ENGLISH

01 ޖުލައި 2026

Advertisement

މާލީ ގަވާއިދުތަކާ ޚިލާފުވެފައިވާތީ ޔުއެފާއިން 14 ކުލަބަކަށް ފިޔަވަޅު އަޅައިފި

01 ޖުލައި 2026

|

އިސްމާއިލް ޝާހު

މާލީ ދެމެހެއްޓެނިވިކަމުގެ ގަވާއިދުތަކާ ޚިލާފުވެފައިވާތީ ޔުވެންޓަސް، ނިއުކާސަލް ޔުނައިޓެޑް، އެސްޓަން ވިލާ އަދި ޗެލްސީ ހިމެނޭހެން ޖުމްލަ 14 ކުލަބަކަށް ފިޔަވަޅު އަޅާފައިވާކަން ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ (ޔުއެފާ) އިން އިއުލާންކޮށްފިއެވެ.

ޔުއެފާއިން ހާމަކުރި ގޮތުގައި، ކުލަބު ފައިނޭންޝަލް ކޮންޓްރޯލް ބޮޑީގެ ފަސްޓް ޗޭމްބަރުން ވަނީ 2025/26 ވަނަ އަހަރުގެ ސީޒަނުގެ ޔޫރަޕުގެ މުބާރާތްތަކުގައި ބައިވެރިވާ ކުލަބުތަކުގެ މާލީ ހިސާބުތައް ބަލައި ނިންމާފައެވެ. އެގޮތުން ކުލަބުތަކުގެ އާމްދަނީ އާއި ޚަރަދުގެ ބެލެންސް ހިފެހެއްޓުމާ ބެހޭ ގަވާއިދާއި، ސްކޮޑަށް ކުރާ ޚަރަދުތަކުގެ ގަވާއިދުގެ އިތުރުން މާލީ ރިޕޯޓުތައް ހުށަހެޅުމުގެ އުސޫލުތަކާ ޚިހިލާފުވި ކްކުލަބުތަކަށް ވަނީ އަދަބުދީފައެވެ.

ކުލަބުތަކުގެ އާމްދަނީ އާއި ޚަރަދުގެ ބެލެންސް ހިފެހެއްޓުމުގެ ގަވާއިދު ބުނާގޮތުން ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ފުޓްބޯޅައާ ގުޅުންހުރި ކަންކަމުންވާ ގެއްލުން ވަކި މިންވަރެއްގައި ހިފަހައްޓަން ޖެހެއެވެ. އަދި އެ މިންވަރަށްވުރެ އިތުރަށްވާ ގެއްލުންތައް ކުލަބުގެ ހިއްސާދާރުން ނުވަތަ ވެރިންގެ އަމިއްލަ ފައިސާއިން ފޫބައްދަން ޖެހެއެވެ.

ޔުވެންޓަސް، ނިއުކާސަލް، ނީސް، ސަންޓާ ކްލާރާ، އެފްސީ އަސްތާނާ އަދި އެފްކޭ ޕާޓިޒަން ވަނީ މި ގަވާއިދާ ޚިލާފުވެފައެވެ. މި ކުލަބުތައް ބަލާފައިވަނީ 2023، 2024 އަދި 2025 ވަނަ އަހަރުގެ މާލީ ހިސާބުތަކަށް ބިނާކޮށް، ތިން އަހަރުގެ މުއްދަތަކަށެވެ.

ޔުވެންޓަސް އާއި ނިއުކާސަލްއިން ވަނީ ތިން އަހަރު ދުވަހުގެ ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މީގެ ދަށުން ކޮންމެ އަހަރަކު ކަނޑައެޅޭ މާލީ ލަނޑުދަނޑިތަކެއް ހާސިލްކޮށް، 2028/29 ވަނަ އަހަރުގެ ސީޒަން ނިމޭއިރު ގަވާއިދަށް ފުރިހަމައަށް އަމަލުކުރަން ޖެހޭނެއެވެ.

އަދަބެއްގެ ގޮތުން ޔުވެންޓަސް 20 މިލިޔަން ޔޫރޯ (22.84 މިލިޔަން ޑޮލަރު) އިން ޖޫރިމަނާކޮށްފައިވާއިރު، މީގެ ތެރެއިން 14 މިލިޔަން ޔޫރޯ ދައްކަން ޖެހޭނީ އިތުރަށް ގަވާއިދާ ޚިލާފުވެއްޖެ ނަމައެވެ. ނިއުކާސަލް 10 މިލިޔަން ޔޫރޯ (11.42 މިލިޔަން ޑޮލަރު) އިން ޖޫރިމަނާކުރިއިރު، އޭގެ ތެރެއިން 7 މިލިޔަން ޔޫރޯ ވަނީ ސަސްޕެންޑްކޮށްފައެވެ.

މީގެ އިތުރުން މި ދެ ކުލަބަށް ވެސް ޔުއެފާގެ މުބާރާތްތަކަށް ހުށަހަޅާ "ލިސްޓް އޭ" ގައި އައު ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި ހުރަސްތަކެއް ކުރިމަތިވާނެއެވެ. "ލިސްޓް އޭ" ގައި ގިނަވެގެން ރަޖިސްޓަރީ ކުރެވެނީ 25 ކުޅުންތެރިންނެވެ. މީގެ ތެރެއިން އަށް ޖާގަ ޚާއްސަކުރަން ޖެހެނީ އެ ކުލަބެއް ނިސްބަތްވާ ގައުމެއްގައި ތަމްރީނުވެފައިވާ ކުޅުންތެރިންނަށެވެ.

ކަނޑައެޅިފައިވާ މާލީ ލަނޑުދަނޑިތައް ހާސިލު ނުކުރެވިއްޖެނަމަ، ކުޅުންތެރިން ރަޖިސްޓަރީ ކުރުމުގައި މިހާރަށްވުރެ ހަރުކަށި ފިޔަވަޅު އެޅުމާއި، މުބާރާތްތަކުން ވަކިކުރުން ފަދަ އިތުރު އަދަބުތައް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް ޔުއެފާއިން އިންޒާރުދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު