ENGLISH
01 ޖުލައި 2026
ސަގާފީ ތަރިކައާއި، އާދަކާދަތަކާއި، އުސޫލުތައް ދަމަހައްޓައި އާލާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
01 ޖުލައި 2026
|
ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި ބައްދަލު ކުރެއްވުން - ފޮޓޯ: ފުލުހުންގެ އިދާރާ
އެންމެ މަޤްބޫލު
ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައި ސަގާފީ ތަރިކައާއި، އާދަކާދަތަކާއި، އުސޫލުތައް ދަމަހައްޓައި އާލާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގައި އޮތް މި ބައްދަލުކުރެއްވުމުގައި ވަޒީރުގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒާއި، ޕާމަނަންޓް ސެކްރެޓަރީ ޔާނިއު ހާޝިމް ބައިވެރިވެވަޑައިގެންނެވިއެވެ.
ފުލުހުން ބުނީ، މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ، ދިވެހި ފުލުހުންގެ ޚިދުމަތާއި ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާ ދެމެދު ދެފަރާތުން އިސްކަންދޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ތާރީހީ އަދި ސަގާފީ ތަރިކަތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި، މުޖުތަމައުގެ އެހީތެރިކަމާއެކު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް ދެފަރާތުން ހިޔާލު ބަދަލުކުރެވުނުކަމަށް ފުލުހުން ބުންޏެވެ.
ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ މުއްސަނދި ސަގާފީ ތަރިކައާއި، އާދަކާދަތަކާއި، އުސޫލުތައް ދަމަހައްޓައި އާލާކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށް ފުލުހުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ރާއްޖޭގެ ސަގާފީ އަދި ތާރީހީ ތަރިކަ ހިމާޔަތްކުރުމުގައި ކަމާގުޅުންހުރި އެންމެހައި ފަރާތްތަކާއެކު ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ކޮމިޝަނަރ އޮފް ޕޮލިސް ދެއްވާފައިވެއެވެ. އަދި އަންނަން އޮތް ޖީލުތަކަށް ގައުމުގެ އަމިއްލަވަންތަކަން ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ފުލުހުންގެ ޚިދުމަތުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށްވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.