ENGLISH
30 ޖޫން 2026
ވަރުގަދަ ޖަރުމަން ކަޓުވާލައި، ޕެރަގުއޭ ގަދަ 16 އަށް
30 ޖޫން 2026
|
ވޯލްޑް ކަޕުން ޖަރުމަން ކަޓުވާލުމަށްފަހު ޕެރަގުއޭގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުގައި، މި މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ޖަރުމަނުވިލާތް ބަލިކޮށް، ޕެރަގުއޭއިން މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.
އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި، އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުން ޕެރަގުއޭއިން ވަނީ ކުރިހޯދާފައެވެ.
ޕެރަގުއޭއަށް ތާރީޚީ ކާމިޔާބީއެއް ކަށަވަރުކޮށްދިން ފަހު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހޯސޭ ކަނާލޭއެވެ. މި އުފާވެރި މޮޅާއެކު ގަދަ 16 ގައި ޕެރަގުއޭ ބައްދަލުކުރަން ޖެހޭނީ ފްރާންސް ނުވަތަ ސްވިޑަންއާއެވެ. މިއީ 2010 ވަނަ އަހަރުގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމަށްފަހު، މިހާތަނަށް ވޯލްޑް ކަޕުގެ މުބާރާތަކަށް ކޮލިފައިވެފައިނުވާ ޕެރަގުއޭއަށް، މި މުބާރާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.
ވޯލްޑް ކަޕުގައި ޖަރުމަނާއި ޕެރަގުއޭ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ރޮއިޓަރސް
ޖަރުމަނުގެ ކޯޗު، އުމުރުން އެންމެ 38 އަހަރުގެ ހޫލިއަން ނާގަލްސްމަން، މުބާރާތުގެ މި މަރުހަލާގައި އެންމެ ޒުވާން ކޯޗުގެ ގޮތުގައި ފެނިގެންދިޔައިރު، އޭނާ މި މެޗުގެ ފުރަތަމަ އެގާރަ އެކުލަވާލީ ވަރަށް ބޮޑަށް އެޓޭކަށް އިސްކަންދީގެންނެވެ. އެގޮތުން މުބާރާތުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ޑެނިޒް އުންޑާވްއަށް ފުރަތަމަ އެގާރައިން ފުރުސަތުދިނެވެ. މެޗުގެ ކުރީކޮޅު ޖަރުމަނުން ބޯޅަ ކޮންޓްރޯލްކޮށް، ޕެރަގުއޭގެ ހާފަށް ބާރުބޮޑުކުރި ނަމަވެސް، ފުރަތަމަ ހާފުގައި ޖަރުމަނަށް ޕެރަގުއޭގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.
މެޗުގެ 35 ވަނަ މިނެޓާ ހަމައަށް އައިއިރު، ޖަރުމަނުން 244 ޕާސް ފުރިހަމަކޮށްފައިވާއިރު، ޕެރަގުއޭއަށް ފުރިހަމަކުރެވުނީ އެންމެ 31 ޕާހެވެ. ނަމަވެސް ޕެރަގުއޭއިން، އެ ޓީމުގެ ރޭވުންތެރިކަމާއެކު މެޗުގެ ފުރަތަމަ ލަނޑު ޖަހައި އެންމެން ހައިރާންކޮށްލިއެވެ. ކަނާތްފަރާތުން އުފެއްދި ހަލުވި ހަމަލާއެއްގައި، ހޫލިއޯ އެންސީސޯ ވަނީ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ތެރެއަށް އަމާޒުކޮށް، ވޯލްޑް ކަޕުގެ ނޮކްއައުޓް މަރުހަލާގައި އެ ޤައުމުން ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
ވޯލްޑް ކަޕުގައި ޖަރުމަނާ ދެކޮޅަށް ޕެރަގުއޭގެ ކަނާލޭ ޕެނަލްޓީ ފޮނުވާލަނީ --- ފޮޓޯ: ރޮއިޓަރސް
ޖަރުމަނުން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެމުން ދަނިކޮށް، ލަނޑެއް ލިބުމުން އެ ޓީމުގެ ކުޅުންތެރިންގެ މެދުގައި މާޔޫސްކަން އުފެދުނެވެ. ނަމަވެސް ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ފްލޯރިއަން ވާޓްޒް ނަގައިދިން ހުރަހަކުން ކައި ހަވާޓްޒް ވަނީ ބޮލުން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އޭގެ ފަހުންވެސް ޖަރުމަނަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް، ޕެރަގުއޭގެ ގޯލްކީޕަރު އޮލަންޑޯ ގިލް ވަނީ ހުށިޔާރުކަމާއެކު އެ ހަމަލާތައް ދިފާއުކޮށްފައެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަރުމަނުގެ ޖޮނަތަން ޓާ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު، އެއީ ކީޕަރަށް ކުރި ފައުލެއް ކަމަށް ނިންމައި އެ ލަނޑު ބަލައިނުގަތެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީތަކުގައި ޖަރުމަނުގެ ހަވާޓްޒް، ނިކް ވޯލްޓެމޭޑް އަދި ޖޮނަތަން ޓާގެ ޕެނަލްޓީތައް ކާމިޔާބުނުވުމުގެ ފައިދާ ނަގައި، ކަނާލޭ ވަނީ ފަހު ޕެނަލްޓީ ކާމިޔާބުކޮށް ޕެރަގުއޭއަށް ތާރީޚީ މޮޅެއް ހޯދައިދީފައެވެ.