ENGLISH

01 ޖުލައި 2026

Advertisement

އާރަށު މައްސަލައިގައި ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައި ނުގަންނަން ހައިކޯޓުން ނިންމީ ރަނގަޅަށް ކަމަށް ކަނޑައަޅައިފި

01 ޖުލައި 2026

|

އެމް އެމް ޓީމް

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާއި ގުޅިގެން، ދައުލަތުން ހައިކޯޓަށް ހުށަހެޅި އައު ހެކިތައް ބަލައި ނުގަތުމަށް އެ ކޯޓުން ނިންމުމުން އެ މައްސަލަ ސުޕްރީމްކޯޓުގައި އިސްތިއުނާފުކުރުމުން ވެސް އެ ހެކިތައް ބަލައި ނުގަތުމަށް ހައިކޯޓުން ނިންމީ ރަނގަޅަށް ކަމަށް ކަނޑައަޅައިފި އެވެ. 

ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފުކުރި މައްސަލައަކީ، ވ. އާރަށުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރިންގ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވާކަމަށް 2022 ޑިސެމްބަރު 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން 2024 އެޕްރީލް 18 ވަނަ ދުވަހު އެ ހުކުމް ބާތިލްކޮށް އަލުން އެ މައްސަލަ ބަލަން އެންގުމުން ދައުލަތުން އައު ހެކިތައް ހުށަހެޅި މައްސަލައިގެ އިސްތިއުނާފުގެ ބައެވެ. 

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އެއީ މަނީ ލޯންޑަރިންގ ކުށުގެ 7 އަހަރުގެ ޖަލު ހުކުމާއި، ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ 4 އަހަރުގެ ޖަލު ހުކުމެވެ. މީގެ އިތުރުން 5 މިލިއަން ޑޮލަރުން ވެސް އެމަނިކުފާނު ޖޫރިމަނާ ކުރިއެވެ. 

ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް އެ މައްސަލަ ބަލަން ހައިކޯޓުން އެންގި ނަމަވެސް، ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައި ނުގަނެވޭނެ ކަމަށް ކަނޑައެޅިއެވެ. އެހެންކަމުން އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ދައުލަތުން ކުރި އިސްތިއުނާފާއި ގުޅޭ ނިންމުން އޮތީ މިއަދު ހެނދުނު 9 ޖެހި އިރު ސުޕްރީމް ކޯޓުގައެވެ. 

މި މައްސަލައިގެ ނިންމުން އިއްވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން ވިދާޅުވީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ބަހުސަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާއާއި ގުޅުވައި ހައިކޯޓު މަރުހަލާގައި އެފަރާތުން އިޝާރާތަކޮށްފައިވާ ބަހުސެއްކަމަށް ނުވުމުން އެއީ އެ ނުކުތާއަށް ހައިކޯޓުން ގޮތް ނިންމުމުިގައި ރިއާޔަތްކޮށްފައިވާ ގޮތެއް ނޫން ކަމަށް ނިންމާފައިވާތީ، ހައިކޯޓު މަރުހަލާގައި ސުޕްރީމް ކޯޓުގެ ކުރީގެ މައްްސަލައެއް ކަމަށްވާ އަލީ ޒުބައިރުގެ ގަޒިއްޔާއާއި ހަވާލާދީ ވާހަކަ ދެއްކުމުގެ ފުރުސަތު ދައުލަތަށް ލިބިފައިނުވާ ކަމަށް ދައުލަތުން ބުނުމާއި، ބުނެދެވޭނެ ހަމައެއް ނެތުމާއި، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އައު ނުކުތާ ސުޕްރީމް ކޯޓުން ބަލައިގަންނަންޖެހޭ ފަދަ އިސްތިސްނާ ހާލަތެއް މެދުވެރިވެފައިވާ ކަމަށް ދައުލަތުފެ ފަރާތުން ބަޔާންކޮށްދީފައި ނުވާ ކަމަށެވެ. 

މީގެ އިތުރުން ދައުލަތުގެ ފަރާތުން މި މައްސަލައިގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަކީ ހައިކޯޓުން ކުރިން ނިންމި ނިންމުމުގެ މައްޗަށް ކުރިން ހުށަހަޅާފައިނުވާ މުޅިން އައު ކަމެއް ތަތްބީގު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއެއް ކަމަށް ބުރަވެވޭ ކަމަށެވެ. އެހެންކަމުން އެކަމުގެ މައްޗަށް ސުޕްރީމްކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ފަނޑިޔާރު ޝުޖޫންގެ ރައުޔުގައި ވިދާޅުވިއެވެ. 

މައްސަލައިގެ ނިންމުން އިއްވަމުން ރިޔާސަތު ވެސް ބެލެހެއްޓެވި ފަނޑިޔާރު ޝުޖޫން ވިދާޅުވީ ހައިކޯޓުގެ ގަޒިއްޔާގެ ހުކުމަށް ބަދަލެއް ގެންނަންޖެހޭނެތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނިވަޑައިގަންނަވާ ކަމަށެވެ. ފަނޑިޔާރު ޝުޖޫންގެ ރައުޔަށް ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ވަނީ ތާއީދު ކުރައްވާފައެވެ. 

މައްސަލައިގެ ހުކުމް އިއްވަމުން ފަނޑިޔާރު ޝުޖޫން ވިދާޅުވީ ހައިކޯޓުން ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިނުގަތުމަށް ކުރި ހުކުމަށް ބަދަލެއް ގެންނަންޖެހޭނެތަނެއް ނެތް ކަމަށް ކަނޑައަޅުއްވާ ކަމަށެވެ. 

ތިން ފަނޑިޔާރުންގެ ބެންޗަކުން މި މައްސަލަ ބެއްލެވީ، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ކިޔުންތެރިންގެ ހިޔާލު