ENGLISH

01 ޖުލައި 2026

Advertisement

މިނިވަން 60 ފާހަގަކުރަން ހަރަދުކުރީ 4.1 މިލިއަން ރުފިޔާ

01 ޖުލައި 2026

|

އައިމިނަތު ޝަފާ

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު. ފޮޓޯ؛ މަޖިލިސް އިދާރާ.

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހަރަދުކޮށްފައިވަނީ 4.1 މިލިއަން ރުފިޔާކަމަށް އެ ވުޒާރާ ހިންގެވުމާ ހަވާލުވެ ހުންނެވި، ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

އެކަމަނާ މިފަދައިން ވިދާޅުވީ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބު ދެއްވަމުންނެވެ. 

މެމްބަރު ސުވާލުކުރެއްވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް ވުޒާރާއިން ހިންގި ހަރަކާތްތަކަށް ޖުމްލަ ހަރަދުކުރެވުނުގޮތާއި، ހިނގި ހަރަދުތަކުގެ ތަފްސީލަށް އެދިއެވެ. މީގެ އިތުރުން، މިނިވަން ދުވަހުގެ ހަރަކާތްތަކަށް މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި ވުޒާރާއިން ބޭއްވި ގޮތުގެ ތަފްސީލު، މި ހަރަކާތްތައް ހިންގުމަށްކުރެވުނު ހަރަދުތަކާއެކު އަންގަވައިދެއްވުމަށެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެންބަރު ކުރެއްވި ސުވާލުގެ ޖަވާބުގައި ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހަރަދުކޮށްފައިވަނީ 4.1 މިލިއަން ރުފިޔާކަމަށެވެ. 

"މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން މާލެ ފިޔަވައި އަތޮޅުތެރޭގެ އެއްވެސްތަނެއްގައި މި ހަރަކާތްތައް ހިންގާފައެއް ނުވޭ، އެހެންވީމަ އަތޮޅުތެރޭގައި މި ހަރަކާތްތައް ހިންގުމަށް އެއްވެސް ހަރަދެއް ހިނގާފައި ނުވާކަން ފާހަގަކޮށްލަން". ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން އާންމުންނަށް ބައިވެރިވެވޭނެހެން ގިނަ ހަރަކާތްތަކެއް މިދިޔަ އަހަރު ކުރިއަށް ގެންދިޔައެވެ. މިނިވަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއެވެ. މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވުމަށް މޯދީ ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު