ENGLISH

01 ޖުލައި 2026

Advertisement

ހިރިގަލު މިސްކިތްތައް އަންނަ އަހަރުގެ ފަހުކޮޅު ޔުނެސްކޯ ލިސްޓުގައި ހިމަނަނީ

01 ޖުލައި 2026

|

އައިމިނަތު ޝަފާ

މާލޭ ހުކުރު މިސްކިތް.

ރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި އަންނަ އަހަރު ފަހުކޮޅު ހިމެނިގެންދާނެ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ރާއްޖޭގައި ހުރި ހިިރިގަލުގެ މިސްކިތްތައް ޔުނެސްކޯގެ ލިސްޓުގައި ހިމެނުމަށްޓަކައި މިހާތަނަށް ކުރެވުނު މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތަައް ހިމެނުމަށް ނޮމިނޭޝަން ފައިލު ތައްޔާރުކޮށް މި އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު ޔުނެސްކޯއަށް ޑޮޒިއާ ހުށަހަޅާފައިވާ ކަމަށެވެ. އަދި ޔުނެސްކޯގެ އިވެލުއޭޝަން ޓީމުން ރާއްޖެ އައިސް މިސްކިތްތައް އިވެލުއޭޓްކުރުމުގެ މަސައްކަތްތައް އަންނަ ސެޕްޓެމްބަރު މަހުތެރޭގައި ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުޒާރާއިން ވަމުންދާކަން ހީނާ ފާހަގަކުރެއްވިއެވެ.

"އެގޮތުން މެނޭޖުމަންޓް ޕްލޭންތައް ތަންފީޒުކުރުމާއި، ހުށަހެޅިފައިވާ މިސްކިތްތަކުގައި ކުރަންހުރި ބައެއް ކަންކަން ކުރުން މިވަގުތު ކުރިއަށް އެބަދޭ، އިވަލުއޭޓްކުރުމަށްފަހު ގެންނަން ޖެހޭ ބަދަލުތައް ގެނެސް ހުށަހެޅުމުން ލިސްޓުގައި ހިމެނޭނީ 2027 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވަނީ،". ވަޒީރު ވިދާޅުވި އެވެ. 

ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ހުށަހަޅާފައިވާ ހިރިގަލު މިސްކިތްތަކަކީ މާލޭ ހުކުރު މިސްކިތާއި، ހއ. އިހަވަންދޫ ހުކުރު މިސްކިތާއި، ރ. މީދޫ ބާ މިސްކިތާއި، އދ. ފެންފުށީ ހުކުރު މިސްކިތާއި ލ. އިސްދޫ އާސާރީ މިސްކިތެވެ.

ރާއްޖޭގެ ހިރިގަލު ވަޑާމަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ފަންނީ މަސައްކަތެއްގެ ގޮތުގައި އެ ދާއިރާގެ މާހިރުން ފާހަގަކުރައްވައެވެ. 

ކިޔުންތެރިންގެ ހިޔާލު