހުރަހަކަށް މޭރީ ވުމުންނެވެ. މޭރީ މަރާލާފައިވަނީ އޭނާގެ ބޮލާއި ކަރަށް ހަމަލާދީ، ނޭވާ ހާސްކޮށްލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު