ENGLISH

01 ޖުލައި 2026

Advertisement

ސާޅީސް އަހަރަށްފަހު ވޯލްޑް ކަޕުގެ ނޮކްއައުޓް ބުރުން މެކްސިކޯ އަށް މޮޅެއް

01 ޖުލައި 2026

|

މުޙައްމަދު އަދުހަމް

އެކުއަޑޯ ކޮޅަށް ލަނޑުޖެހުމަށްފަހު މެކްސިކޯގެ އިތުބާރު ފޯވާޑް، ހިމެނޭޒް އުފާ ފާޅުކުރަނީ. ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ޓީމުގެ ބުރުގައި މިއަދު ހެނދުނު ކުޅުނު މެޗުގައި 2-0 އިން އެކުއަޑޯ ބަލިކޮށް، މެކްސިކޯ އެ މުބާރާތުގެ އަނެއް ބުރުން ޖާގަ ހޯދައިފިއެވެ.

މިއީ މިދިޔަ 40 އަހަރުގެ ތެރޭގައި ވޯލްޑް ކަޕުގެ ނޮކްއައުޓް ބުރުގައި މެކްސިކޯގެ ފުރަތަމަ މޮޅެވެ. އެ ޓީމު އެންމެ ފަހުން ނޮކްއައުޓް ބުރުގެ މެޗަކުން މޮޅުވެފައިވަނީ 1986 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެ ފަހަރުގެ މުބާރާތް އަމިއްލަ ގައުމުގައި ކުޅެ، މެކްސިކޯ މޮޅުވީ ބަލްގޭރިއާ އަތުންނެވެ.

ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން މެޗު ފެށުން ގަޑިއިރަކަށް ލަސްވި ނަމަވެސް، މުބާރާތުގެ އެހެން މެޗުތަކެކޭ އެއްފަދައިން މެކްސިކޯގެ ސަޕޯޓަރުންގެ ފޯރިއަކަށް ބަދަލެއް ނާދެ އެވެ. އެގޮތުން، މެޗު ފެށުމުގެ މާކުރިން، ގާތްގަނޑަކަށް 80،000 އަށްވުރެ ގިނަ ސަޕޯޓަރުން ފެހި ކުލައިގެ ޖާޒީގައި މުޅި ސްޓޭޑިއަމް ވަނީ ފުރާލައިފައެވެ.

މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށުނީއްސުރެ މެކްސިކޯ އިން ދިޔައީ އެކުއަޑޯގެ ޑިފެންސަށް ބާރުބޮޑުކުރަމުންނެވެ. އެގޮތުން، އެ ޓީމުގެ ލުއިސް ރޯމޯ އާއި ގިލްބާޓޯ މޯރާގެ އިތުރުން ރައުލް ހިމެނޭޒް އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއްލިބި ވަނީ ބޭކާރުވެފައެވެ.

އެކުއަޑޯއާ މެކްސިކޯ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ރޮއިޓާސް

މެޗު ފެށިގެން މެކްސިކޯއިން ކުރަމުންދިޔަ އެޓޭކުތައް ހުއްޓުވުމަށްފަހު، ކައުންޓާގައި އެކުއަޑޯ އިން ވަނީ ލިބުނު ފުރުސަތެއްގައި ނުރައްކާކޮށްފައެވެ. މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމުގެ ޖޯން ޔެބޯއާ ފޮނުވާލި މި ބޯޅަ ބޭރަށްދިޔައީ ގޯލުގެ އަރިމަތީދަނޑީގެ ބޭރުގައި ޖެހިފައެވެ.

އޭގެ ހަތަރު މިނެޓުފަހުން، މެޗުގެ 22 ވަނަ މިނެޓުގައި މެކްސިކޯއިން ވަނީ ލީޑުނަަގައިފަ އެވެ. އެ ޓީމުގެ ރޮބާޓޯ އަލްވަރާޑޯ ދިން ޕާހަކުން ހޫލިއަން ކީނޯނޭސް ވަނީ އެކުއަޑޯގެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށްފަހު ގޮސް ގޯލުގެ މަތީކަނަށް އަމާޒުކޮށްލައިގެން ލަނޑުޖަހައިދީފައެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ތިންވަނަ ގޯލެވެ.

މެޗުގެ 31 ވަނަ މިނެޓުގައި މެކްސިކޯގެ ދެވަނަ ލަނޑުޖަަހައިދިނީ ހިމެނޭޒް އެވެ. އޭނާ މި ލަނޑުޖެހީ ކީނޯނޭސް ދިން ބޯޅައަކުންނެވެ. މިއީ އެކުއަޑޯގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާނަގައި ހިމެނޭޒް ކާމިޔާބުކުރި ގޯލެކެވެ. މިއީ މެކްސިކޯ ގައުމީ ޓީމަށް އޭނާ ޖަހައިދިން 47 ވަނަ ލަނޑެވެ. ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖަހައިދިނުމުގެ ރެކޯޑް އޮންނަ ކުރީގެ ފޯވާޑް، ހާވިއޭ ހެނާންޑޭޒްގެ ރެކޯޑާ ހަމަކުރަން ހިމެނޭޒް ބޭނުންވަނީ އެންމެ 5 ގޯލެވެ.

މެކްސިކޯ އިން ނެގި ދެލަނޑުގެ ލީޑާއެކު، އެ ޓީމުގެ ކުޅުންތެރިން ވަރަށް ބޮޑު އިތުބާރާއެކު ކުޅެމުންދިޔައިރު، އެކުއެޑޯއަށް މެކްސިކޯގެ ހަމަލާތައް ހުއްޓުވުމުގައި އުނދަގޫތަކާ ކުރިމަތިލާންޖެހިފައިވެއެވެ.

އެކުއަޑޯއާ މެކްސިކޯ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ރޮއިޓާސް

ފުރަތަމަ ހާފު ނިމުމުގެ ކުރިން އެކުއެޑޯ އަށް ލަނޑުޖަހާނެ ރަނގަޅު އިތުރު ފުރުސަތެއް ލިބުނުނަމަވެސް، އެ ޓީމުގެ ޔެބޯއާ ފޮނުވާލި ނުރައްކާތެރި ހަމަލާ މެކްސިކޯގެ ކީޕަރު ރައުލް ރަންހެލް ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފުގައި އެކުއެޑޯއިން ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކުރި ނަމަވެސް، މެކްސިކޯގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވޭ ގޮތެއް ނުވިއެވެ. މި ހާފުގައި މެކްސިކޯގެ ސެޓް ޕީސްތަކުން ކެޕްޓަން ސެޒާ މޮންޓޭސްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުންހިފޭގޮތެއްނުވިއެވެ.

މެޗުގެ ފަހުބައިގައި މެކްސިކޯގެ ކޯޗު ހަވިއޭ އަގީރޭ ވަނީ، އެ ޓީމަށް ލަނޑުޖަހައިދިން ދެ ކުޅުންތެރިން ކަމަށްވާ، ހިމެނޭޒް އާއި ކީނޯނޭސް އިތުރުން ޒުވާން ކުޅުންތެރިޔާ، މޯރާ ބަދަލުކޮށްފައެވެ. މޯރާ ދަނޑުން ފޭބީ ސަޕޯޓަރުންގެ ހޫނު ތަރުހީބާއެކުއެވެ. އޭނާއަކީ ޕެލޭއަށްފަހު ވޯލްޑް ކަޕް މެޗެއްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއެވެ.

އެކުއަޑޯއާ މެކްސިކޯ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ރޮއިޓާސް

އެކުއަޑޯއިން މެޗުގެ ފަހުބައިގައި ކުރިއަށް އަރައި ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް، މި މުބާރާތުގައި އަދި މިހާތަނަށް ބައިކޮޅަށް ގޯލެއް ވަދެފައިނުވާ މެކްސިކޯގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއްނުވިއެވެ.

މެޗުގެ އިތުރުވަގުތުގެ ތެރޭގައި އެކުއަޑޯގެ ޑިފެންޑަރު، ޕިއޭރޯ ހިންކާޕީއަށް ވަނީ ސީދާ ރަތެއް ދައްކައިފަ އެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ އަނގަމަތީގައި އަތް އަޅައިގެން ހުރެ މެކްސިކޯގެ ސަންޓިއާގޯ ގިމެނޭޒްއާ ވާހަކަ ދެއްކުމުންނެވެ. މުބާރާތުގައި ހިންކާޕީގެ ކުރީން، ޕެރަގުއޭގެ މިގުއެލް އަލްމިރޯން އަށް ވެސް އަނގަމަތީގައި އަތް އަޅައިގެން ވާހަކަ ދެއްކުމުން ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި ރަތް ކާޑު ދައްކައި، ދަނޑުން ފޮނުވާލައިފައެވެ.

މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުގައި މި މަހުގެ ހަވަނަ ދުވަހު މެކްސިކޯ ބައްދަލުކުރަން ޖެހޭނީ އިންގްލެންޑް ނުވަތަ ކޮންގޯއާއެވެ. މި މެޗު ވެސް ކުޅޭނީ އެކުއަޑޯ އާއެކު މެޗު ކުޅުނު މެކްސިކޯ ސްޓޭޑިއަމްގަ އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި މި ތާރީހީ ސްޓޭޑިއަމްގައި ކުޅޭނެ ފަހު މެޗެވެ.


ކިޔުންތެރިންގެ ހިޔާލު