ENGLISH
01 ޖުލައި 2026
ފިލްމީ ދާއިރާއަށް އުފާވެރި ޚަބަރެއް: ސެޕްޓެމްބަރު މަހު ފިލްމު އެވޯޑު ބާއްވަނީ
01 ޖުލައި 2026
|
ނޮވެމްބަރު 15، 2019- ރާއްޖޭގެ 9 ވަނަ ފިލްމު އެވޯޑު ހަފުލާގައި އެވޯޑް ހާސިލްކުރި ބައެއް ތަރިން ފޮޓޯއަކަށް ހުއްޓިގެން.--- ފޮޓޯ:މިހާރު
އެންމެ މަޤްބޫލު
ހަ އަހަރުގެ މެދުކެނޑުމަކަށްފަހު އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފިލްމު ފެއަރ އެވޯޑު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ރިޔާޟް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ފިލްމީ ދާއިރާއަކީ ވަރަށް ފުންނާބު އުސް އަދި ތަޖުރިބާކާރު ބަޔަކު މަސައްކަތް ކުރަމުންދާ ދާއިރާއެއް ކަމަށެވެ. މި ދާއިރާ ކުރިއެރުވުމަށް އެ މީހުން ކުރަމުންދާ މަސައްކަތްތަކަށް ހައްގުވާ އެވޯޑް ދިނުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށް ވިދާޅުވިއެވެ.
އެންމެ ފަހުން ފިލްމު ފެއަރ އެވޯޑް ބާއްވާފައިވަނީ 2019 ވަނަ އަހަރުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަގުވަޒަން ނުކުރެވި ވަރަށް ގިނަ ދުވަސްވެފައިވާކަމަށެވެ.
" އަޅުގަނޑުމެން އެންސީއޭއެކު މަސައްކަތް ކުރަމުންމިދަނީ ފިލްމީ ދާއިރާގެ އެވޯޑު މިއަހަރު ބޭއްވުމަށްޓަަކައި. އެކަމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރަމުންމިދަނީ. އޭގެ ތެރޭގައި ޖަޖިންގެ ޕެނަލް ހުށަހެޅުމާއި، އެވޯޑަށް ހުޅުވާލުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ހިމެނޭ. އެގޮތުން އަޅުގަނޑުމެންނަށް ލަފާކުރެވެނީ ސެޕްޓެމްބަރު މަހު ހިސާބުގައި ފިލްމު ފެއަރ އެވޯޑު ބޭއްވޭނެ ކަމަށް،". ވަޒީރު ވިދާޅުވި އެވެ.
މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުން ނެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގައި ސިނަމާ ކޮމްޕްލެކްސް އެޅުމުގެ ކަރުދާހު މަސައްކަތްތައް މަސައްކަތް ނިމި، އަަމަލީ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި ގާއިމުކުރާ ސިނަމާ ކޮމްޕްލެކްސްގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.