ENGLISH

01 ޖުލައި 2026

Advertisement

މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން އެންޑީއޭއިން ފަރުވާ ފުރިހަމަކޮށްފި

01 ޖުލައި 2026

|

އައިމިނަތު ޝަފާ

ނޭޝަނަލް ޑްރަގް އެޖެންސީ

ދެ ހާސް ސައުވީސްވަނަ އަހަރުން ފެށިގެން މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން ނޭޝަނަލް ޑްރަގް އެޖެންސީން ފަރުވާ ފުރިހަމަކޮށްފި އެވެ. 

ރިހެބިލިޓޭޝަން ސެންޓަރުތަކަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އެތަނުގެ ބައިތިއްބައިގެން އިސްލާހު ކުރުމުގެ ފަރުވާ ޕްރޮގްރާމްތައް ހިންގައިދީ، މަސްތުވާތަކެތީގެ ކިބައިން ސަލާމަތް ވެވޭނެ މަގުދައްކައިދީ، ފަރުވާގެ ވަގުތުގައި ދިމާވާ އުނދަގޫތައް ތަހައްމަލު ކުރުމުގައި އެހީތެރިވެދިނުން އަސާސަކަށް ބަލައިގެން ހިންގާ ސެންޓަރުތަކެކެވެ.

އެ އިދާރާއިން "އެމްއެމްޓީވީ"އާ ހިއްސާކުރި އަދާހަމަ މައުލޫމާތުތަކަށް ބަލާއިރު 2024 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް އެންޑީއޭއިން ފަރުވާ ހޯދަމުން އައި މީހުންގެ އަދަދު 5،719 އަށް އަރައެވެ. މީގެ ތެރެއިން 3،077 މީހަކު ވަނީ ފަރުވާ ފުރިހަމަކޮށްފައެވެ. 

މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 1،091 މީހަކަށް ފަރުވާދިން އިރު މީގެ ތެރެއިން 233 މީހަކު ވަނީ ފަރުވާ ފުރިހަމަކުރުމަށްފަހު އަނބުރާ މުޖުތަމައަށް ނިކުމެފައެވެ.

އަހަރުން އަހަރަށް އެންޑީއޭގެ މަރުކަޒުތަކުން ފަރުވާ ފޯރުކޮށްދިން މީހުންގެ ހިސާބުތައް:

2023 - 1،306 މީހަކަށް އެންޑީއޭގެ މަރުކަޒުތަކުން ފަރުވާ ފޯރުކޮށްދިން

2024 - 1،435  މީހަކަށް އެންޑީއޭގެ މަރުކަޒުތަކުން ފަރުވާ ފޯރުކޮށްދިން

2025 - 1،309  މީހަކަށް އެންޑީއޭގެ މަރުކަޒުތަކުން ފަރުވާ ފޯރުކޮށްދިން

2026 - ޖޫން މަހުގެ ނިޔަލަށް 1،091 މީހަކަށް އެންޑީއޭގެ މަރުކަޒުތަކުން ފަރުވާ ފޯރުކޮށްދިން

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އިސްލާހުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 12 ރިހެބިލިޓޭޝަން ސެންޓަރެއްގައި އަންނަނީ ފަރުވާދެމުންނެވެ. މި ސެންޓަރުތައް ހުންނަނީ މާލެ، ހުޅުމާލޭގެ އިތުރުން ކ. ހިންމަފުށި ގދ.ތިނަދޫ، ހދ.ހަނިމާދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ އަދި ގއ.ވިލިނގިލީގައެވެ.

ކ. ހިންމަފުށީގައި ގާއިމުކޮށްފައިވާ ރިހެބިލިޓޭޝަން ސެންޓަރުގައި ބިޔަ މަޝްރޫޢެއް އަންނަ ޖުލައި މަހުގެ ތެރޭގައި ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެއް ފަހަރާ 500 މީހުންނަށް ފަރުވާ ދެވޭ ވަރުގެ ބޮޑު ސެންޓަރެއް އެތަނުގައި ހެދުމުގެ މަސައްކަތް ސަރުކާރުން ފަށާނެކަމަށް ދާހީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވަނީ ހާމަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ އަމާޒަކީ 18 މަސް ދުވަހުގެ ތެރޭގައި ހިންމަފުށީ ސެންޓަރުގެ މަސައްކަތް ނިންމާލުން ކަމަށެވެ.

ރިހެބިލިޓޭޝަން ފަރުވާ މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު މިކަމުގެ ސަބަބުން ޑްރަގްގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ވަށާޖެހޭ ހައްލެއް ލިބިގެން ދާނެކަމަށް ސަރުކާރުން އުއްމީދުކުރެއެވެެ. 

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އިޖްތިމާޢީ އެންމެ ބޮޑު އެއް މައްސަލަ އެވެ. މިމައްސަލައަށް އެކަށީގެންވާ ހައްލެއް ގެންނެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަޢުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު