ENGLISH

01 ޖުލައި 2026

Advertisement

"ޕެރިސް އެގްރީމަންޓާއި 2030 އެޖެންޑާގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މާލީ އެހީތެރިކަން މުހިންމު"

01 ޖުލައި 2026

|

އައިމިނަތު ޝަފާ

ބެންކޮކްގައި މިހާރު ކުރިއަށްދާ އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ގެ ތިމާވެއްޓާއި ތަރައްގީއާ ބެހޭ ކޮމިޓީގެ ނުވަވަނަ ބައްދަލުވުމުގައި ވަޒީރު ތަގުރީރު ކުރައްވަނީ. ފޮޓޯ: ތިމާވެއްޓާއިބެހޭ ވުޒާރާ

ޕެރިސް އެގްރީމަންޓާއި 2030 އެޖެންޑާގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި މާލީ އެހީތެރިކަން މުހިންމު ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތަކާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.  

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބެންކޮކްގައި މިހާރު ކުރިއަށްދާ އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ގެ ތިމާވެއްޓާއި ތަރައްގީއާ ބެހޭ ކޮމިޓީގެ ނުވަވަނަ ބައްދަލުވުމުގައި ދެއްވި ބަޔާނުގައެވެ. 

"ރީކޮމިޓިންގ ޓު ދަ ޕެރިސް އެގްރީމަންޓް އެންޑް ދަ 2030 އެޖެންޑާ: ރީގޭނިން ޕީސް، ސޮލިޑަރިޓީ، ސަސްޓެއިނަބިލިޓީ އެންޑް ޕްރޮސްޕެރިޓީ" މި މައުޟޫއަށް ދެއްވި ބަޔާނުގައި، ދުނިޔޭގެ ސުލްހަމަސަލަސްކަމާއި، އެއްބައިވަންތަކަމާއި، ދެމެހެއްޓެނިވި ތަރައްގީ އަދި ތަނަވަސްކަން އަލުން އިއާދަކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ބަޔާނުގައި އެންމެ ބޮޑަށް ބާރުއެޅުއްވި އެއް ކަމަކީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ލަނޑުދަނޑިތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، މާލީ ވަސީލަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތަކެއް ގާއިމުކުރުމެވެ. އަދި މިކަމަށް ބޭނުންވާ ގާބިލިއްޔަތުކަން އިތުރުކުރުމާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީތެރިކަމަކީ މި މަގްސަދުތައް ހާސިލުކުރުމަށް ކޮންމެހެން ބޭނުންތެރި ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ ހަމައެކަނި އިހުތިޔާރީ ކަމެއް ނޫންކަމަށް ވިދާޅުވެ އެމަނިކުފާނު ވިދާޅުވީ އެއީ އެފަދަ ގައުމުތަކުގެ ދެމިއޮތުމާ ގުޅިފައިވާ، ކޮންމެހެން ކުރަންޖެހޭ މަޖުބޫރު ކަމެއްކަމަށެވެ.

ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖެއިން ދުނިޔޭގެ އެހެން ގައުމުތަކާ ގުޅިގެން ދެމެހެއްޓެނިވި ކުރިމަގަކަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު